ޚަބަރު

މަސްވެރިކަމުގެ ގާނޫނުގެ ގަވާއިދު އަވަސް ކޮށްދިނުމަށް ނަޝީދު އެދިވަޑައިގެންފި

ދެން އެމްވީ ، ދެން އޮންލައިން

މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް މިއަދާ ހަމަށް ހެދިފައި ނެތުމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެކަން އަވަސް ކޮށްދިނުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފިޝަރީޒް މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައެވެ.

މަސްވެރިކަމުގެ ގާނޫނު އެކުލަވާލާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކެއް އޮތްއިރު އެ ގަވާއިދުތައް މިއަދާއި ހަމައަށްވެސް އެ ގަވާއިދުތައް ހެދިފައި ނުވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގިނަ މެންބަރުން ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާއަށް މެންބަރުންނަށް ސުވާލު ކުރުމަށް އޮތް ފުރުސަތުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގަވާއިދެއް ހެދުމަށް ދެމަސް ދުވަސް ހޭދަވާނެ ކަމަށް ބެލުމަކީ މަޖިލީހުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"އެހެންވީމަ އެކަން އިއްޒަތްތެރި ވަޒީރު ވަރަށް ބޮޑަށް ބަލައިގަންނާތި. އަދި އެ މަގަށް މަސައްކަތްކޮށްދެއްވުމަށް ނިހާޔަތަށް އަޅުގަނޑު އެދެން. ދެ ހަފްތާވެސް މި މަޖިލިސް ބަލައިގެންފި ނަމަ އަޅުގަނޑު އަޖައިބު ވާނެ،" ރައީސް ނަޝީދު ވަޒީރު ޒަހާއަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެ ގަވައިދުތައް ހެދުމާ ގުޅިގެން މަޖިލީހުގެ ގަވައިދު ކޮމިޓީންގެ ބައްދަލުވުމެއް ބޭއްވުމަށް އަމިންއާންމުގެ އަރިހުން މިހާރު އެދިފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!