ޚަބަރު

އެމްޑީއެންގެ އެކައުންޓުތަކުގައި ހުރި 7000 ޑޮލަރު ޑެފް އެސޯސިއޭޝަނަށް

ދެން އެމްވީ ، ދެން އޮންލައިން

އުވާލާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން)ގެ އެކައުންޓުތަކުގައި ހުރި ފައިސާތައް ޑެފް އެސޯސިއޭޝަނަށް ދިނުމަށް ޔޫތް މިނިސްޓްރީން ނިންމައިފިއެވެ.

Ads by Sosun Fihaara

ޖަމްއިއްޔާތަކުގެ ރެޖިސްޓްރާ އަހުމަދު އިރާޝް މިއަދު ވިދާޅުވީ، އެމްޑީއެން އުވާލަން ނިންމައި އެ ޖަމްއިއްޔާގެ ދަރަންޏާއި މުދާ އަދި ފައިސާއާ މެދު އަމަލު ކުރާނެ ވަކިގޮތެއް މިނިސްޓްރީއަށް އަންގަން ޖަމްއިއްޔާތަކުގެ ގާނޫނުގައި ބުނާ، 45 ދުވަހުގެ މުއްދަތެއް އެ ޖަމްއިއްޔާއަށް ދިން ކަމަށާއި އެހެން ނަމަވެސް އެ މުއްދަތުގައި އެ ޖަމްއިއްޔާއިން އެއްވެސް އެއްޗެއް މިނިސްޓްރީއަށް އަންގާފައި ނުވާ ކަމަށެވެ. އަދި ޑެފް އެސޯސިއޭޝަނަށް އެފައިސާތައް ދިނުމަށް ނިންމީ ޖަމްއިއްޔާތަކާ ބެހޭ ގަވާއިދުގެ 45 ވަނަ މާއްދާގެ ހ. ގެ ދަށުންނެވެ.

ރަސްމީކޮށް އެމްޑީއެން އުވާލީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

އެމްޑީއެން އުވާލުމަށް ނިންމީ އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓަކާ ގުޅިގެން ފުލުހުން ކުރި ތަހުގީގަށްފަހު ދީފައިވާ މައުލޫމާތުތަކަށް ބެލުމަށްފަހުއެވެ. އެގޮތުން ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި އެމްޑީއެންގެ ރިޕޯޓުގައި ވަނީ ދީނަށް ފާޑުކިޔައި، ތައުހީނުކޮށް ފުރައްސާރަ ކޮށްފައެވެ.

އެމްޑީއެންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ ރިޕޯޓު ލިޔުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ފުލުހަށް ހާޒިރުވާން ވަނީ ޗިޓު ހަވާލުކޮށްފައެވެ. ނަމަވެސް މިކަމުގައި އަމަލީ ގޮތުން ބައިވެރިވި އިސް މީހުން މިވަގުތު ތިބީ ރާއްޖެ އިން ބޭރުގައެވެ.

ފުލުހުން ޗިޓު ހަވާލުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެމްޑީއެންގެ ރައީސް ޝަހިންދާ އިސްމާއިލް އާއި އެ ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ އަޒްރާ ނަސީމް ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!