ރިޕޯޓް

ޕާޓީކޮށް، ޒިނޭ ކުރުމަށް ހިތްވަރުދޭ މިނިސްޓަރެއް ދިވެހިން ބޭނުމެއް ނުވާނެ!

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ގެ ސަރުކާރަށް އެންމެ ގިނައިން އަމާޒުވާ ފާޑު ކިޔުމަކީ "ސްލޯ" ވުމުގެ ފާޑު ކިޔުމެވެ. އިދިކޮޅުން ފެށިގެން އެމަނިކުފާނުގެ ޕާޓީގެ މެމްބަރުން ވެސް އަދި ކިއެއްތަ! ރައީސް ނަޝީދު ވެސް ވަނީ މަޝްރޫޢުތައް ހިންގުމުގައި ލަސްކަމެއް އުޅޭ ކަމަށް އިޢުތިރާފް ވެފައެވެ.

މީގެ އިތުރުން މިސަރުކާރުގެ "ރީތިކަން" ފަނޑުކޮށްލާ ކަންތައްތަކެއް ސަރުކާރުގެ ހަނީ މޫނުން ފެށިގެން ވޭތުވެދިޔަ 15 މަހުގެ ތެރޭގައި ދަނީ ފެންނަމުންނެވެ. އަޑު އިވެމުންނެވެ.

އަދުގެ ސަރުކާރުގެ ފުރަތަމަ ރައްޔިތުން ހޫނުކޮށްލީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް އުދުވާނީ ހަމަލާ ދިން ހާދިސާގެ ފަހަތުގައި ހުރި އިސް އެކަކު ކަމަށްވާ ހާޖަރާގޭ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ހިމާޔަތުގެ ދަށުގައި ހުރި ޚަބަރުންނެވެ. ރައްޔިތުން ލުތުފީ އަނބުރާ ގެނެސް، އޭނާ ޖަލަށް ލުމަށް އަޑުއުފުލަން ފެށުމުން ސަރުކާރު ދިޔައީ ހޫނު ފެނަށެވެ.

ރައީސް ޞާލިހްގެ ސަރުކާރުން ބާގީ ލުތުފީ ރާއްޖެ ގެނެސް ޖަލަށް ލުމަށްފަހު ރަނގަޅަށް ހަމަނޭވާ ނުލެވިގެން އުޅެނިކޮށް މޯލްޑިވްްސް ޑިމޮކްރެޓިކް ނެޓްވޯކުން އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓަކުން އަނެއްކާވެސް ސަރުކާރަށް ނަފްރަތު އަމާޒުވިއެވެ.

އެކަމުން ސަލަމާތްވިތަނާ ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ އުދާސް ކެކި ރައްޔިތުން އަނެއްކާވެސް ރުޅިގަދަވިއެވެ. އެ ދުވަސްވަރު ސަރުކާރަށް އެރި ރޯޅި މައިތިރިވީ ޖެންޑަރ މިނިސްޓަރު ކަމުގެ މަގާމުން ޝިދާތާ ވަކިކޮށް އެހެން ބޭފުޅެއް އެ މަގާމަށް އައްޔަން ކުރުމުންނެވެ.

ޗައިނާގެ ވުހާން ސިޓީއިން ފުރަތަމަ ފެނުނު ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެންފެށުން ރައީސް ޞާލިހްގެ ސަރުކާރަށް ވެގެންދިޔައީ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުން ފަދަ ކަމަކަށެވެ. ތަރައްގީގެ ޕްލޭންތައް ރާވާފައި ހުއްޓާ އެ ނުރައްކާތެރި ވައިރަހުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދިއުން ވެގެން ދިޔައީ މިސަރުކާރުން ކުރިމަތިލާން ޖެހޭނެ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.

ކޮވިޑް 19، އިން ރަނގަޅަށް ސަލާމަތް ނުވެވިގެން އުޅެނިކޮށް މި ސަރުކާރުގެ އިއްޒަތްތެރި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު މިވަނީ، ސަރުކާރަށް އިތުރު ބުރައެއް ދީފައެވެ. މިދިޔަ ހޮނިހިރު ދުވަހު ދިވެހިންގެ ހިތްތައް އަވަސްކޮށްލީ، މިނިސްޓަރު އަލީ ވަހީދު ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ އޯޑިއޯ ތަކެއް ލީކް ވާން ފެށި ހިސާބުންނެވެ.

ލީކްވީ މިނިސްޓަރު އަލީ ވަހީދުކަމަށް ބެލެވޭ މީހަކާއި އޭނާގެ އެންމެ އެކުވެރި އައްސަދު އަލީ (އަޑުބަރޭ) ކަމަށް ބެލެވޭ މީހަކު ވާހަކަތަކެއްގެ އޯޑިއޯއެވެ.

