ދުނިޔެ

ރަޝިއާގައި ޖަނަވާރުތަކަށް ވެސް ކޮވިޑް-19 ވެކްސިން ޖަހަން ފަށައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19 އިން ދިފާޢުވުމަށް ރަޝިއާގައި ޖަނަވާރުންގެ ގަޔަށް ވެކްސިން ޖަހަން ފަށައިފިއެވެ.

Ads by WAMCO

މިދިޔަ މާރިޗް މަހު ރަޝިޔާއިން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޖަނަވާރުތަކަށް ޚާއްސަ ވެކްސިނެއް އުފައްދާ އެ ވެކްސިން ރެޖިސްޓްރީކޮށްފައެވެ. މިއީ ޖަނަވާރުންނަށް ޚާއްސަކޮށްގެން އުފެއްދި ކޮވިޑް-19 ފުރަތަމަ ވެކްސިނެވެ.

ރަޝިޔާގެ ޖަނަވާރަށް ފަރުވާދޭ ގިނަ ވެޓް ކްލިނިކްތަކުގައި މިހާރު މިވެކްސިން ޖަހަން ފަށާފައިވާ ކަމަށް ރަޝިއާގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ. ކާނިވަކް-ކޮވް ނަމުން ނަން ދީފައިވާ މި ވެކްސިން ގަތުމަަށް ޔޫރިރަޕިއަން ޔޫނިއަން، އާޖެންޓީނާ، އުތުރު ކޮރެއާ އަދި ޖަޕާނުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިވެކްސިން އުފެއްދި ކުންފުންޏާ ހަވާލާދީ، ރަޝިއާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް ކޮވިޑް-19 އަރާނެ ކަމަށް މިހާތަނަށް ކުރި އެއްވެސް ދިރާސާއަކުން ދައްކާފައެއް ނުވެއެވެ. ނަމަވެސް ކުއްތާ އަދި ރާމާމަކުނަށް ކޮވިޑް-19 ވައިރަސް ޖެހޭ ކަމަށް ދިރާސާތަކުން ދައްކައެވެ. ރަޝިޔާގެ ކޮވިޑް-19 ޖަނަވާރު ވެކްސިން ޖަހާތާ 6 މަސް ވަންދެން ވެކްސިނުގެ ބާރު ހުންނަ ކަމަށްވެއެވެ.

ޖަނަވާރުންނަށް ޚާއްސަ ކޮވިޑް-19 ވެކްސިނެއް އެމެރިކާގެ ކުންފުންޏެއް ކަަމަށްވާ ޒޮއިޓިސްއިން ވެސް ދަނީ އުފައްދަމުންނެވެ.

ޖަނަވާރުތަކަށް ޚާއްސަ ވެކްސިނެއް އުފެއްދި ރަޝިއާ ވެގެން ގޮސްފައި ވަނީ އެންމެ ފުރަތަމަ ކޮވިޑް-19 ވެކްސިން އުފައްދާ ޖަހަން ފެށި ޤައުމަށެވެ. މިގޮތުން ރަޝިޔާގެ ކޮވިޑް-19 ވެކްސިން ސްޕްޓްނިކް-5 ވެކްސިން ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ޖަހައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!