އަންހެނުން ލޯބި ހުށަހެޅުން ޓްރެންޑަކަށް ވެއްޖެ
ޒަމާނުއްސުރެ ލޯބި ހުށަހެޅުމަކީ ފިރިހެނުން ކޮށް އުޅޭ ކަމެކެވެ. ކުރީގައި ވަރަށް މަދުން ނޫނީ އަންހެނަކު ލޯބި ހުށަހަޅައި ނޫޅެއެވެ. ނަމަވެސް ޒަމާން މިވަނީ ބަދަލު ވެފައެވެ. އަންހެނުން ވެސް ފިރިހެނުންނަށް ލޯބި ހުށަހަޅަން މިވަނީ ފަށާފައެވެ. އަދި މިކަން މިހާރު މިވަނީ ބޮޑު ޓްރެންޑަކަށް ވެފައެވެ.
ގިނަ ބަޔަކު މިހާރު ގަބޫލު ކުރާ ގޮތުގައި ލޯތްބަކީ ވަކި މީހަކު ހާމަކުރަން ޖެހޭ އެއްޗެއް ނޫނެވެ. ފިރިހެންމީހާ ލޯބި ހުށަހަޅަންދެން މަޑުކުރާކަށް ވެސް ނުޖެހެއެވެ. މިގޮތަށް މަޑު ކުރުމުން ތެޔޮ ނާށި ކާޅު ޖަހައިގަންނަ ކަމަށް ވެސް ބައެއް އަންހެނުން ބުނެއެވެ.
މި އަހަރުގެ ލޯބިވެރިންގެ ދުވަހަކީ ވެސް ވަރަށް ގިނަ ބަޔަކު އެމީހުންގެ ލޯބިވެެރިންނަށް ލޯބި ހުށަހެޅި ދުވަހެކެވެ. މީގެ ތެރެއިން 45 ޕަސެންޓް ލޯބި ހުށަހެޅީ އަންހެނުން ކަމަށް ރިޕޯޓުތަކުންދައްކައެވެ. ލޯބިވެރިންގެ ދުވަހުގައި ލޯބިހުށަހެޅި އަންހެނެއް ބުނި ގޮތުގައި ފުރަތަމަ ވަރަށް ބިރުގަނެފައި ހިތް އަވަސްވިއެވެ. ނަމަވެސް ހުރިހާ ކަމެއް ވެސް ދިޔައީ ބަޔާން ނުކުރެވޭހާ ފުރިހަމަކޮށް ކަމުގައި ބުންޏެވެ.
ޕްރޮފެޝަނަލް މެޗްމޭކަރ މިޝެލް ފްރޭންކަލް ބުނި ގޮތުގައި އަންހެނުން ބާރުވެރި ކުރުމަށް ގިނަ ބަޔަކު ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފިރިހެނުންނަށް ލޯބި ހުށަހެޅުން ވެސް މިއީ އޭގެ ވައްތަރެކެވެ. މިކަމުން އަންހެނުން ބޭނުން ވާ ކަންތައްތައް އަންހެނުން ކުރާނޭ ކަމާއި އަންހެނުންނަށް ވާނޭކަން ހާމަވެގެންދާ ކަމުގައި ވެސް އޭނާ ބުންޏެވެ.
އަންހެނުން ފިރިހެނުންނަށް ލޯބި ހުށަހެޅުމަކީ ދިވެހިންގެ ތެރޭގައި ވެސް މިހާރު އާންމު ވަމުން އަންނަ ކަމެކެވެ.