ޚަބަރު

ކޮރޯނާ ވައިރަސް ފެނިއްޖެނަމަ ރާއްޖެ އޮތީ ތައްޔާރަށް: އަމީން

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގައި ބާރު ސްޕީޑެއްގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ރާއްޖެ ތައްޔާރުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

Ads by STELCO

ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖެއިން މިހާތަނަށް ކޮރޯނާ ވައިރަސްއަށް އެއްވެސް މީހަކު ޝައްކު ކުރެވިފައި ނުވާ ކަމަށާއި ނަމަވެސް އެ ވައިރަސް ފެނިއްޖެ ނަމަ އަމަލު ކުރާނެ ގޮތުގެ ޕްލޭންއެއް އެކުލަވާލައި ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ.

"ސިއްހީ ހިދުމަތް ދޭ ފަރާތްތަކާއި އެއާޕޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވާނީ، އެ މުއައްޒަފުންނަށް ކޮރޯނާ ވައިރަސްއާއި އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން މައުލޫމާތު ދެވި، ސަރުކާރު ކުންފުނިތަކާ ގުޅިގެން ކޮރޯނާ ވައިރަސް ފެނިއްޖެ ހާލަތެއްގައި ބޭނުންވާނެ މާސްކުތައް ހޯދުމުގެ މަސައްކަތާއި ސިއްހީ އެހެނިހެން ވަސީލަތްތައް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި." އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވައިރަސް ޖެހިފައިވާ މީހެއް ކަމަށް ޝައްކު ކުރެވޭ ހިސާބުން ފަށައިގެން ފޮލޯ ކުރާނެ ގައިޑްލައިންތަކެއް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ ކަމަށެވެ.

"ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖެއިން މިހާރު ވަމުން އަންނަ ތައްޔާރީތައް އަޅައިކިޔާއިރު އެއް އުސޫލެއްގައި އެއް މިންގަނޑެއްގައި ކަންތައް ކުރަމުން އެބަދަން،" އަމީން ވިދާޅުވި އެވެ.

"މީހަކަށް ތުހުމަތު ކުރެވިގެން ނުވަތަ މީހަކު ޕޮޒިޓިވްވާ ހާލަތެއްގައި އޭނައަށް ފަރުވާ ދިނުމަށްޓަކައި ވާން ޖެހޭ ތައްޔާރީތަކުގެ އިތުރަށް ދަތުރުފަތުރާއި ޓްރާންސްޕޮޓޭޝަން އާއި އެމްބިއުލެންސް ހިދުމަތައް ވެސް ވަކި އިންތިޒާމްތަކެއް ހަމަޖެހިފައި މިހާރު ހުރީ. އެހެންވީމަ އަޅުގަނޑުމެންނަށް ކަށަވަރުކަމާއެކީގައި ދަންނަވަން ކެރޭ މިވަގުތު އަޅުގަނޑުމެންނަށް މިކަހަލަ ކޭސްއެއް ފެނިއްޖެ ހިނދެއްގައި ނުވަތަ ފެންނާނެ ހިނދެއްގައި ކޭސްތަކަށް ފަރުވާ ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވަނީ ވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސް ޖެހޭ މީހަކު އެކަހެރި ކުރުމުގެ ފެސިލީޓީތައް ގާއިމް ކުރުމުގެ މަސައްކަތް ނިމި، އެތަނުން ފަރުވާ ދެވޭ ވަރަށް ތައްޔާރުކޮށްފައިވާ ކަމަށް އަމީން ވިދާޅުވި އެވެ. އަދި ވައިރަސް އިތުރަށް ފެތުރިއްޖެ ހާލަތެއްގައި އައިސޮލޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް ކުރެވޭނެ ކަންކަން ވެސް ބަލަމުން އަންނަ ކަމަށް އަމީން ވިދާޅުވި އެވެ. އޭގެ އިތުރުން މި ވައިރަސް ފެތުރުމާ ގުޅިގެން ހުން ހުރިތޯ ބެލުމަށް ބޭނުން ކުރާ ތާމަލް ކެމެރާތަކުގެ ޑިމާންޑު ދުނިޔޭގައި ވަރަށް ބޮޑުވެފައިވާ ކަމަށާއި ނަމަވެސް ރާއްޖެއަށް އިތުރު ކެމެރާތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ބެހޭ ގޮތުން އެއްވެސް ކަމެއް ސަރުކާރުން ސިއްރެއް ނުކުރާނެ ކަމަށެވެ. އަދި ސަރުކާރުން އިސް ކުރާނީ ރައްޔިތުން ކަމަށާއި އެ ވައިރަސްއާ ދެކޮޅަށް ވާން ޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށް އަލީ ވަހީދު ވެސް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!