100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ބޮޑުންގެ މައްސަލަ އިސްތިއުނާފް ނުކުރަން ނިންމައިފި

ރާއްޖެއަށް އެތެރެކުރި 100ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ބޮޑުން ކަަމަށް ފުލުހުން ތުހުމަތު ކުރާ ދެ މީހުންގެ މައްސަލަ އިސްތިއުނާފް ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
"ދެން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީގެ މީޑިއާ ކޯޑިނޭޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ، މިގޮތަށް ނިންމައިފައި ވަނީ ހައި ކޯޓަށް މައްސަލަ ހުށަހެޅިޔަސް ތަފާތު ނަތީޖާއެއް ފެންނާނެ ކަމަށް ޤަބޫލު ނުކުރެވޭތީ ކަމަށެވެ.
"ދަށު ކޯޓަށް ހުށަހެޅުނު ހެއްކަށް ބަލާއިރު، އަޅުގަނޑުމެން ހައި ކޯޓަށް މައްސަލަ އެޕީލް (އިސްތިއުނާފް)ކޮށްގެން ތަފާތު ނަތީޖާއެއް ނިކުންނާނެ ކަމަށް ނުފެންނާތީ. ދެން އަނެއް ކަމަކީ އިތުރު ހެކި ފުލުހުންނަށް ހޯދިއްޖެ ހާލަތެއްގައި އަނެއްކާ ވެސް ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުންނަށް އެދުމުގެ ފުރުސަތު އޮންނާނެތީ" ޝަފީޢު ވިދާޅުވިއެވެ.

މިމައްސަލައިގައި ވަނަވަރު ހާމަކޮށްފައިވާ މީހުން
މިދިޔަ ބުދަ ދުވަހު ރާއްޖެއަށް 100ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ ދެ މީހުންގެ ވަނަވަރު ސިއްރުކޮށް، ބާކީ ތިބި އަށް މީހުންގެ މައުލޫމާތު ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން އޭރު ވިދާޅުވީ، އެ އެއްޗެހި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފައި ވާތީ، އެމައްސަލަ އިސްތިއުނާފްކޮށްދިނުމަށް ޕީޖީއަށް ހުށަހަޅައިފައިވާ ކަމަށެވެ. ފުލުހުން ވަނީ އޭގެ ފަހުން ވެސް އިތުރު އޮޕަރޭޝަނެއްގައި 250 ކިލޯގެ މަސްތުވާތަކެއްޗާ އެކު ބަޔަކު ހައްޔަރުކޮށްފައެވެ. މިމީހުންގެ ވަނަވަރުތައް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.