ޔާމީން ސަރުކާރުގެ ތަރައްގީ ފެނި ބޮޑެތި މިނިސްޓްރީތައް ކޮށި އަރާތީ ހިތާމަ ކުރަން: ސައީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތަރައްގީ ފެނި މިހާރުގެ ސަރުކާރުގެ ބޮޑެތި މިނިސްޓްރީތަކަށް ކޮށި އަރާ މަންޒަރު ފެނުމުން ހިތާމަ ކުރައްވާ ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވެފައިވަނީ، އެމަނިކުފާނު އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާސީޕްލޭން ޓާމިނަލް ހިންގުން ޓްރާންސް މޯލްޑިވިއަން އެއާވޭސް(ޓީއެމްއޭ)އަށް ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އިއްޔެ ވިދާޅުވުމާއި ގުޅިގެންނެވެ.
ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ފައްޔާޒު ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް ކަމަށެވެ. "ފިނިހަކަ" ދުވެލީގަ ސަރުކާރުގެ ފުރަތަމަ ހާފު ނިމުނު އިރުވެސް މިހާތަނަށް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށާއި އަދި ކުރީ ސަރުކާރުގެ ތަރައްގީ ފެނި ބޮޑެތި މިނިސްޓްރީތައް ކޮށި އަރާ މަންޒަރު ފެނުމުން ހިތާމަކުރައްވާ ކަމަށެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ، ސީޕްލޭން ޓާމިނަލް ވަކި އަގަކަށް ބަޔަކަށް ދިނުމަށް ކުރީ ސަރުކާރަކުން އެމްއޭސީއެލް އަށް އަންގާފައި ނުވާނެ ކަމަށާއި ކުރީގެ ސަރުކާރުން ވާނީ މުޅިއެއާޕޯޓްގެ ތަރައްގީއަށް އެންމެ ޒަމާނީ ތަސައްވަރެއްކުރެހި، ފައިސާ ހޯދި، މަސައްކަތްފެށި، ބާރުސްޕީީޑު ގައި ކުރިއައް ގެންގޮސްފައި ކަމަށެވެ. އަދި ވަޅުޖަހާފަ އޮތް އިގުތިސާދެއް ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ރޭޓްކޮށް އަަލުން އަނބުރާ އިތުބާރު ގާއިމްކޮށްފައި ވާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
"ކުރީގެ ސަރުކާރު ނިމުނު އިރު ހުރި ޤައުމީ ރިޒާވް ހުލިވެ، ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑު ހުލިވެ، އިޤްތިޞާދު ހުއްޓި، ވިޔަފާރިތައް ބަނގުރޫޓު ވަމުން މިދަނީވެސް ހަމަ ކުރީ ސަރުކާރާ ހެދި ތޯއެވެ؟" ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް އިއްޔެ ވިދާޅުވީ ސައީދު، ޓީއެމްއޭ ޓާމިނަލް ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް މިނިސްޓަރު ފައްޔާޒް ނުދެއްވައެވެ.