ޚަބަރު

ތޮއްޔިބު ޝަހީމަށް ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއް

މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމަށް ޓޫރިޒަމް މިނިސްޓްރީން ސިޔާސީ މަގާމެއް ދީފިއެވެ.

ތޮއްޔިބަށް ދީފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުކަމެވެ.

ތޮއްޔިބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ވަރަށް ވަރުގަޔަށް ހަރަކާތްތެރިވަމުން އައި ފަރާތެކެވެ.

ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ ތޮއްޔިބަކީ ލަންކާގައި އަމިއްލައަށް އަރުވާލެވިގެން އުޅުނު މީހެކެވެ. އޭނާ ރާއްޖެއައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުންނެވެ.

ތޮއްޔިބަށް ސިޔާސީ މަގާމެއް މި ދިނީ، ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަސަރުކޮށްފާނެ ކަމަށް ބެލެވޭތީ، ސަރުކާރުން ހަރަދު ކުޑަ ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައި ވަނިކޮށެވެ. އޭގެ ތެރޭގައި ސިވިސް ސާވެޓުންގެ އިތުރު ގަޑި ކަނޑާލުން ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!