ޚަބަރު

މަހުމޫދު މަރައިލިކަމަށް ސާލިމް އިއުތިރާފު ވެއްޖެ

  • މަހުމޫދު މަރާލި ކަމަށް ސާލިމް ވަނީ ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި އެއްބަސް ވެފައި
ފަތޯނާ ފާއިޒު ، ދެން އޮންލައިން
ދަނގެތީގައި މަރައިލައިފައި އޮއްވާ ފެނުނު މަހުމޫދުގެ ގާތިލް

އދ. ދަނގެތީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން އެ ރަށު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރައިލި ކަމަށް ބަނގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) މިއަދު ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފު ވެއްޖެއެވެ.

Ads by STELCO

އޭނާގެ މައްޗަށް އުފުލައިފައި ވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

ސާލިމް ކުށަށް އިއުތިރާފްވުމުން އަވަސް ނިއާއެއްގެ ގޮތުގައި މައްސަލަ ކުރިއަށް ގެންދަން ސާލިމްގެ ވަކީލު އެދިވަޑައިގެންނެވިއެވެ. މިމައްސަލައިގައި ސާލިމަށް ވަކީލަކު ހަމަޖައްސަން ފައިސާ ނެތުމުން ދައުލަތުން އޭނާއަށް ހަމަޖެއްސި ވަކީލު ވަނީ ސާލިމް ބޭނުންވާ ނަމަ ޝަރީއަތް ކުރިއަށްދާ އިރު ވެސް އޭނާގެ އެހީތެރިކަން ލިބޭނެކަމަށް ވިދާޅުވެފައެވެ.

މިމައްސަލައިގައި ދެން ކުރިއަށް ގެންދަން ޖެހޭނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ކަމަށްވުމުން، ދެން އަޑުއެހުމެއް ބާއްވާނީ މި މަހުގެ 26ވަނަ ދުވަހުގެ ހެނދުނު 9:30ގައިކަމަށް މިމައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ ވިދާޅުވެފައެވެ.

މަހުމޫދު މަރައިލައިފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑު ފެނުނީ އޭނާގެ އާއިލާއިން، މަހުމޫދު ގެއްލިގެން އެ ދުވަހު ހެނދުނު އެންގުމުން އެ ރަށު މީހުން ތިން ޓީމަކަށް ބަހައިލައިގެން ނުކުމެ ރަށު ތެރެ ހޯދަމުން ދަނިކޮށެވެ. މަހުމޫދު ފެނުނީ އެ ރަށުގައި ހުންނަ ފަޅު ގެއެއްގެ ތެރޭގައި ހުންނަ ފެން ވަޅެއްގެ ތެރެއަށް ފައްތައިފައި އޮއްވައެވެ. މަހުމޫދުގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާ ދީފައި އޮތްއިރު، އޭނާގެ ބޮލަށާއި ފަޔަށް ވަނީ ގޯންޏެއް ވެސް މަހައިފައެވެ.

ފުލުހުން ބުނީ މަހުމޫދު މަރައިލުމުގައި ސާލިމް ފިޔަވައި އިތުރު މީހަކު ބައިވެރިވެފައި ނުވާ ކަމަށެވެ. މަހުމޫދު މަރައިލައިފައި ވަނީ ސާލިމް ފައިސާ ދިނުމަށް އެދުމުން، މަހުމޫދު އެކަމަށް އިންކާރު ކުރުމުން ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.

ސާލިމް ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އަދަބު ކުޑަ ކޮށްދިނުމަށް އެދިފައެވެ. ނަމަވެސް މަހްމޫދުގެ ހުރިހައި ވާރިސުން ވެސް ބޭނުން ވަނީ މަރަށް މަރު ހިފަން ކަމަށް ވާތީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފައި ވަނީ ސާލިމާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ނުހެދުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!