ޝާހިދުގެ ފާޑުކިޔުން ސިވިލް ސާވިސް ކޮމިޝަނަށް
ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ) ގެ މަސައްކަތްތައް ލަސްވުމުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކަންބޮވުން ފާޅުކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީއަށް ޕާމަނެންޓް ސެކްރެޓްރީ އެއް އައްޔަން ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އެމިނިސްޓްރީ އަށް ޕާމަނެންޓް ސެކްރެޓްރީ އެއް އައްޔަން ކުރެއްވުމަށް ހުށަހަޅައިފައިވާތާ މިހާރު 100 އަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ޕީއެސްގެ މަގާމަށް ހަމަޖެއްސެވި އައިމިނަތު ޝިފާނާ މަސައްކަތަށް ނުކުންނެވުމުގެ ހުއްދަ ދެއްވީ، އޭނާ މަގާމަށް އައްޔަން ކުރިތާ 42 ދުވަސް ފަހުން ކަމަށް ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީގެ ޕީއެސްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އާމިނަތު އަބްދުﷲ ދީދީ، ޓްރިވެންޑްރަމްގެ ކޮންސުލް ޖެނެރަލަކަށް އައްޔަން ކުރެއްވުމުންނެވެ.
ޝާހިދު ވިދާޅުވީ ފޮރިން މިނިސްޓްރީއަށް މުވައްޒަފުންތަކެއް ބޭނުންވެގެން އިއުލާން ކޮށްފައިވާ ކަމަށާއި އެކަމަށްވެސް 28 ދުވަސް ވެފައިވާ ކަމަށެވެ. އެހެންކަމުން އެފަދައިން ކަންކަން ނުކުރުމަށް ސިވިލް ސާވިސް ކޮމިޝަނަށް ޝާހިދު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ޝާހިދު ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނަކީ އެންމެހާ މުވައްޒަފުންނަށް ނަމޫނާ ދައްކަން ޖެހޭ ތަނެއް ކަމަށާއި، ނަަމަވެސް އޭގެ ބަދަލުގައި ފެނިގެންދަނީ އެކޮމިޝަނުން ކުރަން ޖެހޭ ކަންކަން ލަސްވެ ކަންކަން ދިގުލައިގެންދާ މަންޒަރު ކަމަށެވެ.