ޚަބަރު

މަހާޒުގެ ސުލޫކީ މައްސަލަ ބައްލަވަނީ، ޤާޟީ ޝަކީލަށް ބިރުދެއްކުމަށް: ޚަލީލު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ.ޚަލީލު

ސަރުކާރުން ކޯޓުތަކަށް އަތްބޭނުން ހުއްޓައިލެއްވުމަށް ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ.ޚަލީލު ގޮވައިލައްވައިފައެވެ.

ސުޕްރީމް ކޯޓުގައި، ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ މައްސަލަ ބެއްލެވި ފަނޑިޔާރު މަހާޒު ޢަލީގެ ސުލޫކީ މައްސަަލައެއް ބެއްލެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އިން ނިންމެވުމާ ގުޅިގެން، ޚަލީލު ވިދާޅުވީ، މަހާޒުގެ ސުލޫކީ މައްސަލައެއް ބަލަނީ، މިހާރު ނިންމުމާ ހިސާބުގައި އޮތް ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޙުކުމް ވަކިގޮތަކަށް ނެރުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ޝަކީލަށް ނުސީދާކޮށް ބިރުދެއްކުމަށް ހިންގާ ކަމެއް ކަމަށެވެ.

"ސަރުކާރުން ކޯޓުތަކުގެ ތެރެއަށް އަތްބޭނުން ހުއްޓައިލާ." ޚަލީލު ވިދާޅުވިއެވެ.

ގއ.ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގެ  ތެރެއިން، މަނީ ލޯންޑަރ ކުރެއްވިކަމުގެ ތުހުމަތުކޮށް، ރައީސް ޔާމީންގެ މައްޗަށް އުފުލި ދަޢުވާ ދަށު ކޯޓުގައި ސާބިތުވުމުން އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އެ ކޯޓުގެ ފަނޑިޔާރު މަހާޒެވެ.

މަހާޒަށް ކުރަނީ އިސްތިއުނާފީ މައްސަލައެއްގައި އިއްވެވި ޙުކުމަކާއި ގުޅިގެން، ހަސްމަކާއި ގުޅުން ހުރި މީހަކު ދިން ފަރިއްކޮޅަކާ ހަވާލުވެވަޑައިގެންނެވިކަމުގެ ތުހުމަތެވެ.

މި މައްސަލަ ބެއްލެވުމަށް ޖޭއެސްސީން ވަނީ ތަހުޤީޤު ކޮމިޓީއެއް އެކުލަވައިލައްވައިފައެވެ.

މިކަމާ ގުޅިގެން ބަޔާނެއް އާއްމު ކުރައްވައި މަހާޒު ވިދާޅުވީ، ޖޭއެސްސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކެއުމަކީ ހާއްސަކެއުމެއް ނޫންކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށެވެ.

އަޑުއެހުންތައް ދިގުލައިގެން ދިއުމުގެ ސަބަބުން، މައްސަލަ ކުރިޔަށް ގެންދިޔަ ދުވަސްތަކުގައި ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ މެންދުރުގެ ކެއުން ހަމަޖައްސަނީ ރިޔާސަތުން އެއް ފަނޑިޔާރު ކަމަށާއި، މިދިޔަ އަހަރުގެ ނޮވެމަބަރު 30 ގައި ރެސްޓޯރަންޓަކުން އޯޑަރުކޮށް ކެއުން ގެނައީ އެއީ ރެސަސްއަށް ދިއުމުގެ ކުރިން ފަނޑިޔާރުން އެއްތަނަކުން ދިމާވާނެ އެންމެ ފަހު ދުވަހަށް ވާތީކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!