އިމްރާންގެ ''ކުރީގެ އަޚާ''ގެ ޝިކާޔަތު އިމްރާނަށް
އަދާލަތު ޕާޓީއަށް ހައްގު މިންވަރު ކޯލިޝަން ސަރުކާރުގެ ތެރެއިން ލިބޭނެކަމަށް އުއްމީދުކުރާ ކަމަށް އެޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބުދުﷲ ވިދާޅުވުމާއި ގުޅިގެން އެމަނިކުފާނުގެ ގާތް އެކުވެރި ޝައިޚް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އޭނާއަށް ޝަކުވާތަކެއް އޮއްސަވާލައްވާފައިއެވެ.
''ކުރީގެ އެކުވެރިޔާ''ގެ ގޮތުގައި މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޑރ.ޝަހީމް ވަނީ އެތައް ސުވާލުތަކެއް ޢިމްރާނަށް ރައްދުކުރައްވާފައެވެ. އެގޮތުން އެމްޑީޕީން އިމްރާންގެ އަރިހުގައި ފުއްދާނެކަމަށް ބުނި އެއްވެސް ވައުދެއް ފުއްދެވިތޯ ސުވާލުކުރައްވާފައިވެއެވެ. އަދި މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ގޮނޑިތައް ކަށަވަރުކުރުމަށް ޓަކައި އަދާލަތުގެ ފަރާތުން ކުރިމަތިލި ބައެއް ބޭފުޅުންގެ ނަން ނެގީވެސް އެބޭފުޅުންނަށް ވަޒީފާ ހަމަޖައްސައިދޭނެކަމަށް ޝަރުތުކޮށް ކަމަށާއި އެހެން ނަމަވެސް އެބޭފުޅުން މިއަދު ވެސް ތިބީ ވަޒީފާއެއް ނެތިކަމަށް ޝަހީމް ލިޔުއްވާފައިވެއެވެ.
''ރާއްޖޭގެ ވެރިކަން ފުރޮޅާލަން ހެދި ކޯލިޝަންގެ އެގްރީމެންޓް ކޮބާ؟ ކޮބާ %16؟ ކޮބާ ހަތަރު ވަޒީރުން؟ ކޮބާ 16 މަޖިލިސް މެމްބަރުން؟ ކޮބާ މިވެރިކަން ގެނައި ރާއްޖޭގެ ސިޔާސީ ހަތަރު މަޒުހަބުގެ ހަތަރު އިމާމުންގެ މަތީ މަޝްވަރާ؟ ކޮބާ މެނިފެސްޓޯގައި އަދާލަތުން ހިމެނި 33 ސިޔާސަތު؟ ކޮބާ އަދާލަތުގެ މެމްބަރުންނަށް ލިބެންޖެހޭ ވަޒީފާތައް؟ އަދާލަތަށް ލިބުނު ސްލޮޓްތަކުގައި ގިނައިން ތިބީ ވެސް އެމްޑީޕީ މުހުސިންމެން ކަހަލަ އެމްޑީޕީގެ އަސްލު މީހުން، އެމީހުން ސްލޮޓްތަކަށް ލީވެސް އަދާލަތުގެ މަޝްވަރާ މަޖިލީހުގެ ރައުޔެއް ނެތި'' 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ނިކުންނެވި ޝަހީމް ލިޔުއްވާފައިވެއެވެ.
ޝައިޚް އިމްރާންއާއި ގާތްގުޅުމެއް ބާއްވަމުން އައި ޑރ.ޝަހީމް ވަނީ އަދާލަތު ޕާޓީގެ ސްލޮޓްގައި ޖެންޑަރ މިނިސްޓަރކަމުގެ މަގާމަށް އިސްކުރި ޝިދާތާ ޝަރީފް މަގާމުން ވަކިވުމާއި ގުޅިގެން ވެސް އަދާލަތު ޕާޓީއަށާއި އިމްރާން އަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެކަމަނާ މަގާމުން ވަކިވުމާއި ގުޅިގެން އަދާލަތު ޕާޓީން ހަރުދަނާ ބަހެއް ބުނެފައި ނުވާކަމަށް ޝަހީމް ލިޔުއްވާފައިވެއެވެ.
ޑރ.ޝަހީީމްގެ ދިގު ފޭސްބުކް ޕޯސްޓްގައި އިމްރާންގެ ''ކުރީގެ އަޚާ''ކަމަށް ލިޔުއްވާފައިވީ ނަމަވެސް އެމަނިކުފާނަކީ ޝައިޚް އިމްރާންއާއި ވަރަށް ގާތް ގުޅުމެއް ބާއްވަވަމުން އައި ބޭފުޅެކެވެ. އެގޮތުން ރައީސް ޔާމީންގެ ދައުރުގައި އިސްލާމިކް މިނިސްޓަރކަން ދޫކޮށްލެއްވީ ވެސް ޝައިޚް އިމްރާން ބަންދުކުރުމާއި ގުޅިގެންނެވެ. ޑރ.ޝަހީމްގެ ޕޯސްޓް ނިންމަވާ ލެއްވީ އިމްރާންއަށް ﷲ ހެޔޮ ރަހުމަތް ލެއްވުން އެދި ދުޢާ ކުރަމުންނެވެ.