"ބަޔަކު ބްރިޖު އެޅީތީ އޭގެ ތިން ގުނަ ބޮޑުކޮށް ވެސް އެކަން ކުރަން މިހާރު އެންމެ ރަނގަޅު"
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބްރިޖު އެޅީތީ މި ސަރުކާރުން އޭގެ ތިންގުނަ ބޮޑުކޮށް ވެސް އެކަން ކުރިން މިހާރު އެންމެ ރަނގަޅު ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ސެންޓްރަލައިޒްކޮށްގެން ވެރިކަން ކުރާ ރަށް އެކަނި ތަރައްޤީކުރުމުން އެންމެ ބޮޑު ނިކަމެތި ކަމެއް ލިބުނީ މާލެއަށް ކަމަށާއި، އެކަމުގެ ހިތި ނަތީޖާ އެންމެ ބޮޑަށް ފެންނަނީ މާލެއިން ކަމަށް ރޭގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާއި ގުޅިގެންނެވެ.
ރައީސް ސޯލިހާ ސުވާލު ކުރައްވަމުން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އަހަރުގެ ބަޖެޓްގައި ނުވަ އަތޮޅު ނުވަތަ 50 ޕަސެންޓު އާބާދީއާ ނުބައްދަލު ޚަރަދު މާލެއަށް އެކަނި އެކަށައެޅީ ސެންޓްރްލައިޒް ކުރުމުގެ ބޭނުމުގައި ކަމަށެވެ.
"އެެހެންވީމަތޯ 2020ގެ ބަޖެޓުގައި 9 އަތޮޅު ނުވަތަ %50 އާބާދީ އާއި ނުބައްދަލު ޚަރަދު މާލެއަށް އެކަނި ތި އެކަށަ އެޅުއްވީ؟ ބަޔަކު ބްރިޖު އެޅީތީ އެކަން ކުރަން އޭގެ ތިންގުނަ ބޮޑުކޮށް ވެސް މިހާރު އެންމެ ރަނގަޅު؟ އެއީ ކިތައް ރަށުގެ ނަރުދަމާ އާއި ފެން އަދި މަގުތަކާއި ބަނދަރުތޯ؟" ސައީދު ވިދާޅުވިއެވެ.
އެމްޑީޕީއިން ކައުންސިލް އިންތިޚާބުގެ ކެމްޕެއިން އިފްތިތާހުކުރުމަށް ރޭ ބޭއްވި "ރަށްވެހި ފަތިސް" ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ތަރައްޤީގެ ނަމުގައި ކުރި ކަންކަމުން، ރައްޔިތުންނަށް ފައިދާއެއް ލިބިފައި ނުވާ ކަމަށާާއި، މާލެއަށް އެކަންކަމުގެ ސަބަބުން އެތައް މައްސަލަތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.