ރިޕޯޓް

ޝިދާތާއާ ހަމައިން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ހުއްޓުވޭނެ!؟

ދެން އެމްވީ ، ދެން އޮންލައިން

މިއަހަރު ފެށިގެންދިޔައީ ވަރަށް ހިތާމަވެރި ހާދިސާތަކަކާއެކުގައެވެ. މިދިޔަ މަހުން ފެށިގެން އަދިވެސް އެންމެ ގިނަ ވާހަކައެއްގެ ގޮތުގައި ދެކެވެނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ މައްސަލަތަކުގެ ވާހަކައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅޭ ވާހަކަ އާއި އެ މައްސަލަތަކުގައި ތުހުމަތުވާ މީހުން ހައްޔަރުކުރާ ވާހަކައެވެ.

Ads by Sosun Fihaara

އެ މައްސަލަތަކުގެ ތެރޭގައި ކާފަ އާއި މުނިކާފަ އާއި ދޮންބައްޕަ، ދަރިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ގިނައެވެ. އަންހެން ދަރިންގެ ހިމާޔަތުގައި ހުންނަން ޖެހޭ މީހުން ކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލައަކީ ވަރަށް ބޮޑަށް ވިސްނަންވެއްޖެ މައްސަލައެކެވެ.

ޖިންސީ ގޯނާގެ މައްސަލަތަކަކީ ނުހުއްޓުނު މައްސަލައެއް!

ޖިންސީ ގޯނާގެ ތުހުމަތުގައި މިހާރު ވެސް ގިނަ ބަޔަކު ތިބީ ހައްޔަރުގައެވެ. ކުރިން ވެސް ތުހުމަތުގައި ހައްޔަރުކޮށް، ކޯޓުގެ ހުކުމަކާ ހަމައަށް ނުގޮސް އެމީހުން ބަންދުން ދޫކޮށްލަން ޖެހެއެވެ. އަނެއްކާވެސް ޖިންސީ ގޯނާގެ މައްސަލަތަކުގައި އެމީހުން ހައްޔަރުކުރަން ޖެހެއެވެ.

ކޯޓުތަކުން އެފަދަ މައްސަލަ އަވަސްކުރަން ޖެހެއެވެ. ހުކުމަކާ ހަމައަށް ގެންދިއުމަށް ފުލުހުން އެކަށީގެންވާ ހެކި ވެސް ހޯދަން ޖެހެއެވެ. އެހެންނޫންނަމަ، މުޖުތަމައަށް އެ ދޫކޮށްލެވެނީ ވަރަށް ނުރައްކާ ބައެކެވެ. އެފަދަ ކުށްތައް ކުރާ މީހުންނަށް ކަނޑައަޅާ އަދަބުތައް އިތުރަށް ބޮޑުކުރަން ވެސް އެބަ ޖެހެއެވެ. އެކަމަށް ގާނޫނަށް ރަނގަޅު ބަދަލެއް ގެންނަން އެބަ ޖެހެއެވެ.

ބޮޑު ޕްރެޝަރަކާއެކު ޖެންޑާ މިނިސްޓަރުކަމުން ޝިދާތާ އިސްތިއުފާ ދޭން ޖެހުނު!

ޖިންސީ ގޯނާގެ މައްސަލަތަކުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފު، އެ މަގާމުގައި ހުންނަވަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕުން މިދިޔަ ބުދަ ދުވަހު ވަނީ ނިންމައިފައެވެ. އަދި އިސްތިއުފާ ނުދެއްވައިފި ނަމަ، ޝިދާތާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދާނެ ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ ވިދާޅުވެފައެވެ.

ޖެހިގެން އައި ދުވަހު އަޑުއިވިގެންދިޔައީ ޝިދާތާ އިސްތިއުފާދެއްވި ވާހަކައެވެ. މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ އިސްތިއުފާދެއްވުމުން އެ މަގާމަށް ރައީސުލުޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަން ކުރެއްވި އައިޝަތު މުހައްމަދު ދީދީއެވެ.

ޖެންޑާ މިނިސްޓަރުކަމަށް އައްޔަންކުރެއްވި އާއިޝަތު މުހައްމަދު ދީދީ (ވ) -- ފޮޓޯ: ރައީސް އޮފީސް

ހައްލަކީ އިސްތިއުފާދިނުމެއް ނޫން، ވަސީލަތްތައް ގާއިމުކުރުން!

ޝިދާތާ އިސްތިއުފާ ދިނުމުން ނުވަތަ ޝިދާތާ މަގާމުން ދުރުކުރަން ނިންމުމަކީ ހައްލެއް ނޫނެވެ. ޖެންޑާ މިނިސްޓްރީ ދެރަ ހާލަތުގައި އޮތްކަން މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވެސް ޝިދާތާ ވިދާޅުވެފައިވެއެވެ. އެކަށީގެންވާ ވަސީލަތްތައް ނެތް ވާހަކަ އާއި މުވައްޒަފުން ބޭނުންވާ ވާހަކަ ހިއްސާކުރެއްވިއެވެ.

ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދު ވިދާޅުވެފައިވާ ގޮތުގައި ޖެންޑާ މިނިސްޓްރީގެ މެންޑޭޓު މާ ބޮޑެވެ. އެކަށީގެންވާ ވަސީލަތްތައް ނެތި އެ މިނިސްޓްރީ ނުހިންގޭނެ ކަމަށް އަނީސާ ވިދާޅުވެފައިވެއެވެ.

ހަގީގަތުގައި ވެސް ޝިދާތާ އިސްތިއުފާދިނުމަކުން ޖިންސީ ގޯނާގެ މައްސަލަތަކަށް ނިމުމެއް ނާންނާނެއެވެ. ރަނގަޅު ސިސްޓަމެއް ގާއިމުކުރަން ޖެހެއެވެ. މީހުން، އެމީހުންގެ އަމިއްލަ ދަރިންނަށް ޖިންސީ ގޯނާކުރުން ޖެންޑާ މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ހުއްޓުވާނީ ކިހިނެއް ހެއްޔެވެ.

ޝިދާތާ ވިދާޅުވަނީ އިހުމާލުވެފައި ނުވާނެ ކަމަށް!

އިސްތިއުފާދެއްވަމުން ޝިދާތާ ވިދާޅުވެފައިވާ ގޮތުގައި އިހުމާލުވެފައެއް ނޯންނާނެއެވެ. ވަޒީރުކަމުން އިސްތިއުފާދެއްވީ މި ވަގުތަށް ބަލާ އިރު އެއީ މަސްލަހަތު އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާތީ ކަމަށް ޝިދާތާ ވަނީ ވިދާޅުވެފައެވެ.

"ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގަމުން އަންނަ ނުތަނަވަސްކަމާއި، 17 ނޮވެމްބަރު 2018 ވަނަ ދުވަހުގެ ކުރިން ވޭތުވެދިޔަ 10 ވަރަކަށް އަހަރު ރާއްޖޭގެ ސިޔާސީ މަޝްރަހު އިންތިހާއަށް ހަލަބޮލިވެ އިޖުތިމާއީ ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކަދައްކާނެ ފުރުސަތު ނުލިބި އޮތްއޮތުން ނިމުމަކަށް އައިސް، ކުރިން ހިނގަމުން އައި އެހެންނަމަވެސް އެއިރު ސަރުކާރާއި އަދި ރައްޔިތުންވެސް ސަމާލުކަން ނުލިބި ހުރި މައްސަލަތައް އިންތިހާއަށް އިތުރުވެ ރައްޔިތުން ސަރުކާރާއި މިނިސްޓްރީގެ މައްޗަށް ކުރާ އިތުބާރު ކުޑަވެދާނެތީ މިވަގުތު އެންމެ މަސްލަހަތު ހުރި ގޮތަކީ މަގާމުން އިސްތިއުފާ ދިނުން ކަމުގައި ފެންނާތީ މިނިސްޓަރ އޮފް ޖެންޑާ އެންޑް ފެމިލީ އެންޑް ސޯސަލް ސާވިސަސްގެ މަގާމުން އިސްތިއުފާ ދީފީމެވެ..،" އިސްތިއުފާދެއްވުމަށްފަހު ޝިދާތާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފަހަރެއްގައި ވަޒީރުކަމުގެ މަގާމުގައި ހުންނެވި އިރު، ޝިދާތާ އިހުމާލުވެފައި އޮވެދާނެއެވެ. ނަމަވެސް އެކަން ނުބަލައެއް ނޭނގޭނެއެވެ. އެކަންކަން ނުބަލައި އިހުމާލުވެފައޭ ބުނުމަކުން އޭގެ އަސްލެއް ނޭނގޭނެއެވެ. އިހުމާލުވެފައި އޮތް ނަމަ، ފިޔަވަޅުތައް އަޅަން ވާނެއެވެ. ނަމަވެސް ޝިދާތާ އިހުމާލުވެފައިވަނީ ކޮން ކަމަކާ ކަމެއް އެމްޑީޕީ ޕީޖީއަށް ބުނެވިފައެއް ނުވެއެވެ.

ފަހަރެއްގައި މަޖިލީހުގައި އެމްޑީޕީގެ ބާރު އޮތުމުން ޝިދާތާ ފަސްޖެހުނީކަމަށް ވެދާނެއެވެ. ނަމަވެސް ކޮންމެ ކަމަކަށް އެ ބިރު އޮންނަ ނަމަ، ސަރުކާރު ހިންގާނީ ކިހިނެއް ހެއްޔެވެ. މިހާރު ހުންނެވި މިނިސްޓަރަށް ވެސް އެ ބިރު އޮންނާނެއެވެ. އާ މިނިސްޓަރު އައިޝާއާއެކު ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓުވޭތޯ ބަލާލަން ހިނގާށެވެ. ހުރިހާ ދިވެހިންވެސް ބޭނުންވަނީ އެފަދަ މައްސަލަތައް ހުއްޓުވާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!