ޚަބަރު

އަދާލަތަށް ހައްގު މިންވަރަކީ އެންމެ ވަޒީރެއް: ރާއީ

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރު ކޯލިޝަނުން އަދާލަތު ޕާޓީ އަށް ހައްގު މިންވަރަކީ އެންމެ ވަޒީރެއް ކަމަށް މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރާއީ މިހެން ވިދާޅުވެފައިމިވަނީ ސަރުކާރު ކޯލިޝަނުން އަދާލަތަށް ހައްގުވާ މިންވަރު ލިބެންޖެހޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެފައި ވަނިކޮށެވެ.

މިއަދުގެ މަޖިލީހުގައި ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށަހެޅުއްވި ތައުލީމްގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ ހައްގު މިންވަރު އެމްޑީޕީން އަންނަނީ ކަށަވަރުކޮށްދެމުން ކަމަށާއި ނަމަވެސް ބައި ހަމަނުވާ ޕާޓީއެއްގެ ވަޒީރަކު އަރާ ހައްގު މިންވަރު ނުލިބޭ ކަމަށް ވިދާޅުވުމަކީ ބޮޑު ޖޯކެއް ކަމަށެވެ.

"ހައްގު މިންވަރަކީ އެންމެ ވަޒީރެއް. އެ ވަޒީރުކަން ހުންނާނީ ދީފައި" ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ އިމްރާންގެ އެ ވާހަކަތަކަކީ "ދެއުޅިއެއް ނުވާ" ވާހަކަތަކެއް ކަމަށާއި މި ސަރުކާރު ގެނައީ އެމްޑީޕީން ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންނަށް ވެސް ހައްގު މިންވަރު މި ސަރުކާރުން ލިބުނު ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެހެންކަމުން އެހެން ޕާޓީތަކުން ހައްގު މިންވަރުގެ ވާހަކަ ނުދެއްކުން މާ ރަނގަޅުވާނެ ކަމަށްވެސް ރާއީ ވިދާޅުވިއެވެ.

މެމްބަރު ރާއީ ސިފަކުރެއްވި ގޮތުގައި އަދާލަތަކީ އެމްޑީޕީގެ ހިޔަނިން ހިނގާ ޕާޓީއެކެވެ. އަދި ހައްގު މިންވަރުގެ ވާހަކަ އިތުރަށް ދައްކައިފި ނަމަ މިހާރު ލިބިފައި އޮތް މިންވަރު ކެނޑިގެން ހިނގައިދާނެ ކަމަށް ބުނެ ރާއީ ވަނީ އިމްރާނަށް ނުސީދާ އިންޒާރެއް ވެސް ދެއްވައިފަ އެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ އެ ޕާޓީއަށް ނިސްބަތްވާ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ ބޮލުގައި ހުރިހާ ކަމެއްގެ އިހުމާލު ނޭޅުވޭނެ ކަމަށެވެ.

އެގޮތުން ޝިދާތާގެ އިހުމާލު ނުހިމެނޭ ދެ ކަމެއް އޭނާގެ ބޮލުގައި އެޅުވި ކަމަށެވެ. އެއީ ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އެމްބެސެޑަރު އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!