ދުނިޔެ

ސަމާލުވޭ! "ފޯޓްނައިޓް" ގޭމަކީ ގެފުޅު ތަޅައިލާން ހިތްވަރުދޭ ގޭމެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިހާރު އާންމުވަމުން އަންނަ ވީޑިއޯ ގޭމެއް ކަމަށްވާ "ފޯޓްނައިޓް" ގައި، މުސްލިމުންގެ މާތް ވެގެންވާ ހަރަމްފުޅު (ގެފުޅު) ތަޅައިލާން ހިތްވަރުދޭ ކަމަށް މިސްރުގެ ގާހިރާގައި ހުންނަ އަލް އަޒްހަރު ޔުނިވާސިޓީން ބުނެފިއެވެ.

Ads by Sosun Fihaara

ފޯޓްނައިޓް ގޭމާ ބެހޭ ގޮތުން އަޒްހަރް ޔުނިވާސިޓީން މިހެން ބުނެފައި ވަނީ އެ ޔުނިވާސިޓީގެ އިންޓަނޭޝަނަލް ސެންޓަރ ފޯރ އިލެކްޓްރޯނިކް ފަތުވާ މެދުވެރިކޮށެވެ.

"މި ސެންޓަރުން މީގެ ކުރިން ވެސް ވަނީ އެފަދަ ގޭމްތަކާ މެދު ސަމާލުވުމަށް އަންގައިފައި. އެފަދަ ގޭމުތަކަކީ މުޖުތަމައު ހަލާކުކޮށް، ކުޑަ ކުދިންގެ ސިކުނޑިއާ ކުޅެ، އެކުދިންނަށް ނޭދެވޭ ހިޔާލު ގެނުވާ ގޭމުތަކެއް. އެފަދަ ގޭމުތައް ވަނީ ހެދިބޮޑުވަމުން އަންނަ ކުޑަކުދިން ދިރިއުޅުމުގައި ފައިދާ ހުންނާނެ ކަންކަން ކުރުމުގެ ހުރަހަކަށް. އަދި ކުޑަކުދިންގެ ހިތްތަކުގައި އިސްލާމް ދީނުގެ ކަންކަމާ މެދު ނަފްރަތު އުފައްދުވާ" އަޒްހަރު ޔުނިވާސިޓީން މިކަމާ މެދު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައިވެއެވެ.

އަޒްހަރް ޔުނިވާސިޓީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފޯޓްނައިޓް ގޭމުގައި، ކުރިއަށް އޮންނަ ލެވެލަށް ދެވެނީ ކައުބަތުﷲ ގެފުޅުކަމަށް ދައްކައިފައިވާ ތަނެއް ތަޅައިލައިގެން ކަމަށެވެ.

އެހެންކަމުން މިއީ އިސްލާމްދީނާ ޅަ ދަރިން ދުރުކުރުމުގެ މަޤްސަދުގައި ހަދާފައިވާ ގޭމެއް ކަމަށާއި އެފަދަ ގޭމުތަކާ ދުރުހެލިވުމަށް އަޒްހަރް ޔުނިވާސިޓީން ނަސޭހަތްތެރި ވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!