ޚަބަރު

ރޭޕްގެ ތުހުމަތު ކުރެވުނު ސިފައިންގެ މީހާގެ މައްޗަށް ދައުވާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވޭ ސިފައިންގެ މީހާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.

Ads by Sosun Fihaara

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ހދ. ނޮޅިވަރަންފަރު، ޝެހެނާޒު، މުހައްމަދު އަލީގެ މައްޗަށް "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު" ގެ ތިން ވަނަ މާއްދާގެ ހ. އާ ހަވާލާދީ އެ މާއްދާގެ ނ. ގެ ދަށުން، ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ.

އެ އޮފީހުން އަދި ބުނީ، އޭނާގެ މައްޗަށް ކުރާ ދައުވާ އަކީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ކަމަށެވެ.

މިހާރު ސަސްޕެންޑު ކޮށްފައިވާ މުހައްމަދު އަލީ އަކީ ކުޑަކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުވާ ސިފައިންގެ މީހާކަން ވަނީ ކަށަވަރުވެފަ އެވެ. އެހެން ނަމަވެސް، ޕީޖީ އޮފީހުން އެކަމާ ގުޅޭ މައުލޫމާތެއް ހާމައެއް ނުކުރި އެވެ.

މި މައްސަލަ ފެންމަތިވީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު އެކުއްޖާގެ ކާފައާ މުނިކާފަ ރޭޕްކުރި ކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ބޭއްވި އެ މަޖިލީހުގެ ޖެންޑާ ކޮމެޓީގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ކުރެއްވި ތުހުމަތުތަކަކާއި ގުޅިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!