ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 3،000 އަށްވުރެ މައްޗަށް
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް(ކޮވިޑް-19) ޖެހިގެން މަރުވި މީހުންގެ އަދަދު 3،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
މި ވައިރަސް ޖެހިގެން މިހާތަނަށް މަރުވި މީހުންގެ ތެރެއިން 90 ޕަސަންޓް މީހުން މަރުވެފައި ވަނީ އެ ވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ހޫބޭ ސަރަހައްދުންނެވެ. ނަމަވެސް، އެ ވައިރަަސް ޖެހިގެން މަރުވި މީހުން ތަފާތު 10 ގައުމަކުން މިހާރު ވަނީ ރިޕޯޓު ކޮށްފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އިރާނުންނެވެ. އެގޮތުން، މިހާތަނަށް އިރާނުން 50 މީހުން މަރުވެފައިވާއިރު، އިޓަލީން ވެސް 30 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 90،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ޗައިނާގެ އެތެރޭގައި އެ ބަލި ފެތުރޭ މިންވަރަށް ހަލުވި މިނުގައި ދުނިޔޭގެ އެހެން ހިސާބުތަކުގައި ފެތުރޭކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ.
ނަމަވެސް، އޭގެ ތެރެއިން ގިނަ ކޭސްތައް ސީރިއަސް ނޫން ކަމަށާއި، އެ ވައިރަސް ޖެހިގެން މީހުން މަރުވާ ރޭޓް އަދިވެސް ހުރީ ދެ ޕަސަންޓާއި ފަސް ޕަސަންޓާ ދެމެދުގައިކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.
ޑަބްލިޔުއެޗްއޯ އިން އިތުރަށް ބުނީ އެ ވައިރަސްގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސް މީހުންގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ކަމަށެވެ.
އެ ވައިރަސްގެ ސަބަބުން ގިނަ ފެކްޓަރީތައް ބަންދުކުރަން ޖެހުމުގެ ސަބަބުން، ޗައިނާގެ އިގުތިސޯދަށްވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.