ހަފްތާ ބަންދުގައި މާ ގިނައިން ނިދުން ރަނގަޅެއް ނޫން
ޒަމާނަށް އައި ބަދަލާ އެކު ޓެކްނޮލޮޖީ އާންމުވެ، ދިރިއުޅުން ވެސް އިންތިހާއަށް ބުރަވެފައިވާ މި ދުވަސްވަރު އާދަވެގެން ހަމައަށް ނިދި ލިބުމަކީ މަދު މީހަކަށް ލިބޭނެ ނަސީބެކެވެ. ގިނަ މީހުންނަކީ ހަމައެކަނި ހަފްތާ ބަންދުގައި އަރާމު ނިދި ހޯދާ މީހުންނެވެ. އަނެއްބައި މީހުންނަށް ހަފްތާ ބަންދުގައި ވެސް ހަމަނިދި ނުލިބެއެވެ.
މީގެ ތެރެއިން ބައެއް މީހުންނަކީ ހާއްސަކޮށް ޅަފުރައިގެ ޒުވާނުންނަކީ ރޭގަނޑުގެ ބޮޑުބައެއް ކޮންމެ ވެސް ކަމެއްގައި ހޭދަކުރާ ބައެކެވެ. ނެޓްފްލިކްސް އެންޑް ޗިލްގައި އެއްބަޔަކު އުޅޭއިރު އަނެއްބަޔަކު ތިބެނީ ރައްޓެހިންނާ އެކު ކޮންމެވެސް އަނގައެއް ތަޅައިލާށެވެ. މިހެން ހޭލާ ތިބެފައި އަނެއް ދުވަހު ހެނދުނު އޮފީހަށް ދާން ހޭލާ މީހުންވެސް މަދެއް ނޫނެވެ. ދިރިއުޅުން މިގޮތަށް ހޭނި، ބިއުޓީ ސްލީޕް ބޭނުންވާ މީހުން ވަނީ އިންތިހާއަށް މަދުވެފައެވެ.
ހަފްތާގެ ދުވަސްތަކުގައި ބުރަކޮށް އުޅުމަށް ފަހު ހަފްތާ ބަންދުގައި ނިދާ މީހުންގެ ނިސްބަތް ވެސް ބޮޑެވެ. ހާއްސަކޮށް ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާ މީހުން ތިބެނީ މިގޮތަށް ހޭނިފައެވެ. މަސައްކަތު ދުވަސްތަކުގައި ހެނދުނު 6 ނޫނީ 7 ޖަހާއިރު ހޭލަން ޖެހޭތީ ހަފްތާ ބަންދުގައި 11 ނުވަތަ 12 ޖަހަންދެން ވެސް ނިދަން އޮވެވެއެވެ. އުފެދޭ ސުވާލަކީ ނިދީގެ ދަރަނި މިގޮތަށް ހަފްތާ ބަންދުގައި އަދާކުރުމަކީ ދުޅަހެޔޮ ކަމެއް ހެއްޔެވެ؟ މިކަމަށް ޓަކައި "ހެލްތު" ނަމަކަށް ކިޔާ ޓީމަކުން ދާދި ފަހުން ވަނީ ރިސާޗެއް ހަދައިފައެވެ.
އެންމެ ފުރަތަމަ ކަމަކަށް މި ރިސާޗުން ފާހަގަވި ކަމަކީ ރޭގަނޑުގެ ވަގުތުގައި އާދަވެގެން 7 ގަޑިއިރާއި 9 ގަޑިއިރާ ދެމެދުގެ ނިދި ނުލިބޭ މީހެއްގެ ސިކުނޑިއަށް އޭގެ ނޭދެވޭ އަސަރު ކުރާކަމެވެ. މީގެ ސަބަބުން އާންމު ދިރިއުޅުމުން ކަންތައްތަކެއް ފެންނަމުން ދެއެވެ. އެގޮތުން މާ ބުރަ މަސައްކަތެއް ނުކުރިއަސް އަބަދު ވަރުބަލިވެފައި ހުރުމާއި ހަށިގަނޑުން ތާޒާކަން އިހުސާސް ނުކުރެވުން ފަދަ ކަންކަމެވެ. އަނެއްކޮޅުން ކުރާ މަސައްކަތާ މެދު ހިތްހަމަނުޖެހުމާއި ކަންކަން ނިންމުމުގައި ޔަގީން ނުވުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.
