އެމެރިކާގައި ކެންގަރޫއެއް ހައްޔަރުކޮށްފި
އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ފްލޮރިޑާގައި މަގުމަތީގައި ފުންމަން އުޅުނު ކުޑަ ކެންގަރޫ އެއް ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި ކެންގަރޫ ހައްޔަރު ކުރަން ޖެހުނީ އެއްވެސް އަޅާލުމެއްނެތި މަގުމަތީގައި ކެންގަރޫ އެއް އުޅޭ ކަމަށް ބަޔަކު ރިޕޯޓުކުރުމުންނެވެ. ފުލުހުން ވަނީ މި ކެންގަރޫ ހިފައި ހައްޔަރުގެ ދަށަށް ގެންގޮސްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ކެންގަރޫ އަކީ އެންތަނީ މާސިއަސް ނަމަކަށް ކިޔާ މީހަކު ގޭގައި އޮޅުކޮށްގެން ގެންގުޅޭ ކެންގަރޫއެކެވެ. އަދި މި މީހާ އެ ކެންގަރޫ ހޯދަން މަސައްކަތް ކުރި ނަމަވެސް ފުލުހުން ވަނީ ދިނުމަށް ދެކޮޅު ހަދާފައެވެ. އެގޮތުން އެ ސަރަހައްދަކީ ކެންގަރޫ އުޅުނު މަނާކޮށްފައިވާ ސަރަހެއްދެއްކަމުގައި ފުލުހުން ބުނެފައިވެއެވެ.
މާސިއަސް ބުނެފައިވާ ގޮތުގައި އޭނާގެ ކެންގަރޫ މަގުމައްޗަށް ދޫވެފައިވަނީ އޭނާގެ އިހުމާލުންނެވެ. އެގޮތުން ގޭގެ ގަރާޖުގެ ދޮރު އޭނާ އަށް ނުލެއްޕި ހުރުމުގެ ސަބަބުން އޭތި ފިލީކަމުގައި އޭނާ ބުނެފައިވެއެވެ.
އެ ކެންގަރޫ އާ މެދު ކަންތައް ކުރާނެ ގޮތެއް އަދި ފުލުހުން ނިންމާފައެއްނުވެއެވެ.