ޚަބަރު

އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް ބިދޭސީން ގެނައި 3 ކުންފުންޏެއްގެ މައްސަލަ ފުލުހުންނަށް

ދެން އެމްވީ ، ދެން އޮންލައިން

އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް ގިނަ މަސްރޫޢުތަކަކަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި މަކަރުވެރި ޢަމަލު ހިންގާ އަދި ސައްޙަ ނޫން ލިޔެކިއުން ހުށަހަޅާފައިވާކަމަށް ތުހުމަތު ކުރެވިގެން ތިން ކުންފުންޏެއްގެ މައްސަލަ އިމިގްރޭޝަނުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

Ads by STELCO

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ މި މަހުގެ 11 ވަނަ ދުވަހު މިމައްސަލަތައް ތަހުޤީގު ކުރުމަށްޓަކައި ފުލުހުންނަށް ފޮނުވުނީ، މައްސަލަތަކާއި ގުޅިގެން ކުރެވިފައިވާ މުޢާމަލާތްތަކާއި، މިމައްސަލަތަކުގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ އެންމެހާ މަޢުލޫމާތުތަކާއި އެކުގައި ކަމަށެވެ.

މީގެ އިތުރުން މައްސަލަތަކުގެ ތަހުޤީގު ނިމެންދެން މި ތިން ކުންފުނީގެ ޙިއްސާދާރުންނާއި، މިމައްސަލަތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކަށް އިމިގްރޭޝަނުން ފޯރުކޮށްދެމުންދިޔަ ބިދޭސީންނާއި ގުޅުންހުރި އެންމެހާ ޚިދުމަތްތަކެއް މެދު ކަނޑާލާފައި ވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

މި ތިން މައްސަލައާއިއެކު، އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ޖުމްލަ 27 މައްސަލަ ތަހުޤީގު ކުރުމަށްޓަކައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ​އިންސާނީ ވަގުފާރިއަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށްޓަކައި ކަމާއިގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން އިމިގްރޭޝަނުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެންމެހާ ފަރާތްތަކަށް އަރުވާ ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!