މީހުން ދީން ލައިފްސްޓައިލް

ރޮބާޓް ޑަވިލާގެ ހައިރާންކުރަނިވި ވާހަކަ: ނޯމާން އަލީ ޚާންގެ ދުލުން

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ދަރުސް ދެއްވާ އަދި ބައްޔިނާ އިންސްޓްޓިއުޓްގެ ވެރިޔާ އުސްތާޒް ނޯމާން އަލީ ޚާން އެބޭފުޅާގެ ދީނީ ދަރުހެއްގައި ވަރަށް ހައިރާންކުރަނިވި ވާހަކައެއް ކިޔައިދެއްވައެވެ. ރޮބާޓް ޑަވިލާ ކިޔާ މީހެއްގެ ވާހަކައެކެވެ.

Ads by MWSC

ވާހަކަ ފައްޓަވަމުންވެސް ނޯމާން ވިދާޅުވަނީ އެބޭފުޅާ އެ މަސްޖިދަކަށް ނުދާތާ ފަސް ވަރަކަށް އަހަރު ވެފައިވާ އެމެރިކާގެ ފޯޓްވޯތް މަސްޖިދަށް ހަމަ އެއްދުވަހު ޚުތުބާއެއް ދޭން ދުރުވީކަމަށެވެ. ނޯމާން ޚުތުބާ ދެއްވީ ދުޢާގެ މުހިންމު ކަމާއި މާތްކަމާ ގުޅޭގޮތުންނެވެ. އެ ޚުތުބާއަށް ފަހު ކަންތައް ދިމާވި ގޮތް ނޯމާން އޭގެ ފަހުން ދަރުހެއްގައި ކިޔައިދެއެވެ.

"އަހަރެން ޚުތުބާ ދީ ނިމުނު ތަނާހެން މިޞްރުގެ މީހަކު އަހަރެން ގާތަށް އައިސްފަ ބުނަނީ ﷲ އޭނާގެ ދުޢާ މިއަދު އިޖާބަކުރައްވައިފި ކަމަށް. ދެން އަހަރެން އެހިން އެއީ ކޮން ދުޢާއެއްތޯ. އެހުމުން އެމީހާ ބުނަނީ އަހަރެން ދުޢާ ކުރީ ނޯމާން އަލީ ޚާން ރޮބާޓް ޑަވިލާއާ ބައްދަލުކުރޭތޯކަމަށް. ދެން އަހަރެން އަހައިފިން އޭނާއަކީ ރޮބާޓް ޑަވިލާ ތޯ. އޭގެ ޖަވާބުގައި އޭނާ ބުނީ އެއީ އޭނާގެ ރައްޓެއްސެއް ކަމަށް."

މިޞްރުގެ މީހާ ދެން ކިޔާދޭންފެށީ އޭނާގެ ރަހުމަތްތެރިޔާގެ ވާހަކައެވެ. އެގޮތުން ރޮބާޓް ޑަވިލާއަކީ ފޯޓްވޯތްއާ 45 މިނިޓުން ދެވޭ އަވަށެއްގައި އުޅޭ ޒުވާން އުމުރުގެ ދަނޑުވެރިއެކެވެ. އުފެދުމުގައި ހުރި ބައްޔެއްގެ ސަބަބުން އޭނާއަކީ މިހާރު ހަށިގަނޑުގެ ކަރުން ތިރިއަށް ވާގިނެތިފައިވާ މީހެކެވެ. އަދި އޭނާ މުސްކުޅި މީހުން ބަލަހައްޓާ ތަނެއްގައި އުޅެމުން އަންނަތާ 10 އަހަރު ވެއްޖެއެވެ.

