ޚަބަރު

ވައިރަސް އައުމުގެ ފުރުސަތު ބޮޑުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުޅާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެހެން ޤައުމުތަކުގައި ކޮރޯނާވައިރަސް ބަލި ފެތުރެމުން އަންނަ މިންވަރަށް ރިޢާޔަތްކޮށް، އަދި އެހެން ޤައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތަކަށް ބަލައި، ރާއްޖެއަށް މި ބަލި އަތުވެދާނެ ކަމުގެ ފުރުޞަތު ބޮޑުކަމަށް ވާތީ ފިޔަވަޅުތައް ފުޅާކޮށްފިއެވެ.

Ads by Hajj Corporation

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާތަނަށް މި ބައްޔަށް ރާއްޖެއިން މީހަކު ޕޮޒިޓިވް ވެފައިނުވި ނަމަވެސް އެ ބަލިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި އަޅަމުންދާ އެންމެހާ ފިޔަވަޅުތައް އިތުރަށް ފުޅާކޮށް، ގައުމީ ފެންވަރުގައި ދައުލަތުގެ ހުރިހާ އިދާރާތަކެއް ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާލޭގައި ޓްރެވަލް ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި މި ކްލިނިކްގެ ބޭނުމަކީ ރާއްޖޭން ބޭރަށް ދަތުރު ކޮށްފައި އަންނަ ފަރާތްތައް ކޮވިޑް-19 އަށް އިތުރަށް ސްކްރީން ކުރުން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އަދި މިދުވަސްވަރު ފެތުރެމުންދާ އެހެނިހެން އާއްމު ރޯގާތަކަށް ހާއްސަކުރެވިގެން، އަވަސް ހިދުމަތާއެކު ފްލޫ ކްލިނިކެއް މި ހަފްތާތެރޭ ސެނަހިޔާ ހޮސްޕިޓަލުގައި ގާއިމު ކުރެވިގެން ދާނެކަމަށް ވެސް ބުނެފައިވެ އެވެ.

މީގެއިތުރުން ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށްޓަކައި ހާއްސަކޮށްގެން ބާއްވާ އެމެޖެންސީ ޑްރިލްއެއް މިއަދު އޮންނާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

"މިޑްރިލަކީ ގޭބީސީއެއްގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ ޙާލަތެއްގައި ކަމާބެހޭ ފަރާތަކުން ކަންކުރާނެ މިސްރާބު ހާމަކޮށްދިނުމާއެކު އެފަދަ ހާލަތެއްގައި އެންމެ އެކަށޭނަ ފިޔަވަޅުތައް އެޅުމަށްޓަކައި ވެވިފައިވާ ތައްޔާރީތައް ވަރުގަދަކުރުމުގެ ގޮތުން ބޭއްވޭ ޑްރިލެކެވެ" އެޗްޕީއޭއިން ބުނެއެވެ.

އެގޮތުން މި ޑްރިލްގެ ތެރެއިން ގޭބީސީއެއްގައި ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާއި ކަރަންޓީނު ކުރާނެގޮތުގެ އިރުޝާދު ދެވިގެންދާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!