ޚަބަރު

އަލީ ވަހީދުގެ އިތުރު އޯޑިއޯއެއް: މިފަހަރު ދައްކަނީ އިންވެސްޓަރަކަށް ރަށެއް ދޭ ވާހަކަ

ދެން އެމްވީ ، ދެން އޮންލައިން

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ މީހާގެ އިތުރު އޯޑިއޯއެއް އަނެއްކާ ވެސް ލީކު ކޮށްލައިފިއެވެ.

Ads by Sosun Fihaara

"ލީކްސް އެމްވީ" ގެ ނަމުގައި ހިންގާ ޓްވީޓާ އެކައުންޓަކުން އަންނަނީ އަލީ ވަހީދުގެ އޯޑިއޯތަކެއް ސޯޝަލް މީޑިއާގައި ލީކް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން ފަސް ވީޑިއޯއެއް ލީކް ކޮށްފައިވާއިރު، މިރޭ ލީކް ކޮށްލާފައި މިވަނީ އަލީ ވަހީދުގެ ހަވަނަ އޯޑިއޯ ކްލިޕެވެ.

ހަވަނަ އޯޑިއޯގައި އަލީ ވަހީދު ފޯނުން ވާހަކަ ދައްކަވަނީ ދައްކަމުން ގެންދަނީ ވިޔަފާރިވެރިއަކާކަން އެނގެއެވެ. ނަމަވެސް އެއީ ސީދާ ކޮން ވިޔަފާރިވެރިއެއް ކަމެއް ނޭނގެއެވެ. އެމީހާއާ ގުޅުމަށްފަހު އަލީ ވަހީދު ވިދާޅުވާ އަޑު އިވެނީ ރާއްޖޭގެ ރަށެއް އޭނާއަށް ހޯދައި ދިނުމަށް ކުރާ މަސައްކަތުގެ ވާހަކައެވެ. އަދި އަލީ ވަހީދު އެ ވިޔަފާރިވެރިޔާ އަށް އެރަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވައެވެ.

އެ އޯޑިއޯގައި އަލީ ވަހީދު ވަނީ އިންވެސްޓަރާއި ވާހަކަދެއްކުމަށްފަހު ބައްދަލުވުމެއް ހަމަޖައްސާފައެވެ. ހަމައެއާއެކުގައި ވިޔަފާރިވެރިޔާއަށް އެ ރަށް ހޯދައި ދިނުމާއި ގުޅޭ ގޮތުން ރައީސްއާއި ވާހަކަ ދައްކަވާފައިވާ ކަމަށާއި އެކަމުގައި ރައީސްގެ އާނބަސް ހޯދައިފާވާ ކަމަށްވެސް ވިދާޅުވާ އަޑުއިވެއެވެ.

"ޖަޒީރާ ރާއްޖޭގައި އާޓިފިޝަލް ރަށެއް ހަދައިގެން ނުވާނެއޭ މަބުނިން ރައީސް ގާތުގައި. ރައްޔިތުންގެ ލޯބި ލެބޭ ކަހަލަ ނިންމެވުންތައްވެސް ބައެއް ފަހަރު ނިންމަވަން ޖެހޭނެ ކަމަށްވެސް ބުނިން. އެހެން ބުނީމަ ރައީސް ވިދާޅުވީ އެކަމައިގެން އަލީ ވަހީދު ކުރިޔަށް ދާށޭ،" އޯޑިއޯގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

އިންވެސްޓަރާ ވާހަކަދައްކާ ނިންމުމުން އަލީ ވަހީދާއި އެކު އެވަގުތު އިންނެވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ(އަޑުބަރޭ)، އަލީ ވަހީދު ގާތުގައި ވިޔަފާރިވެރިޔާ މިކަމުގައި ދޭން ޖެހެނީ ކިހާ އަދަދެއްގެ ފައިސާއެއްކަން އެނގޭތޯ އަހައެވެ. ޖަވާބުގައި އަލީ ވަހީދު ވިދާޅުވަނީ މަޑު މަޑުން ކަންކަން ކުރަމުން ގޮސް ވިޔަފާރިވެރިޔާ އަތުން ލާރިގަނޑު ހޯދާނީ ކަމަށެވެ.

މީގެ ކުރިން ލީކްކޮށްލި އޯޑިއޯތަކުގައި އަލީ ވަހީދު ވަނީ ސަރުކާރުގެ ބައެއް ވަޒީރުންނަށް އަމާޒުކޮށް ހަޑި ހުތުރު ބަސްތައް ބޭނުންކޮށްފައެވެ. އޭގެތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ހިމެނިވަޑައިގަންނަވައެވެ.

މި އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ދެ ފަހަރެއްގެ މަތިން އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އަލީ ވަހީދު ވިދާޅުވަނީ އޭނާގެ މައްޗަށް ވެސް ތަހުގީގު ހިންގަވައިފި ނަމަ އެކަމުގެ ހަގީގަތް ފެންނާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!