ހަކުރު ބަލީގެ ދުވަސް: ރާއްޖޭގެ އާބާދީގެ 14 އިންސައްތަ މީހުންނަށް ބަލި ޖެހިފައިވޭ
ރާއްޖޭގެ 14 އިންސައްތަ މީހުންނަށް ހަކުރު ބަލި ޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރައްވައިފިއެވެ.
މިއަދަކީ ހަކުރު ބައްޔަށް މީހުން ހޭލުންތެރި ކުރުވުމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ހަކުރު ބަލީގެ ދުވަހެވެ. މި ބައްޔާ ގުޅޭ ބައެއް މަޢުލޫމާތު ހިއްސާ ކުރައްވައި ހެލްތުން މިއަދު ވިދާޅުވީ ގައިން ގަަޔަށް ނާރާ ބަލިތައް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމުގެ ގޮތުން 2020 ވަނަ އަހަރުން 2021 ވަނަ އަހަރަށް ހެދި ސްޓެޕްސާވޭއިން ދެއްކި ގޮތުގައި، ރާއްޖޭގެ އާބާދީގެ 14 އިންސައްތަ މީހުންނަށް ހަކުރު ބަލި ޖެހިފައިވާ ކަމަށް ދައްކައެވެ.
އަދި 2018 ވަނަ އަހަރުގައި ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ރާއްޖޭގައި 3.7 އިންސައްތަ މީހުން މަރުވަނީވެސް މި ބަލީގައެވެ.
އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަނުން މިއަހަރުގެ ހަކުރު ބަލީގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "މާދަމާގެ ރައްކާތެރި ކަމަށް އުނގެނެމާ!"އެވެ. މި ޝިޢާރު އަމާޒު ކުރެވިފައި ވަނީ ހަކުރު ބަލި ތަހައްމަލު ކުރާ މީހުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ފަރުވާ ލިބި، މި ބަލީގެ ސަބަބުން ދިމާވާ ސިއްޙީ މައްސަލަތަކުން ރައްކާތެރިކަން ލިބި، ސިއްޙީ ޚިދުމަތްތެރިންނާ، އަދި ހަކުރު ބަލި ތަހައްމަލު ކުރާ މީހުންނަށް މިކަމާ ގުޅޭ ފުރިހަމަ މަޢުލޫމާތާ ތަމްރީނު ދިނުމުގެ މައްޗަށެވެ.
ހެލްތު މިނިސްޓްރީން ވަނީ ހަކުރު ބައްޔަކީ ދުނިޔޭގެ ވަރަށް ގިނަ ބަޔަކަށް ތަހައްމަލު ކުރަން ޖެހިފައިވާ ސިއްޙީ މައްސަލައެއްކަން ފާހަގަކުރައްވައިފައެެވެ. މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި ބަލި ޖެހުނު ކަމަށް ބަލަނީ، އެމީހެއްގެ ލޭގައި ހަކުރު ހުންނަންވާ މިންވަރަށްވުރެ އިތުރަށް ހުރުމުންނެވެ.
މި ބަލީގެ ދެ ވައްތަރެއް ހުރެއެވެ. އެއީ ޓައިފް1 އަދި ޓައިފް 2 ޑައިބެޓީސްއެވެ. މީގެ ތެރެއިން ޅަ އުމުރުގައި ދިމާވާ ޓައިފް 1 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށްވުރެ ގިނައިން ނުވަތަ އެއްވެސް ވަރަކަށް ނުއުފެއްދުމުން ޖެހޭ ބައްޔެކެވެ.
އަދި ބޮޑެތި މީހުންނަށް ޖެހޭ ޓައިޕް2 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް، ހަށިގަނޑު ފަލަވެ، މާ ބޮޑަށް ބަރުދަން އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ. މީގެ އިތުރުން، ޢާއިލާގައި ހަކުރު ބަލި ޖެހިފައިވާ މީހުން ތިބުމާއު ދުންފަތުގެ އިސްތިއުމާލު ކުރުމާއި، މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުންވެސް މި ބައްޔަށް ހުށަހެޅެއެވެ.