ރޮބާޓް ޑެވިލާގެ ވަރަށް ގާތް އެކުވެރިއެއް ނިޔާވުމުން އޭނާގެ ހަނދާނަކަށް އޭނާ ގެންގުޅުނު ސޮލީބެއް ރޮބާޓްގެ ކޮޓަރީގައި އޭނާ ހަރުކުރިއެވެ. އެއަށްފަހު އެއްރެއަކު އޭނާ ނިދަން އޮއްވައި އޭނާއަށް ހުވަފެނުން މީހަކު ފެނެއެވެ. އެއީ މުޙައްމަދުގެފާނު ކަމުގައި ހުވަފެނުގައި ހަދީޡްކުރެއްވިއެވެ. އަދި ސޮލީބަށް އިޝާރަތްކުރައްވައި މާތް ﷲ ރަސޫލު ބޭކަލުން ދުނިޔެއަށް ފޮނުއްވެވީ އެބޭކަލުންނަށް އަޅުކަންކުރަން ނޫންކަމަށް ހަދީޡްކުރެއްވިއެވެ. އަދި ހަދީޡްކުރެއްވިއެވެ. ރަސޫލު ބޭކަލުން ފޮނުއްވެވީ މާތް ރަސްކަލާންގެއަށް އަޅުކަންކުރުމަށް މީސްތަކުންނަށް ގޮވާލުންކަމުގަައެވެ. އަދި އީސާ އަލައިހިއްސަލާމްއަކީ ރަސޫލު ބޭކަލެއްކަމާއި އަހަރެމެން ފަދައިން އިންސާނެއްކަމަށެވެ. މި ހިސާބުން އޭނާއަށް ހޭލެވުނެވެ. އަދި އެވަގުތުވެސް އެއީ މުޙައްމަދުގެފާނު ހުވަފެނުން ފެނުނުކަމުގައި އޭނާއަށް ޔަޤީންވި ކަމުގައި އޭނާ ކިޔާދިނެވެ.

މި ހުވަފެނަށް ފަހު ރޮބާޓް ގޫގުލްގައި "މުޙައްމަދު" ޖަހައި ސާޗުކުރުމުން، އޭނާއަށް އިސްލާމް ދީނުގެ އެކި މައުލޫމާތުތައް ފެންނަން ފެށިއެވެ. މިހުރިހާ މައުލޫމާތުތަކެއްގެ ބޭނުން ހިފައި އޭނާ އިސްލާމްވިއެވެ. އަދި އިންޓަނެޓުން ދިމާވި މިޞްރުގެ ރައްޓެއްސެއްގެ ގާތުން ޤުރްއާންވެސް އޭނާ އުނގެނުނެވެ. އަދި 10 ސޫރަތް ހިތުދަސްކުރުމަށްފަހު ދެން އޭނާ ބޭނުންވީ ޤުރްޢާނުގެ މާނައާއި ތަފްސީރު އުނގެނެންށެވެ. މިގޮތަށް ހޯދި ވީޑިއީތަކުން އޭނާއަށް ނޯމާން އަލީ ޚާންގެ ވީޑިއޯތައް ފެނުނެވެ.

އެއްދުވަހު އޭނާ ޤުރްއާން ކިޔަވަން ހުއްޓާ އެތަނުގައި މަސައްކަތް ކުރާ މިޞްރުގެ މީހެއް އޭނާގެ އަޑު އިވުމުން އެއީ ކާކުގެ އަޑެއްތޯ ސުވާލުކުރުމުން ރޮބާޓް އެއީ އޭނާގެ ކިޔެވުންކަމުގައި ބުނެއެވެ. މިޞްރުގެ މި މީހާއަކީ މުސްލިމެއްގެ ގޮތުގައި އުފަންވި ނަމަވެސް އޭރުގައި ދީނީ ކަންކަމަށް ސަމާލުކަންނުދޭ މީހެކެވެ. ނަމަވެސް ރޮބާޓް ފަދަ މީހަކަށް އިސްލާމް ދީނުގެ ޙިދާޔަތް މާތް ﷲ ދެއްކެވި ގޮތުން އޭނާގެ ހިތަށްވެސް އަސަރުކޮށް އަޅުކަންތައް އިތުކުރުމަށް އޭނާވެސް މަސައްކަތްކުރަންފެށިއެވެ. އެގޮތުން އޭނާވެސް ނޯމާންގެ ވީޑިއޯތައް ބަލަންފެށިއެވެ. އަދި ރޮބާޓް އޭނާގެ މި އާ ރަޙްމަތްތެރިޔާ ގާތުގައި ނޯމާންއާ ބައްދަލު ކުރަން ބޭނުމޭ ބުނުމުން، އެކަމަށް ދުޢާ ކޮށްދޭނެކަމުގައި މިޞްރުގެ މީހާ ބުންޏެވެ.

