މާލެ އާއި ވިލިމާލެ ފަޅުގައި ގަވާއިދާ ހިލާފަށް އަޅާފައި ހުރި އުޅަނދުތައް ނަގަނީ
މާލެ އާއި ވިލިމާލެ ފަޅުގައި ގަވާއިދާ ހިލާފަށް އަޅާފައި ހުރި ކަނޑު ދަތުރު ކުރާ އުޅަނދުފަހަރުތަކާއި ގިނަ ދުވަސްތަކެއް ވަންދެން ދަތުރުނުކޮށް ފަޅުގައި އަޅާފައި ހުރި އުޅަނދުފަހަރު ނެގުމުގެ މަސައްކަތް ފަށައިފި އެވެ.
މިއަދު ހެނދުނު މަސް މާރުކޭޓު ހިމެނޭ ސަރަހައްދުން ފެށި އެ މަސައްކަތް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުްނސިލް އާއި ފުލުހުންގެ އިތުރުން ސަރުކާރުގެ ކަމާ ގުޅުން ހުރި އެހެން މުއައްސަސާތައް ގުޅިގެންނެވެ.
ފުލުހުން ބުނީ މިއަދު ފެށި މަސައްކަތުގެ ތެރެއިން މަސް މާރުކޭޓު ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ބަލައި ފާސްކުރަމުން ގެންދާނެ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ހުރި އުޅަނދުތަކާއި އެ ސަރަހައްދުގައި ގިނަ ދުވަސްތަކެއް ވަން ދެން ނުދުއްވާ ކަމަށް ފަހާގަ ކުރެވޭ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން ދާނެ ކަމަށް ފުލުހުން ބުންޏެވެ.
މި މަސައްކަތް ފަށާފައި ވަނީ މާލެ ސިޓީ ކައުންސިލް އާއި ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުން މަޝްވަރާ ކޮށް ދިރާސާ ކުރުމަށް ފުލުހުން ބުންޏެވެ.