"ޖާނަލް އޮފް ސްލީޕް ރިސާޗް" ރިޕޯޓުގައި ދެން ފާހަގަކުރީ ހަފްތާ ބަންދުގައި އިތުރަށް ނިދުމުގެ އަސަރުތަކެވެ. ސްވިޑެންގައި 13 އަހަރުގެ މުއްދަތެއްގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ހަމަނިދި ނުލިބޭ މީހުންގެ ތެރެއިން ސިއްހީ އެކި މައްސަލަތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ގިނައެވެ. ހާއްސަކޮށް އުމުރުން 65 އަހަރުން ދަށުގެ މީހުން އޭގެ ތެރޭގައި ގިނައެވެ. އެހެން ނަމަވެސް 6 ގަޑިއިރަށްވުރެ ގިނައިން ކޮންމެ ރެޔަކު އާދަވެގެން ނިދާ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން އެހީތެރިވެދެއެވެ.
މި ޖާނަލްގައި ބުނެފައިވާ ގޮތުގައި ހަފްތާގެ ފަސް ދުވަހު ނުލިބޭ ނިދިކޮޅު ހަފްތާ ބަންދުގައި ހޯދުމަކުން މައްސަލައެއް ނެތެވެ. މުހިންމު ކަމަކީ ސިކުނޑިއަށް ބޭނުންވާ އަރާމު ވަގުތުކޮޅު ހޯދައިދިނުމެވެ. އެހެންކަމުން ހަފްތާ ބަންދުގައި 8 ގަޑިއިރު ނުވަތަ 10 ގަޑިއިރު ނިދާލުމަކުން މައްސަލައެއް ނެތެވެ.
ޖާނަލްގައި ފާހަގަކުރި ބައެއް ކަންކަމަށް ތަޖުރިބާކާރުން ވަނީ ދެކޮޅު ހަދައިފައެވެ. އެގޮތުން އެސޯސިއޭޓެޑް ޕްރޮފެޝަނަލް ސްލީޕް ސޮސައިޓީޒްއިން ބޭއްވި އަހަރީ ބައްދަލުވުމުގައި ބުނެފައި ވަނީ ހަފްތާ ބަންދުގައި އެކަނި ހަމަނިދި ހޯދާ މީހުންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާނެއެވެ. ހަމައެކަނި ސިއްހަތަށް އެކަންޏެއް ނޫނެވެ. އެހެން މީހުނާ އެކު އޮންނަ ގުޅުމަށް ވެސް އޭގެ އަސަރު ކުރެއެވެ. ސިކުނޑިއަށް އަރާމެއް ނުދޭ ނަމަ ގުޅުންތައް ދަމަހައްޓަން އުނދަގޫވެއެވެ. ކަންކަމާ ފިކުރު ކޮށް ގޮތް ނިންމުމުގައި ވެސް އުނދަގޫވެއެވެ.
މި ޓީމުން ބުނާ ގޮތުގައި ހަފްތާ ބަންދާ ދިމާކޮށް ނިދާ ވަގުތު ބަދަލުކުރުމަކީ ވެސް ރަނގަޅުކަމެއް ނޫނެވެ. އާދަވެގެން 11 ނުވަތަ 12 ޖަހާއިރު ނިދާ މީހާ، ހަފްތާ ބަންދުގައި 2 ނުވަތަ 3 ޖަހާއިރު ނިދާ ނަމަ ސިކުނޑިއަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. މިގޮތަށް ނިދާ ވަގުތު ބަދަލުކުރާ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ހިރާސް 11 އިންސައްތައަށް ބޮޑުވެއެވެ.
އިންސާނުންނަކީ ވަކި ގަޑިތަކަކަށް ކަން ކުރަން ރާވާފައި ތިބި ރޮބޮޓުތަކެއް ނޫނެވެ. އެހެން ނަމަވެސް ކޮންސިސްޓެންސީ ނުވަތަ ތަރުތީބު ކުރުމަކީ މުހިންމު ކަމެކެވެ. ހަމައެކަނި ނިންޖަކަށް ނޫނެވެ. ކޮންމެ ކަމެއްގައި ވެސް ކޮންމެ ވެސް ހަމައެއް ހިފެހެއްޓުން ވަރަށް މުހިންމެވެ.