ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ރޭ ވާހަކަދައްކަވަމުން ހުސެއިން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ފްލެޓެއް ނުވަތަ ބިންކޮޅެއް ނުލިބޭތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށާއި ކޮންމެ ސަރުކާރަކުން ވެސް މާލެ ހިއްކުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އެ ތަންތަނަށް ވަޒަންވެރި ކުރުވާއިރު މާލޭ މީހުން ތިބީ ތިބިގޮތަށް ކަމަށެވެ.
"އެހެންވީމަ މިއީ ހަމަ ގާތްގަނޑަކަށް މި ތަނަށް (މާލެ) ދިމާވެފައި މިއޮތީ ފަލަސްތީނަށް ދިމާވެފައި އޮތް ކަހަލަ ކަމެއް. މާލޭގެ ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި ވަރަށް ބަސްއަހާ ބޭފުޅުން. އެހެންކަމާއެކީގައި ވެރީންގެ ބަސް އަހައިގެން އެ ބޭފުޅުން އެ ތިއްބަވަނީ. ވެރިން ރަނގަޅު ގޮތަށް ކަންކޮށްދެއްވާނެ ކަމުގެ އިތުބާރާއި ޔަގީންކަމާއެކީގައި" ހުސެއިން ވިދާޅުވިއެވެ.
މާލޭ ރައްޔިތުންނަކީ ކޯސްޓު ކުޑަ ދަޅެއްގައި ފެންވަރަންޖެހޭ ފަދަ ހާލަތެއްގައި ތިބެންޖެހޭ ބައެއް ނޫން ކަމަށާއި އެ ރައްޔިތުންނަކީ އެއަށްވުރެ މާ ޝަރަފުވެރި އަދި ފަހުރުވެރި ގޮތަކަށް އުޅެންޖެހޭ ފަރާތްތަކެއް ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.
އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުތެރޭ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މިފަދަ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށާއި މި ދައުރު ވެގެންދާނީ ބިންވެރިކަމުން މާލޭގެ ރައްޔިތުން އުފަލުން ފޮޅޭވަރުކޮށްލާނެ ދައުރަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.