އަމިއްލައަށް މަރުވާން އުޅުނީ ޕްރިންސިޕަލް ގެ ޖިންސީ ގޯނާއަށް ކެތްނުކުރެވިގެން
އިންޑިއާގެ ގުޖުރާތުގެ އަވަށެއްގައި ސުކޫލު ކުއްޖަކު ޕްރިންސިޕަލް ގެ ޖިންސީ އަނިޔާތަކަށް ކެތްނުކުރެވިގެން އަމިއްލައަށް މަރުވާން އުޅެފިއެވެ.
އުމުރުން އެންމެ 16 އަހަރުގެ ކުއްޖާ އަށް ޕްރިންސިޕަލް ޖިންސީ ގޯނާ ކުރާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށާއި ދެ ފަހަރު މަތިން ރޭޕުކޮށް އިތުރު އެތަކެއް ޖިންސީ ފުރައްސާރަ ވެސް ކޮށްފައިވާ ކަމަށް އެކުއްޖާގެ މައިންބަފައިން ބުނެއެެވެ. އަދި މިއީ އެކުއްޖާ އަމިއްލަަ އަށް މަރުވާން މަސައްކަތް ކުރި ދެވަނަ ފަހަރު ކަމަށާއި އެންމެ ފުރަތަމަ ރޭޕުކުރި ދުވަހުވެސް އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވާ ކަމަށް އެ ކުއްޖާގެ މައިންބަފައިން އިތުރަށް ބުނެފައިވެއެވެ.
ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކުއްޖާއަށް ޕްރިންސިޕަލް ވަނީ ބިރުވެސް ދައްކާފައެވެ. އެގޮތުން އެއްވެސް މީހެއް ގާތު އެ ވާހަކަ ބުނެފިނަމަ އެކުއްޖާގެ ފޮޓޯތައް ލީކު ކޮށްލައި މުޅީން ބަދުނާމުކޮށްލާނެކަމުގައި ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން އެ ކުއްޖާއަށް އެކި ވަރުގެ ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތައް ލިބިފައިވާ ކަމަށް ޑޮކްޓަރުން ބުނެއެވެ.
ޖިންސީ އަނިޔާގެ ތުހުމަތު ކުރެވޭ ޕްރިންސިޕަލް މިހާރު ހައްޔަރުކޮށްފައިވާއިރު އެ ސްކޫލުގެ ބެލެނިވެރިން ދަނީ ދަރިވަރުން ސުކޫލަށް ފޮނުވުން ހުއްޓާލައި ސުކޫލު ދޮށުގައި މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާތަކުގައި އެ އަވަށުގެ އާންމު ރައްޔިތުން ވެސް ބައިވެރި ވަމުން އަންނައިރު ސްކޫލުގެ ބައެއް މުދަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.
އަންހެނުންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަ އިންޑިޔާގެ އެކި ހިސާބުތަކުގައި ބޮޑުވެފައިވާއިރު ގުޖުރާތުގައި މި ފަދަ މައްސަލަތައް އަންނަނީ އަހަރަކަށް ވުރެ އަހަރެއް އިތުރު ވަމުންނެވެ.