ޚަބަރު

މަސްވެރިކަމާ ބެހޭ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މަސްވެރިކަމުގެ ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްއިން އަންނަ އޮގަސްޓު މަހު ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by MPL

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްއިން ކުރިއަށްއޮތް  އިންޓޭކް ގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އަންނަ މަހު ފަށާ އެ  އިންޓޭކްގައި 6 މަސް ދުވަހުގެ 2 ކޯހެއް ހިންގުމަށް ވަނީ ނިންމާފަ އެވެ. އޭގެތެރޭގައި ހިމެނެނީ ނޭޝަނަލް ސެޓްފިކެޓް 3 އިން ފިޝިން ގައިޑިން އަދި ނޭޝަނަލް ސެޓްފިކެޓް 1 އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް އެވެ.

އޭގެ ތެރެއިން ނޭޝަނަލް ސެޓްފިކެޓް 3 އިން ފިޝިން ގައިޑިން ކޯސް ކުރިއަށްދާނީ އެމްއެންޔޫ ތިނަދޫ އަދި ކުޅުދުއްފުށި ސިޓީގެ ކެމްޕަހުގައެވެ. އަދި ނޭޝަނަލް ސެޓްފިކެޓް 1 އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް ކޯސް ކުރިއަށްދާނީ އެމްއެންޔޫ މާލެ ކެމްޕަހުގަ އެވެ.

ފިޝަރީޒް ކޮލެޖުގެ ކިޔެވުން އެންމެ ފުރަތަމަ ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓުގަ އެވެ.

މަސްވެރިކަމާއި ބެހޭ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއް ގާއިމުކުރުމަކީ ގާނޫނީ ގޮތުން ފިޝަރީޒް މިނިސްޓްރީގެ މައްޗަށް ލާޒިމްކޮށްފައި ވީނަމަވެސް އެމަސައްކަތް މިހާތަނަށް ކޮށްފައެއް ނުވެއެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ އެ މަސައްކަތް ފައްޓަވާފައެވެ.

އެގޮތުން ފިޝަރީޒް ކޮލެޖަކީ ރައީސް މުއިއްޒުގެ ސަރުކާރުން މަސްވެރިކަން ޒަމާނީ ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އުފައްދާފައިވާ ކޮލެޖެކެވެ. އެ ކޮލެޖުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އިލްމީ، ފަންނީ އަދި ހުނަރުވެރި ޒުވާނުން އުފެއްދުމެވެ.

Ads by Ooredoo