ފުއްޕާމޭގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ ކާނާ
ބެލެންސްޑް ޑައިޓަކީ އިންސާނާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު ޑައިޓެކެވެ.
ޖަސްލޮކް ހޮސްޕިޓަލުގެ ޗީފް ޑައެޓިޝަނިއަން ޑެލްނާޒް ޗަންދުވާޑިއާ ބުނެފައި ވަނީ ބެލެންސްޑް ޑައިޓަކީ ހަމައެކަނި ފުއްޕާމެއަށް މުހިންމު ކަމެއް ނޫން ކަމަށާއި އެއީ މުޅި ސިއްހަތަށް ވެސް މުހިންމު ޑައިޓެއް ކަމަށެވެ.
"އެކަމަކު ކާބޯތަކެއްޗަށް އައުމުގެ ކުރިން ފާހަގަކޮށްލަން ޖެހޭ ކަމަކީ ފުއްޕާމޭ ދުޅަހެޔޮކޮށް ބެހެއްޓުމަށް ދުންފަތުގެ އިސްތިއުމާލު ކުރުން ވަގުތުން ހުއްޓާލަން ޖެހޭކަން،"
ތިރީގައި މި ވަނީ ފުއްޕާމޭގެ ދުޅަހެޔޮކަން އިތުރުކުރުމަށް އެހީތެރިވެދޭކަމަށް ބުނެ ތަޖުރިބާކާރުން ހިއްސާކޮށްފައިވާ ބައެއް ކާނާތަކެވެ.
ބެރީސް
ބެރީސްއަކީ އެންތޯސިއެނިންސްއިން ފުރިފައިވާ އެއްޗެކެވެ. ފުއްޕާމެއަށް ގެއްލުން ލިބެނީ ފްރީ ރެޑިކަލްތަކުގެ ސަބަބުންނެވެ. ބެރީޒްގައި ހުންނަ މި އެންޓިއޮކްސިޑެންޓް ކޮމްޕައުންޑްތަކުގެ ސަބަބުން ފުއްޕާމޭގެ ފަންކްޝަން ދަށްވުން މަޑުޖެހުމަށް އެހީތެރިވެދެއެވެ.
ލޮނު
ގިނައިން ލޮނު ބޭނުންކުރުމަކީ ނޭވާހިއްލުމުގެ އަލާމާތްތައް އިތުރަށް ގޯސްވުމަށް މަގުފަހިކުރުވާ ކަމެކެވެ. އެހެންކަމުން ޕެކެޓުކޮށްފައި ހުންނަ ބާވަތްތަކަށް ވުރެ ގޭގައި ކައްކައިފައި ހުންނަ ތާޒާ ކާނާ ކެއުމަށް ސިއްހީ މާހިރުން ނަސޭހަތްތެރިވެއެވެ.
ފެހިކަން ގަދަ ފަތްޕިލާވެލީގެ ބާވަތްތައް
ފެހިކަން ގަދަ ފަތްޕިލާވެލީގެ ބާވަތްތަކުގައި ކެރޮޓިނޮއިޑްސް ގިނައެވެ. ދިރާސާތަކުން ދައްކާގޮތުގައި މި ފެހިކަން ގަދަ ގަސްތަކަކީ ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެހެންކަމުން ދުވާލު ގަޑީގައި ކެއުމުގައި މިބާވަތުގެ މޭވާއާއި ތަރުކާރީ ހިމަނަން ޖެހެއެވެ.
ރަތްކުލައިގެ މޭވާއާއި ތަރުކާރީ
ރަތް މިރުސް، ޓޮމާޓޯ ފަދަ ތަކެއްޗަކީ ފުއްޕާމޭގެ ދުޅަހެޔޮކަމަށް އެހީވެދޭ އެންޓިއޮކްސިޑެންޓެއް ކަމުގައިވާ "ލައިކޯޕީން"އިން ފުރިފައިވާ ތަކެއްޗެވެ. ޓޮމާޓޯ ޖޫހަކީ އެއާވޭ އިންފްލެމޭޝަން ރަނގަޅުކޮށްދޭ އެއްޗެއް ކަމަށް ދިރާސާތަކުން އެނގެއެވެ. މިއީ ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ތަހައްމަލު ކުރާ މީހުންނަށް ވަރަށް ފައިދާ ހުރި ބާވަތެކެވެ.
ކެފެއިން
ގަވާއިދުން ކެފެއިން ބުއިމަކީ ފައިދާހުރި ކަމެކެވެ. ސަބަބަކީ ކެފެއިންއަކީ އެންޓި-އިންފްލެމޭޓަރީއެއްގެ ގޮތުގައިމަސައްކަތްކުރާ ބާވަތަކަށްވެފައި ފުއްޕާމޭގެ ފަންކްޝަންތައް ރަނގަޅުކުރުމަށް މަގުފަހިކޮށްދޭ ޕޮލިފެނޯލްތައް އެކުލެވޭ އެއްޗަކަށް ވާތީއެވެ.