ކުޅިވަރު

ޔުވެންޓަސްގެ ކޯޗަކަށް ޕީރްލޯ ހަމަ ޖައްސައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޔުވެންޓަސްގެ ކޯޗު ކަމުގެ މަގާމަށް އިޓަލީގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަންދްރޭ ޕީރްލޯ ހަމަ ޖައްސައިފިއެވެ.

Ads by Hajj Corporation

އެޓީމުގެ ކޯޗު ކަމުގެ މަގާމަށް ޕީރްލޯ ހަމަ ޖެއްސީ ހޮނިހިރު ދުވަހުގެ ރޭ އެވެ. އަދި މި މަގާމަށް ޕީރްލޯ ހަމަ ޖައްސައިފައި މިވަނީ ހަމަ އެރޭ ޔުވެންޓަސްގެ ކޯޗްކަމުގެ މަގާމުން މައުޒީރީ ސާރީ ވަކި ކުރުމަށް ފަހުގައެވެ.

ބޭރުގެ މީޑިއާތަކުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޕިރްލޯ ޔުވެންޓަސް ގެ ކޯޗުގެ މަގާމަަށް ހަމަ ޖެއްސީ އެ ޓީމުގެ ރަައީސްގެ އެދުމުގެ މަތިންނެވެ. އަދި ޕީރްލޯ މަގާމާއި ހަވާލު ވީ 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމުގައިވެސް ރިޕޯޓްތައް ބުނެއެވެ

ޕީރްލޯ އަކީ މީގެ ކުރިން ޔުވެންޓަސް އަށް ކުޅެފައިވާ އެޓީމުގެ ލެޖެންޑަރީ މިޑްފީލްޑަރެކެވެ. ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމާ މިދިޔަ ހަފްތާގައި ޕީރްލޯ ހަވާލުވެފައި ވީ ނަމަވެސް މިއީ ޕީރްލޯ ސީނިއަރ ޓީމެއްގެ ކޯޗެއްގެ ގޮތުގައި ފެންނާނެ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ދުނިޔޭގެ އެންެމެ މޮޅު މިޑްފީލްޑަރުންގެ ލިސްޓުގައި ގުނާލެވޭ އެއް މިޑްފީލްޑަރު ފުޓުބޯޅަ ކުޅުން ހުއްޓާލީ 2017 ވަނަ އަހަރުގައެވެ. އެއީ 22 އަހަރު ފުޓުބޯޅައިގެ  ކެރިއަރުގައި ހޭދަ ކުރުމަށް ފަހުއެވެ.

2006 ވަނަ އަހަރު އިޓަލީ އިން ވޯލްޑް ކަޕްގެ ތަށި އުފުލާލުމުގައިވެސް އެންމެ ބޮޑު ދައުރެއް އަދާ ކޮށްފައިވާ އެކަކީ ޕީރްލޯ އެވެ. އޭނާ ވަނީ އިޓަލީގެ ގައުމީ ޓީމުގެ ވެސް އަދި ޔުވެންޓަސްގެ ވެސް ކެޕްޓަން ކަމުގެ މަގާމު ފުރިހަމަ ކޮށްފައެވެ.

އޭސީ މިލާން، އިންޓާ މިލާން އަދި ޔުވެންޓަސް އާއި އެކު ޕީރްލޯ ވަނީ ގިނަ ކާމިޔާބީ ތަކެއް ހޯދާފައެވެ. އެންމެ ފަހުން އޭނާ ކުޅެފައިވަނީ އެމެރިކާގެ މޭޖާ ލީގުގެ ނިއު ޔޯކް ސިޓީ އެފްސީ އަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!