އިމެއް ނެތް އިންސާނީ ހައްގުތަކަށް ގޮވާލާ މީހުންނަށް މަރުހަބާ! ދީނީ އިލްމުވެރިންނަށް ދޮރު ބަންދު!
މި މަހުގެ 12 އިން ފެށިގެން 18 އަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެއަށް ދީނީ ދަރުސް ދިނުމަށް ޒިޔާރަތް ކުރާ ހަބަރު ޔޫތު މިނިސްޓްރީ އިން އިއްޔެ ހެނދުނު ދިނުމުން އެތައް ދިވެހިންނެއް އުފާވިއެވެ. ގިނަ ދިވެހިންނަކީ އަބަދުވެސް އެފަދަ މޮޅަށް އިލްމު ލިބިވަޑައިގެން ހުންނަވާ ބޭފުޅުންގެ ދަރުސްތައް އަޑުއެއްސެވުމަށް ވަރަށް ޝައުގުވެރިކަމެއް ހުންނަ ބައެކެވެ. ޑރ ބިލާލް ރާއްޖެ ޒިޔާރަތް ކޮށް ދަރުސް ދޭ ދާއިރާތައްވެސް ޔޫތު މިނިސްޓަރ އިއްޔެ އިއުލާން ކުރެއްވިއެވެ.
ޑރ ބިލާލްގެ ދަރުސް އަހާލުމަށް ރައްޔިތުން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަން ތިއްބާ ފެނިގެންދިޔައީ، އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ދެ މެމްބަރަކުން ޑރ ބިލާލް ރާއްޖެ ގެނައުމާއި ދޭތެރޭ ދެކޮޅު ހެދި މަންޒަރެވެ. އެއީ ހަމަ ދިވެހި ގަައުމުގައި އަބަދުވެސް އިސްލާމު ދީނަށް ޖާގަ އޮންނާނެ ކަމަށް ވައުދުވެ ވެރިކަމަށް އިސްވި މައި ޕާޓީގެ މަޖިލިސް މެމްބަރުންނެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޑރ ބިލާލް ރާއްޖެ ގެނައުމަށް ދެކޮޅު ހަދާފައެވެ.
މެމްބަރު އީވާ ވިދާޅުވީ، ޒުވާނުންނަށް ސުލްހަ އާއި މަސަލަސްކަމުގެ މުހިންމުކަން ބުނެދިނުން މުހިންމު ކަމަށެވެ. ނަމަވެސް ޑރ. ބިލާލްއަކީ އެންމެ ރަނގަޅު މީހެއް ނޫން ކަމަށެވެ. އޭނާއަކީ ހަރުކަށި ފިކުރު ފަތުރައި އަންހެނުންނަށް އަނިޔާވުމަށް ހިތްވަރުދޭ މީހެއް ކަމަށާއި ޑިމޮކްރަސީގެ ވިސްނުމާ ވެސް ދުރު މީހެއްކަން އީވާ ފާހަގަ ކުރެއްވިއެވެ. އީވާ މިހެން ބުނުމުން މީސްމީޑިއާގައި ގިނަ ރައްޔިތުންނެއް ވަނީ އީވާއަށް ރައްދު ވެސް ދީފައެވެ.
އީވާ އެހެން ވިދާޅުވިއިރު، މެމްބަރު އިމްތިޔާޒު ވިދާޅުވީ، ޑރ. ބިލާލްއަކީ އެންމެ އެކަށީގެންވާ މީހާ ނޫން ކަމަށެވެ. އޭނާގެ ހަރުކަށި ފިކުރާ ހެދި ބައެއް ގައުމުތަކުން އޭނާ ދިޔުން މަނާކޮށްފައިވާކަން ވެސް އިމްތިޔާޒު ފާހަގަ ކުރެއްވިއެވެ. އިމްތިޔާޒް އަށް ވެސް ވަރަށް ގިނަ މީހުން ވަނީ އެކި މޭރުމުން ފާޑު ކިއެވެ.
