ޖަޕާނުގެ މެކްޑޯނަލްޑްސްއިން ފްރެންޗު ފްރައިސްގެ ޝޯޓޭޖެއް
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މެކްޑޮނަލްޑްސްއަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަޤުބޫލުކަން ހޯދައިފައިވާ ބްރޭންޑެކެވެ. ފާސްޓް ފުޑް ޖޮއިންޓްގެ މެނޫގައި ހިމެނޭ ބައެއް ބާވަތްތަކަކީ ކްލެސިކްތަކެއް ކަމަށާއި އެ ތަކެތި އެތައް ޖީލަކަށް ސާވްކޮށް، ކައިބޮއި ހަދާ ކަމަށް ވެއެވެ. ނަމަވެސް ދުނިޔޭގެ ފެންވަރުގައި ހިތްކިޔާ އެއްޗެއްގެ އުނިކަމެއް އައުމުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟.
ޖަޕާނުގައި ހުންނަ މެކްޑޯނަލްޑްސްއިން މަޝްހޫރު ފްރެންޗް ފްރައިސް ހުސްވެއްޖެއެވެ. ބީބީސީގެ ރިޕޯޓެއްގައި ވާގޮތުން މި އުނިކަން އައިސްފައި ވަނީ "ގްލޯބަލް ސަޕްލައި ޗެއިން ކްރައިސިސް" އެއްގެ ސަބަބުންނެވެ.
ފްރެންޗް ފްރައިސް ހެދުމަށް ބޭނުންކުރާ ޕޮޓޭޓޯ ޝިޕްކުރުމުގައި ލަސްތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ. މިކަމުގެ ސަބަބުން ޖަޕާނުގައި އައުޓްލެޓްތަކުން ފްރައިސްގެ މަދު ބައިތަކެއް ވިއްކަމުންދާ އިރު، މިއީ ޑިސެމްބަރު 24 (ހުކުރު)އިން ފެށިގެން ޑިސެމްބަރު 30 (ބުރާސްފަތި)އާ ހަމައަށް ކުރިއަށް ދާނެ ކަމެއް ކަމަށް ބެލެވެއެވެ.
"ކަސްޓަމަރުންނައް މެކްޑޮނަލްޑްގެ ފްރެންޗް ފްރައިސް ލިބޭނެ ގޮތަކަށް ދެމިތިބުމުގެ ބޭނުމުގައި ޕްރޯއެކްޓިވް ފިޔަވަޅެއްގެ ގޮތުން މެކްޑޮނަލްޑްސް ޖަޕާނުން މެދު އަދި ބޮޑެތި ސައިޒުގެ ފްރެންޗް ފްރައިސް ވިއްކުން ވަގުތީ ގޮތުން ލިމިޓް ކުރާނީ. ކަސްޓަމަރުންނަށް އަދިވެސް އަޅުގަނޑުމެންގެ ހުރިހާ ރެސްޓޯރެންޓެއްގައި ވެސް ކުދި ސައިޒުގެ ފްރެންޗް ފްރައިސް އޯޑަރު ކޮށްލެވޭނެ. މިއަދާ ހަމައަށް ވެސް އަދި ސަޕްލައި ބްރޭކެއް ނުވޭ" އެ ކުންފުންޏާ ހަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައިވެއެވެ.
މެކްޑޮނަލްޑްސްއިން ބުނި ގޮތުގައި އާންމު ގޮތެއްގައި ފްރައިސް ހެދުމަށް އަލުވި އެތެރެކުރަނީ ކެނެޑާގެ ވެންކޫވާ ކައިރީގައި އޮންނަ ބަނދަރަކުންނެވެ. ނަމަވެސް ބޯޓުތަކަށް ލަސްތަކެއް ކުރިމަތިވީ "ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުމާއި" ބަލިމަޑުކަމުގެ ސަބަބުން "ގްލޯބަލް ޑިސްޓްރިބިއުޝަން ނެޓްވޯކް"އަށް އަސަރުކުރި ކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
އޯލްޓަރނޭޓިވް ފިޔަވަޅެއްގެ ގޮތުން، އެ ކުންފުނިން މިހާރު ނިންމައިފައި ވަނީ ވައިގެ ބަނދަރުން ތަކެތި ގެނެވުމަށެވެ.
މިއީ މިފަދަ ޝޯޓޭޖެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. 2014ވަނަ އަހަރު އެމެރިކާގެ ހުޅަނގު އައްސޭރީގައި 29 ވަރަކަށް ބަނދަރުގައި "އިންޑަސްޓްރިއަލް ޑިސްޕިއުޓް" ގެ ސަބަބުން ފްރެންޗު ފްރައިސް މަދުވިއެވެ. މި ހާލަތުން އަރައިގަތުމަށް މެކްޑޮނަލްޑްސް ޖަޕާނުން 1000 ޓަނުގެ ޕޮޓޭޓޯ އެތެރެ ކުރެވެންދެން ފްރައިސްގެ މަދު ބައިތަކެއް ނޫނީ ނުވިއްކައެވެ.