އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އިކޮނޮމިކް މިނިސްޓަރަށް
ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓަރަށް ދޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ލަފާދޭން އެކުލަވާލައި، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑްގެ ލަޔަފާއެކު އިކޮނިމިކް މިނިސްޓަރު ކަމަށެވެ.
ބިލުގައިވާ ގޮތުން އިސްލާހު ފާސްކުރާތާ އެއް މަސް ދުވަހުގެ ތެރޭގައި މި ބޯޑު އެކުލަވާލަން ޖެހެ އެވެ. އެގޮތުން މި ބޯޑުން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އެންމެ ކުޑަ އުޖޫރަ ދޭނެ ސިޔާސަތުތަކާއި މިންގަނޑުތަށް ދިރާސާކޮށް މިނިސްޓަރަށް ލަފާ ދިނުމާއި އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭނެ އަދަދު ކޮންމެ ދެ އަހަރަކުން ރިވައިޒް ކުރުމެވެ.
އޭގެ އިތުރުން އިގްތިސާދީ ހާއްސަ ހާލަތެއް މެދުވެރި ވެއްޖެނަމަ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭނެ ކަމަށް ކަނޑައަޅާ އަދަދު، ދެ އަހަރު ކުރިން ވެސް ރިވައިޒް ކުރެވިދާނެ ކަމަށް މި ބިލުގައި ފާހަގަކުރެ އެވެ.
އެންމެ ކުޑަ އުޖޫރަ ދިނުމަށް ދާއިރާތަކެއް ކަނޑައަޅާފައިވާއިރު އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ފަތުރުވެރިކަމުގެ ދާއިރާ އާއި އިމާރާތް ކުރުމުގެ ދާއިރާ އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ތައުލީމީ ދާއިރާ އާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކެވެ.