ޚަބަރު

ހަނިމާދޫ އެއާޕޯޓް ބޭރު ބަޔަކަށް ވިއްކާލާކަށް ނޫޅެން: ސައީދު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އިކޮނޮމިކް މިނިސްޓަރު ސައީދު: ރާއްޖެއަކީ އިންވެސްޓްކުރަން ފަސޭހަ ގައުމަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި / ފޮޓޯ:ރައީސް އޮފީސް

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޭރު ބަޔަކަށް ވިއްކާލަން ނުވަތަ ކުއްޔަށް ދިނުމުގެ ވިސްނުމެއް ވެސް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ސިންގަޕޫރަށް މި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި އޮތް ފޯރަމެއްގައި އިންޑިއާގެ އަދާނީ ގްރޫޕާ މަޝްވަރާކުރައްވައި އެއާޕޯޓް ދޭން މަޝްވަރާކުރެއްވި ކަމަށް ތުހުމަތުކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

ޔާމީންގެ ވާހަކައިން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއްގެ ސްކްރީން ޝޮޓާއެކު މިނިސްޓަރު ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ.

"ހަނިމާދޫ އެއާޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭ ކަމަށް ބުނެ ފަތަރަމުންދާ ވާހަކައާއި، މި ކަމާ ބެހޭ ގޮތުން ސިންގަޕޫރުގައި ބަޔަކާ ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުހުތާނު ދޮގެއް،" ޔާމީނުގެ ވެރިކަމުގައި ވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއަކީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާ ޙަވާލުކޮށްގެން ހިންގަމުން އަންނަ 136.6 މިލިޔަން ޑޮލަރުގެ މަޝްރޫއެކެވެ. މިމަޝްރޫޢުގެ ދަށުން 2465 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރެއެވެ. އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ބޮއިންގ 737 އާއި A320 މަރުކާގެ ބޮޑެތި ބޯޓު މިރަންވޭއަށް ޖެއްސޭނެއެވެ.

މި މަޝްރޫއުގެ 88 ޕަސެންޓް ނިމިފައިވާ ކަމަށް ސަރުކާރުން މިދިޔަ އަންގާރަ ދުވަހު ބުނެފައިވެ އެވެ.

Ads by Allied Insurance