ޚަބަރު

އެންސިސް ގުދަން ހުރި ސަރަހައްދު ނޭވާލާން އުނދަގޫވާ ވަރަށް ދުން ބޯވެއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ހުޅުމާލެ ސިނާއީ ސަރަހައްދު ނުވަތަ އިންޑަސްޓްރިއަލް ޒޯނުގައި ހުރި ގުދަންތަކެއްގައި ރޯވެ ދުރު ނުފެންނަ ވަރަށް ދުންބޯވެއްޖެ އެވެ.

އެންސިސް ގުދަނުގައި ރޯވެ, އެހެން ގުދަން ތަކުގައި ވެސް އަލިފާން ހިފައިގެން މި ހާދިސާ ހިނގީ މިއަދު އިރުއޮއްސެން ދަނިކޮށެވެ.

ފުލުހުން ބުނީ އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ، ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށެވެ.

އަދި މިހާދިސާގެ ސަބަބުން، ހާއްސަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތްކަން ފުލުހުން ފާހަގަކުރި އެވެ.

އެހެންކަމުން، ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަހައްދަށް ނުދިއުމަށާއި އެ ސަރަހައްދަށް ދާ މީހުން މަގު ބޭނުންކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

އަދި އެ ސަރަހައްދުގެ ކައިރި ހިސާބުތަކުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުން ވެސް ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލައްޕައި ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކުރެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީ، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެސަރަހައްދުގައި މަސައްކަތްތަކެއް ކުރަމުން ކަމަށް ބުންޏެވެ.

Ads by Ooredoo