ޚަބަރު

ނަޝީދުގެ ކޮރަޕްޝަން އަމަލަކީ މެންބަރުކަން ގެއްލޭނެ ކަމެއް: ހައިލަމް

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްދު ނަޝީދުގެ ކުރި ދަތުރެއްގައި ޓެކެޓު ގަތުމަށް ހޭދަކުރި 444 ރުފިޔާގެ ކޮރަޕްޝަން އަމަލަކީ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ފަދަ އަމަލެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.

Ads by MWSC

ހައިލަމް މިހެން ވިދާޅުވީ، މިދިޔަ އަހަރު އޮކްޓޯބަރު މަހު ގއ. ވިލިނގިލީގައި ބޭއްވި "ދެކުނު މަހާސިންތާ" ނިންމާލުމަށް ފަހު މާލެ އައި ދަތުރާ ގުޅިގެން އޭސީސީން ބެލި މައްސަލައަކާ ގުޅިގެންނެވެ. އެ މަހާސިންތާ ނިންމާލުމަށްފަހު މާލެ އައުމުގެ ބަދަލުގައި، އެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަމެއްގައި ބައިވެރިވެވަޑައިގަތުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ނަޝީދު ދަތުރު ކުރައްވާފައި ވެއެވެ. އަދި އެކަމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދުވި ކަމަށާއި އިތުރަށް ހަރަދުވި 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް އޭސީސީން ވަނީ އަންގާފައެވެ.

ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ އަމިއްލަ ދަތުރުފުޅެއްގައި ހަށިފާރަވެރިޔާއާއި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ގެންދިއުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރި ފައިސާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދެއްކުމަށް އޭސީސިއިން ރައީސް ނަޝީދަށް އެންގެވުމުގެ މާނަ ވަރަށް ސާފު ކަމަށެވެ.

އަދި އެކަމުން އެނގިގެން ދިޔައީ ނަޝީދުގެ އަމިއްލަފުޅު ދަތުރުފުޅަކަށް ބައިވެރިންގެ ގޮތުގައި ގެންދިޔަ ބަޔަކަށް ޓިކެޓް ނަގައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ފައިސާ ޙަރަދުކުރިކަން އޭސީސީގެ ތަހުގީގަށް ސާބިތުވެއްޖެ ކަމަށެވެ. އަދި އެކަމުގެ ޒިންމާ ރައީސް ނަޝީދު ނަންގަވަންޖެހޭ ކަމަށް އޭސިސީއިން ވެސް ގަބޫކޮށްފައިވާ ކަމަށާއި، ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި، ރަސްމީ ހައިސިއްޔަތުން ނަހަމަގޮތުގައި ބޭނުންކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމަށެވެ.

އަދި މި މައްސަލަ ސާބިތުވެފައި ވާއިރު، އިހުމާލު ކޮށްލައިފިނަމަ ކޮންމެވެސް އެއް ދުވަހަކުން އެކަމާ ޖަވާބުދާރީ ވާންޖެހޭނެ ކަމަށާއި ކުށްވެރިވެ އަދަބު ލިބޭނެ ކަމީ މި ރާއްޖެއިން މިހާރުވެސް ފެންނަ އޮތް ހަގީގަތެއް ކަމަށް ހައިލަމް ވިދާޅުވިއެވެ.

"އެ ކޮމިޝަންގެ މެންބަރުން އެކަން ކުރައްވަނީ ކޮންގޮތަކަށް ކަމެއް ނޭނގޭ. އެނގޭ ކަމަކީ ރައީސް ނަޝީދުގެ މައްޗަށް ތަހުގީގު ސާބިތުވެގެން އުޅޭ ކޮރަޕްޝަންގެ ކުށަކީ އެ ކުށް ޝަރީއަތުން ސާބިތުވެއްޖެ ނަމަ 1 އަހަރު ދުވަހަށް ވުރެއް ދިގު މުއްދަތެއްގެ ޖަލު އަދަބެއް އަންނާނެ ކުށެއް" ހައިލަމް ވިދާޅުވިއެވެ.

އޭސީސީގެ އެންގުމަށް ތާއީދު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ދައުލަތުގެ އެންމެހާ ކަންކަން ވީހާވެސް ގާތުން އޭސީސީން ބެލުމަކީ އެ ކޮމިޝަނުން ކުރާ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަދި ދައުލަތުގެ ތެރޭގައި ހިނގާ އެހެން ކަންކަންވެސް އެ ކޮމިޝަނުން ގާތުން ބަލަމުން ގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!