ދުނިޔެ

ކޮރޯނާ ވައިރަސް ޖެހިގެން އިއްޔެ އެކަނިވެސް 242 މަރު

ކޮރޯނާވައިރަސް(ކޯވިޑް-19) ޖެހިގެން ޗައިނާއިން އިއްޔެ އެކަނިވެސް 242 މީހުން މަރުވެއްޖެއެވެ.

އެގޮތުން މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ހުބެއި ޕްރޮވިންސުގެ ހެލްތު އޮތޯރިޓީން މިއަދު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު މި ބަލީގައި އިއްޔެ އެކަނި އެ ޕްރޮވިންސުން ވަނީ 242 މީހުން މަރުވެފައެވެ. އިއްޔެ އަކީ މިހާތަނަށް އެއް ދުވަސްތެރޭ މި ބަލީގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

މީގެ އިތުރުން ކޯވިޑް-19 ޖެހިފައިވާ 14،840 މީހަކު އިއްޔެ ވަނީ ފާހަގަ ކުރެވިފަ އެވެ.

މިހާތަނަށް އެ ޕްރޮވިންސުން މި ބައްޔަށް ޕޮޒިޓިވްވި 33،693 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭގެތެރެއިން 1،437 މީހުންގެ ހާލު ސީރިއަސްއެވެ. އަދި 3،441 މީހުން ވަނީ ބަލިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މި އަދަދުތަކާއެކު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1،355 އަށް އަރާފައެވެ. މި ބަލީގައި ދެ މީހުން ފިޔަވައި ދެން އެންމެން ވެސް މަރުވެފައިވަނީ ޗައިނާ އިންނެވެ. އަދި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 48،000 އަށް ވުރެ މައްޗަށް އަރާފައެވެ.

ޑަބްލިއުއެޗްއޯގެ މާހިރުންގެ ޓީމަކުން މިހާރު ދަނީ ޗައިނާގައި އެ ވައިރަސް ޓެސްޓު ކުރަމުންނެވެ. ނަމަވެސް އެ ވައިރަސް ހަލުވި ކަމާއެކު ފެތުރުން ނިމޭނީ ކޮން އިރަކުކަން އަދި ނޭނގޭ ކަމަށް އެޖަމްއިއްޔާއިން ވަނީ ބުނެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!