ޚަބަރު

މާލެ-ރާއްޖެތެރެ ބަހުސްކޮށްގެން ގައުމަށް ގެއްލުން ބޮޑުވާނެ: ނަޝީދު

ރާއްޖޭގެ އެއް ރަށާއި އަނެއް ރަށާ އަޅާ ކިޔައި ރަށްރަށް ކުޑައިމީސްވާ ގޮތަށް ސިޔާސީ ލީޑަރުން ވާހަކަ ދައްކަވައި ބަހުސް ކުރެއްވުމަކީ ގައުމަށް ގެއްލުން ބޮޑުވާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށް ފަހު އެޖެންޑާގެ ފުރަތަަ އައިޓަމަށް ފުރުސަތު ދެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ވަސީލަތްތައް މަދުވާ މިންވަރަކުން ހަމަނުޖެހުން އުފެދުން ގާތްވާނެ ކަމަށެވެ. އެގޮތުން މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން އިތުރުވާ ވަރަކަށް އެ ހަމަނުޖެހުން ބޮޑުވެ، ފުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތަކުގައި ވަސީލަތްތައް މަދުވަމުންދާާ ވަރަކަށް، މި ދެބަސްވުން އުފެދުން ގާތްވާނެ. މި މަލޭގައި ބޯހިޔާވަހިކަން ދަތިވެ، މި މާލޭގައި ދިރިއުޅޭ އަދި ދިރިއުޅެން އެދޭ އެންމެނަށް ވެސް ދަތިވަމުން ދިޔަ ވަރަކަށް ވެސް މި ދެބަސްވުމާއި ހަމަނުޖެހުން ދާނީ އިތުރުވަމުން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރަށްރަށުގެ ބަހުސަށް ބާރު ނޭޅޭ ގޮތަށް އަމަލު ކުރެއްވުމާއި ވާހަކަ ދެއްކެވުމަކީ ސިޔާސީ ލީޑަރުންނާއި މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އެ ކަމަށް ބާރު ލިބޭ ގޮތަށް އެއްވެސް ވާހަކަ އެއް ނުދެއްކެވުމަށް ރައީސް ނަޝީދު މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

މާލެއަށް ދިމާވެފައި މިވަނީ ފަލަސްތީނަށް ޖެހިފައިވާ ހާލު ކަމަށް، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އިއްޔެ ރޭ ވިދާޅުވުމުން އޭނާ އަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!