ޚަބަރު

އެމްއެމްޕީއާރްސީގެ ފައިސާ ލިބިފައިވާނަމަ ވަގުތުން އިސްތިއުފާ ދޭނަން: މަވޯޓާ ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން އެއްވެސް ފައިސާއެއް ލިބިފައިވާނަމަ ވަގުތުން އިސްތިއުފާ ދިނީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝަރީފް މިފަދައިން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ނަންތަކުގެ މައްޗަށް އެކުލެވޭ ލިސްޓެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ލިސްޓުގައި ޝަރީފުގެ ނަންފުޅު ވެސް ހިމެނިފައިވެއެވެ.

މިކަމާ ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކަމަކީ ވަކި މީހަކަށް އަމާޒުކޮށް ސިޔާސީ ބޭނުމަކަށް ކޮށްފައިވާ ކަމެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި އޭނާ ވޯޓު ދެއްވީ ޕާޓީގެ ވިޕާ އެއްގޮތަށް ކަމުގައި ވެސް ޝަރީފު ވިދާޅުވިއެވެ. އަދި ލިބުނުކަމަށް ބުނާ ފައިސާގެ ތެރެއިން އެއްވެސް ފައިސާއެއް އޭނާއަށް ލިބިވަޑައިގެންފައި ވީ ނަމަ ވަގުތުން އިސްތިއުފާ ދެއްވީސް ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

“ އަޅުގަނޑަށް ތިއިން އެއްވެސް ފައިސާއެއް ލިބިފައިވާނަމަ އަޅުގަނޑު ވަގުތުން އިސްތިއުފާ ދިނީމުސް. ވަކި މީހަކަށް ޓާގެޓްކޮށްގެން ސިޔާސީ ބޭނުމަކަށް ކޮށްފައިވާ ކަމެއް ތިއީ. މަޖިލީހުގަ އަޅުގަނޑު ވޯޓު ދީފައިވާނީ އަޅުގަނޑުގެ ޕާޓީ ވިޕާ އެއްގޮތަށް. ރިކޯޑް ބައްލަވާލެއްވީމަ އެކަން ސާފުވާނެ “ ޝަރީފް ވިދާޅުވިއެވެ.

އެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނާ މީހުންގެ ލިސްޓު މިހާރު ވަނީ އާންމުވެފައެވެ. އެ ލިސްޓުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްއާއި އެމްޑީޕީ އަދި ޖޭޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންނާއި އޭރުގެ ބައެއް މިނިސްޓަރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން މި ލިސްޓުގައި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ގާނޫނީ ބޭފުޅުންގެ އިތުރުން މީޑިއާގެ ބައެއް ބޭފުޅުންނާއި ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިންނާއި ވިޔަފާރި ކުންްފުނިތަކުގެ އިތުރުން އާންމުން ވެސް ހިމެނެއެވެ.

މި ބޮޑު ޚިޔާނާތުގައި ފައިސާ ލިބުނު ކަމަށް ބުނާ ، އާންމު ވެފައިވާ ލިސްޓާ ގުޅިގެން މަޖިލީހުން ވިދާޅުވެފައި ވަނީ ލީކު ވެގެން އުޅޭ ލިސްޓާއި އެބޭފުޅުންގެ އަތުގައި އޮތް ލިސްޓާ ތަފާތު ކަމަށެވެ. އެގޮތުން ލީކު ވެގެން އުޅޭ ލިސްޓުގައި ޚިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ފޮޓޯ ހިމަނައިފައި ވާއިރު، މަޖިލީހަށް ލިބިފައިވާ ލިސްޓުގައި އެއިން އެއްވެސް ބޭފުޅެއްގެ ފޮޓޯ ނުހިމެނޭ ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި ލިސްޓަކީ އެސެސްޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލައިފައިވާ ލިސްޓެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!