ލައިފްސްޓައިލް

މަދުން މޭވާއާއި ތަރުކާރީ ކާ މީހުނަށް އެންޒައިޓީ ޖެހުމުގެ ފުރުސަތު ބޮޑު - ދިރާސާ

އެންޒައިޓީ އަކީ ކަންކަމާއި މާ ބޮޑަށް ފިކުރުވެ ބޮޑުވެ ހާާސްވެ އުޅުމަށް ކިޔާ ބައްޔެކެވެ. އެންޒައިޓީ ޖެހުމަށް މެދުވެރިވާ ބައިވަރު ސަބަބުތައް ވާއިރު ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި މާ މަދުން މޭވާ އާއި ތަރުކާރީ ކާ މީހުންނަށް އެންޒައިޓީ ޖެހުމުގެ ފުރުސަތު ބޮޑެވެ.

އިންޓަނޭޝަނަލް ޖާނަލް އޮފް އެންވައިރަމެންޓަލް ރިސާރޗް އެންޑް ޕަބްލިކް ހެލްތް އިން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި ދުވާލަކު ތިން މޭވާ ނުވަތަ ތަރުކާރީ ކައި އުޅޭ މީހުންނަށް އެންޒައިޓީ ޖެހުމުގެ 24 އިންސައްތަ ފުރުސަތު ބޮޑެވެ. ހަމަ އެހެންމެ މީހާގެ ބޮޑީ ފެޓް 36 އިންސައްތަ އަށް ވުރެ މަތި މީހުނަށް ވެސް އެންޒައިޓީ ޖެހުމުގެ ފުރުސަތު 70 އިންސައްތަ ބޮޑުވެއެވެ. ދިރާސާ ކުރި ސައިންޓިސްޓުން ދެކެ ގޮތުގައި ހަށިގަނޑުގައި ބޮޑީ ފެޓް އިތުރުވުމުން އިންފްލެމޭޝަން މަތިވެއެވެ. އަދި އޭގެ ސަބަބުން އެންޒައިޓިއަށް އަސަރު ކުރާކަން ކުރީގެ ދިރާސާތަކުން ވެސް ހާމަވާކަން ފާހަގަ ކޮށްފައިވެއެވެ.

މި ދިރާސާ ކޮށްފައިވަނީ އަންހެނުންނާއި ފިރިހެނުން ހިމެނޭހެން 25000 ވުރެ ގިނަ މީހުން ހިމަނައިގެންނެވެ. އަދި ކޮންމެ 9 އަންހެނަކުން އެއް އަންހެނަކީ އެންޒައިޓީ ގެ ކޮންމެވެސް އަލާމާތެއް ޖެހިފައިވާ މީހެއްކަން ފާހަގަ ކޮށްފައިވާއިރު މި އަދަދު ފިރިހެނުންގެ އުޅެނީ ކޮންމެ 15 ފިރިހެނަކުން އެކެކެވެ.

ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ކަރެން ކޯބްޔާޝީ ބުނާ ގޮތުގައި މި ދިރާސާއިން އެހެން ކަމެއް ވެސް ފާހަގަވިއެވެ. އެއީ ފިރިހެނުންނަށް ވުރެ ފަސޭހައިން އަންހެނުންނަށް އެންޒައިޓީ ޖެހޭކަން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!