އޭގެ 4 އަހަރު ފަހުން، ނޯމާން ފޯޓްވޯތްގައި ދިން ދަރުސްގައި އައިސް ވާހަކަ މި ދެއްކީ މިޞްރުގެ މި މީހާއެވެ. ނޯމާން އޭނާއާއެއްކޮށް ގޮސް ރޮބާޓް ޑެވިލާއާ ބައްދަލުކުރެއްވިއެވެ. ރޮބާޓްގެ ދުޢާ އެދުވަހު މާތް ﷲ އިޖާބަކުރެއްވީއެވެ. ނިންމާލަމުން އެންމެންނަށްވެސް އިބުރަތަކަށް ވާނޭ ކަމަށް އުއްމީދުކޮށް ނޯމާން ރޮބާޓްގެ އިތުރު ވާހަކައެއް ކިޔާދެއްވައެވެ.

"ރޮބާޓްއާ ބެހޭގޮތުން އަހަރެން އަދި އިތުރު ވާހަކައެއް ކިޔާލަދޭނަން. މިވާހަކަ މި ޙާއްސަ ކޮށްލަނީ އަހަރެމެންގެ ތެރޭގައި މިތިބި ސިއްޙަތު ރަނގަޅު ދުޅަހެޔޮ މީހުންނަށް. ރޮބާޓަކީ ކުރިން ބުނި ފަދައިން ކަރުން ތިރިއަށް ވާގި ނެތިފައިވާ މީހެއް. އޭނާއަކީ މުޅި ހަނށިގަނޑު ސަޕޯޓުކޮށްދޭ ފުރޮޅުލީ ގޮނޑިއެއްގައި ހުންނަން ޖެހިފައިވާ މީހެއް.

އޭނާ އެއްދުވަހު އެދެނީ އޭނާ ޙުކުރު ނަމާދަށް ގެންގޮސްދިނުމަށް. އޭނާގެ ފުރޮޅުލީ ގޮނޑި އަރުވަން ޙާއްސަ ވެހިކަލްއެއް ނެތް ނަމަވެސް އެތާ އާންމުކޮށް ބޭނުންކުރާ ވެހިކަލްގައިވެސް އޭނާ ހުކުރު ނަމާދަށް ދިޔުމުން މީގެ ސަަބަބުން އޭނާގެ ހަށިގަނޑަށް އިތުރު ވޭންތަކެއް ލިބުނު. މައިބަދައަށް ލިިބުނު ގެއްލުމުގެ ސަބަބުން އޭނާ 6 މަސް ވަންދެން އެނދުގައި އޮންނަން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނި.

އަހަރެން އޭނާއާ ދިމާވީވެސް އޭނާ މިގޮތަށް އޮންނަތާ 3 ވަރަކަށް މަސް ވެފައި ވަނިކޮށް. އޭނާ އެދުވަހު އަހަރެން ގާތުގައި ބުނީ އޭނާގެ ޙަޔާތުގައިވެސް އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނު ދުވަހަކީ އޭނާ ހުކުރު ނަމާދަށް ދިޔަ ދުވަސް ކަމުގަ. އަދި އޭނާ އަނެއްކާވެސް ގޮނޑީގަ އިށީންދެވޭ ވަރުވާ އިރަށް ހުކުރު ނަމާދަށް ދާނީކަމުގަ އަހަރެން ގާތުގައި ބުނި.

މި ކިޔާދިނީ ލޮލާއި އަނގައިން ފިޔަވައި އެހެން އެއްވެސް ހަރަކާތެއް ނުކުރެވޭ މީހެއް މިސްކިތަށް ދާން ބޭނުންވެފައިވާ މިންވަރުގެ ވާހަކަ. އަހަރެމެންނަށް މިސްކިތައް ނުގޮސް ދައްކަން އޮތީ ކޮން އުޒުރެއްތަ؟"

 

ނޯމާން އަލީ ޚާން އެންމެ ފަހުން ކޮށްލެއްވި މި ސުވާލާމެދު އަޅުގަނޑުމެން އެންމެންވެސް ވިސްނާލަމާތޯއެވެ؟

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!