މިހާތަނަށް ވަނީ މި "ސީރީޒް"ގެ 5 އޯޑިއޯއެއް ލީކްވެފައެވެ. އެ އޯޑިއޯތައް އަޑުއަހާފައި އަޅުގަނޑު ހަމަ ހިތަށް އެރީ ސަހަރޯއެވެ. ތެދެކެވެ. އެއީ މިނިސްޓަރ އަލީ ވަހީދު ނަމަ އެމަނިކުފާނަކީ ގައުމަށް ތަރައްގީ ގެނައުމުގައިވެސް އަދި އެހެން ކަންކަމުގައިވެސް ވަރަށް އަރާ ހުންނެވި ބޭފުޅެއްކަން އަޅުގަނޑަށް އެ އޯޑިއޯ އަޑުއަހާލުމުން އެނގިގެން ދިޔައެވެ.

ފުރަތަމަ ލީކްކޮށްލި އޯޑިއޯ އިން އިވިގެން ދިޔައީ ކޮރޯނާ ވައިރަހުން ދިވެހި ރައްޔިތުން ރައްކާތެރިކުރަން ހުރިހާ މަސައްކަތެއް ކުރެއްވީ އޭނާ އެކަނިކަމަށް މިނިސްޓަރ އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ދެއްކި ވާހަކަތަކެވެ. މީގެއިތުރުން، އަލީ ވަހީދު ވެސް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ކުރި ފުރައްސާރަ އާއި މަލާމާތުގެ އޯޑިއޯ ވެސް ލީކްވިއެވެ. އެއް ކެބިނެޓެއްގައި އެއް އަމާޒަކަށް ހުންނަވައިގެން އައިޝަތު އަލީގެ ޕްލޭންތަކާއި އުސޫލުތައް ފެއިލްކޮށްލައްވާނެ ކަމަށް އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ވިދާޅުވެއެވެ.

ޭަެއެ އޯޑިއޯތަކުގައި ވަނީ އަލީ ވަހީދު ނަމަ ފަހުން ލީކްވި ދެ އޯޑިއޯއިން އެމަނިކުފާނުގެ ފެންވަރު ރައްޔިތުންނަށް އެނގިގެން ދިޔައެވެ. އެ ދެ އޯޑިއޯ އިން މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއި އަލީ ވަހީދާއި ދެމެދު އޮންނަނީ ވަރަށް ވަރުގަދަ ގުޅުމެއް ކަން ރައްޔިތުންނަށް ހާމަވިއެ ވެ. ވާހަކަ ދެއްކި މީހާ ވަނީ ވަރަށް ދަށު ދަރަޖައިގެ ބޭއަދަބީ ވަހަކަތައް މިނިސްޓަރ ނަހުލާއާއި ދައްކަވާފައެވެ.

ކިތަންމެ އޯޑިއޯއެއް ލީކުކޮށްލިނަމަވެސް މިނިސްޓަރ އަލީ ވަހީދުގެ އަޒުމެއް ނުގުޑައެވެ. އެބޭފުޅާ އަދިވެސް ދަނީ އެ އޯޑިއޯތަކުން އިވޭ އަޑަކީ އެބޭފުޅާގެ އަޑެއް ނޫން ކަމަށް ތަކުރާރު ކޮށް ބުނަމުންނެވެ. މިނިސްޓަރ އެހެން ވިދާޅުވި ނަމަވެސް އެކަން ގަބޫލު ކުރަން ވަރަށް އުނދަގުލެވެ. މިނިސްޓަރ ވިދާޅުވަނީ އެއީ ބަޔަކު މީހުން އެބޭފުޅާގެ އަބުރު ކަތިލުމަށް ކުރާ ކަމެއް ކަމަށެވެ. މިނިސްޓަރު ވަރަށް ކެރިވަޑައިގެން ، އެކަމުގެ ތަހްގީގު ހިންގުމަށް ވެސް ވަނީ ގޮވާލާފައެވެ.

ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ބުނެލަން އޮތީ ހަމަ އެންމެ ވާހަކައެކެވެ. ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ހުރިހާ އެންމެންގެ މެދުގައިވެސް ހަމަހަމަކަން ގާއިމުކުރާނެ ކަމަށް ވައުދުވެފައެވެ. މި ސަރުކާރަކީ "ޒީރޯ ޓޮލަރެންސް" ގެ ސަރުކާރެވެ. އެހެން ކަމުން އެ އޯޑިއޯ އިން އިވެނީ އަލީ ވަހީދުގެ އަޑު ކަމަށްވާނަމަ މިނިސްޓަރަށް ހައްގުވާ އަދަބު ދޭން ޖެހޭނެއެވެ. އެ އަޑަކީ މިނިސްޓަރުގެ އަޑުކަން ސާބިތުވާ ދުވަހުން ފެށިގެން، ރައްޔިތުންނަށް ޔަގީންވާނެ ކަމަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ "ފެންވަރު" އެމަނިކުފާނުގެ ނެތް ކަމެވެ. އެހިސާބުން މިނިސްޓަރ ކަމުގެ މަގާމު ފުރުއްވުމަށް ވެސް އެމަނިކުފާނު ކުފޫ ހަމައެއް ނުވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!