ރައްޔިތުންނާއި ރާއްޖޭގައި ތިބި ދީނީ އިލްމުވެރިންގެ ރުޅިވެރިކަން އިތުރުވީ މަޖިލީހުގެ ރައީސް ނަޝީދު، ޑރ.ބިލާލް ގެނައުމާއި ދެކޮޅު ހައްދަވައި ޓްވީޓެއް ކުރެއްވުމުންނެވެ. ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިލާލްއަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައި ނުގަންނަ މީހެއް ކަމަށާއި އެ ބޭފުޅާ ރާއްޖެ ގެންނަން ނުފެންނަ ކަމަށެވެ. ރައީސް ނަޝީދު މިހެން ވިދާޅުވުމުން ބައެއް އިލްމުވެރިން ވެސް ވަނީ ނަޝީދަށް ރައްދު ދެެއްވާފައެވެ.
ރައީސް ނަޝީދުގެ އެ ޓްވީޓަށް ރައްދު ދެއްވަމުން މި ސަރުކާރުގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ.އިޔާޒް ވިދާޅުވީ ދީނީ ނަސޭހަތް ރަނގަޅުގޮތުގައި ދެއްވާ ބޭފުޅުންނާ އެ ނޫން ބޭފުޅުން ވަކިކުރަން އެނގިވަޑައިގަންނަވާ ވަރަށް ވުރެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދީނާ ދުރު ކަމަށެވެ. އަދި، ޑރ.އިޔާޒް ވަނީ މާފުށީގައި އައުރަނިވާ ނުކޮށް އުޅުނު އަންހެނެއްގެ ދިފާއުގައި މީގެ ކުރިން ރައީސް ނަޝީދު ވާހަކަ ދެއްކެވިއިރު، ދީނީ އިލްމުވެރިއަކު ރާއްޖެ އައުމަށް ދެކޮޅު ހަދަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.
އެމްޑީޕީއަށް ނިސްބަތްވާ ދެ މެމްބަރަކު އަދި މަޖިލީހުގެ ރައީސް ޑރ ބިލާލް ގެނައުމަށް ދެކޮޅު ހެދިއިރު، ޔޫތު މިނިސްޓަރ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ ބިލާލްގެ ދަރުސް މަޑު ޖައްސާލާފައިވާ ކަމަށެވެ. އެ ޓްވީޓްގައި ވިދާޅުވީ، އުފެދިފައިވާ ސުވާލުތަކާއި އަދި ކަންބޮޑުވުންތަކާއި ގުޅިގެން ކަމާގުޅުންހުރި ބައެއް އިދާރާތަކުގެ ލަފާ ހޯދުމަށް ޝައިހް ޑރ. ބިލާލް ފިލިޕްސްގެ އިވެންޓް މަޑުޖައްސާލާފައިވާ ކަމަށެވެ.
މިހާ ހިސާބުން ރައްޔިތުންގެ ހިތުގައި ވަރަށް ގިނަ ސުވާލުތަކެއް އުފެދެއެވެ. ހަމައެއް ލަމައެއް އަދި އިމެއް ނެތް ގޮތުގައި އިންސާނީ ހައްގުތަކަށް ގޮވާލާ މީހުންނާއި ދީނީ މިނިވަންކަމަށް ގޮވާލާ ފަރާތްތަކަށް މިގައުމުން ކިޔަނީ ހޫނު މަރުހަބާއެކެވެ. ނަމަވެސް ޑރ ބިލާލް ރާއްޖެ ގެންނަން އުޅުމުން ބައެއް މީހުންނަށް މިއަރަނީ ކޮން އައްސިޔެއް ކަމެއް ހަމަ ވިސްނާ ވިސްނާ ނޭގުނެވެ. އިސްލާމް ދީން ދެކެ ލޯބިވާ މުސްލިމް އިލްމުވެރިޔެއްގެ އަގުހުރި ނަސޭހަތަށް، ގައުމުގެ ދޮރުތައް ބަންދު ކުރީއެވެ. މިއީ ކޮން އުސޫލެއް ތޯއެވެ؟.