ޚަބަރު

ވުހާން ވައިރަސްއާ ގުޅިގެން ރާއްޖޭގައި ސަލާމަތީ ފިޔަވަޅު އަޅަނީ

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާ އިން ދާދި ފަހުން ފެނުނު އާ ވައިރަހެއް ކަމަށްވާ ވުހާން ވައިރަސް ރާއްޖޭގައިވެސް ފެތުރިދާނެ ކަމަށް ތައްޔާރުވަމުގެ ގޮތުން ސަލާމަތީ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

Ads by Sosun Fihaara

ވުހާން ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ ވިހާން ސިޓީންނެވެ. ނުރައްކާތެރި "ސާސް" ވައިރަސް އާ އެއްގޮތް ސިފަތަކެއް ހުންނަ ވުހާން ވައިރަސް ޖެހުނު މީހުންގެ ރަސްމީ އަދަދު މިހާރު 200 އަށް އަރާފައިވާފާ ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުނެ ބުނެއެވެ.

ނޭވާލާ ނިޒާމަށް ޖެހޭ މި ބަލީގައި ތިން މީހަކު މިހާތަނަށް ވަނީ މަރުވެފައިވާ އިރު، މި ވައިރަސް ވެރި ރަށް ބެއިޖިންގެ އިތުރުން ޝެންޒެން އިން ފެނިފައިވާ ކަމަށްވެސް ޗައިނާ ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ފާއިތުވި ދެ ދުވަހުގެ ތެރޭގައި 139 މީހެއްގެ ގައިން އެ ވައިރަސް ފެނިފައިވާ ކަމަށް ބުނެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ޗައިނާގައި ފެތުރެމުންދާ ވައިރަސް ރާއްޖޭގައި ފެތުރިދާނެ ކަމަށް، އެއާޕޯޓާއި ކަމާ ގުޅުންހުރި އިދާރާތަކާއެކު ބައްދަލުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އަދި ސިއްހީ އިދާރާތަކާއެކު މިކަމާ ގުޅުންހުރި މަޝްވަރާތައް މިހާރު ދަނީ ކުރަމުން ކަމަށް ވިދާޅުވި އެވެ.

އެހެންނަމަވެސް، އެއީ އާ ވައިރަސް އެއް ކަމުން ރާއްޖެ އަންނަ ފަތުރުވެރިން ސްކްރީން ކުރެވޭނެ ގޮތެއް އަދި ހަމަޖެހިފައި ނެތް ކަން ޑރ. އަފްޒަލް ފާހަގަކުރެއްވި އެވެ.

ވުހާން އިން އަންނަ ޕަސިންޖަރުން ސްކްރީން ކުރަން ސިންގަޕޫރާއި ހޮން ކޮންގެ އެއާޕޯޓްތަކުގައި މިހާރު ވަނީ ފަށައިފަ އެވެ. އެމެރިކާގެ ސެން ފްރެންސިސްކޯ، ލޮސް އެންޖަލިސް އަދި ނިއު ޔޯކުގެ އެއާޕޯޓްތަކުގައި ވެސް ވަނީ އިއްޔެ އިން ފެށިގެން ސްކްރީން ކުރަން ފަށައިފަ އެވެ.

ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމުކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!