ޚަބަރު ސިޔާސީ

އެފްކޮންސް ޖޫރިމަނާ ކޮށްފިނަމަ, އެ ފައިސާ ވެސް ދައްކާނީ ދިވެހިން ރަހުނުކޮށްފައި ނަގާ ލޯނަކުން: ސަޢީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ތިލަމާލެ ބުރިޖުގެ ސާވޭގެ މަސައްކަތް ކުރިއަށް ދަނިކޮށް ވިލިމާލޭ ފަރަށް އެރި އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމުން ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި ސާވޭއާމެދު ހިތްހަމަނުޖެހޭތީ އެ ކުންފުނިން އަމިއްލައަށް ސާވޭ ކުރަން އެދުމާ ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ފާޑުވިދާޅުވެއްޖެއެވެ.

Ads by STELCO

ސަޢީދު ވިދާޅުވީ ރާއްޖޭގެ މުއައްސަސާތަކުގެ އަގު ވައްޓާލީ އެމްޑީޕީން ކަމަށާއި, އީޕީއޭ ގެ އެންގުމަކީ އެފްކޮންސްގެ ކުރިމަތީ އިހުތިރާމު އޮތް ލިޔުމެއް ނޫން ކަމަށެވެ.

އަދި އެ ކުންފުނި ޖޫރިމަނާ ނުވެސް ކުރާނެ ކަމަށާއި, ކޮށްފިނަމަ އެ ފައިސާ ވެސް ދައްކާނީ ދިވެހިން ރަހުނުކޮށްފައި ނަގާ ލޯނަކުންކަމަށް ވިދާޅުވެ ސަޢީދު ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރައްވައިފައެވެ.

ބުރިޖުގެ ސާވޭ މަސައްކަތް ކުރިއަށް ދަނިކޮށް ވިލިމާލޭ ފަރަށް ޕްލެޓްފޯމް އެރީ މިދިޔަ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުގައެވެ.

ފަރަށް ލިބުނު ގެއްލުންތައް ބަލަން ކުރި ސާވޭ ނިންމުމަށްފަހު, އީޕީއޭގެ ރިޕޯޓަށް ޖަވާބުދާރީވުމަށް އެފްކޮންސްއަށް ފުރުސަތު ދިނީ މިދިޔަ މަހުގެ 14 ގައެވެ. ނަމަވެސް އެފްކޮންސްއިން ޖަވާބުދާރީއެއް ނުވިއެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނަޢީމް ވިދާޅުވީ އެ އެޖެންސީ ކުރި ސާވޭއާމެދު އެފްކޮންސްއިން ހިތްހަމަނުޖެހޭ ކަމަށެވެ. އަދި އަމިއްލައަށް ސާވޭކުރަން ހުށަހެޅީ މީގެ ދެ ހަފުތާއެއް ކުރިން ކަމަށާއި, އެ ގޮތަށް ހުށަހެޅުމުން އީޕީއޭގެ ރިޕޯޓަށް ޖަވާބުދާރީވުމަށް އިތުރު 07 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!