އެޑްވަޓޯރިއަލް ވިޔަފާރި

އެސްޓީއޯ އަށް ރެކޯޑެއް: އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އެސްޓީއޯގެ 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ ރިޕޯޓު ާއާންމުކޮށްފިއެވެ.

Ads by Sosun Fihaara

ރިޕޯޓުން ފާހަގަކުރެވޭގޮތުގައި، 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައިވެސް އެސްޓީއޯއަށް ވަނީ އެ އަހަރުގެ 3 ވަނަ ކުއާޓަރއެކޭ އެއްފަދައިން، އާމްދަނީގެ ގޮތުގައި4.6 ބިލިއަން ރުފިޔާ ލިބިފައެވެ. އަދި 4 ވަނަ ކުއާޓަރގައި އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި 368 މިލިއަން ރުފިޔާ ލިބިފައިވާއިރު 3 ވަނަ ކުއާޓަރގައި ލިބިފައިވަނީ 255 މިލިއަން ރުފިޔާއެވެ. މިއާއެކު ޓެކްސްއަށް ކެނޑުމަށްފަހު، ފައިދާގެ ގޮތުގައި 269 މިލިއަންރުފިޔާ 4 ވަނަ ކުއާޓަރގައި ލިބިފައިވާއިރު، 3 ވަނަ ކުއާޓަރގައި ލިބިފައިވަނީ 168 މިލިއަން ރުފިޔާއެވެ.

ކުއާޓަރގެ ހިސާބުތަކާއެކު، އެ ކުންފުނިން ވަނީ އޮޑިޓް ނުކުރާ 2022 ވަނަ އަހަރުގެ ހިސާބުތައްވެސް ހާމަކޮށްފައެވެ. އެގޮތުން، 2022 ވަނަ އަހަރު އެ ކުންފުނިން ވަނީރެކޯޑު އަދަދަކަށް އާމްދަނީ އަދި ފައިދާ ހާސިލްކޮށްފައެވެ. 2021 ވަނަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 10.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު 2022 ވަނައަހަރު އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު %79 ގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހުރިހާ ވިޔަފާރިތައްވެސް ކުރިއަރާ، އާމްދަނީ އިތުރުވެފައިވުމެވެ.

ފާއިތުވި އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 2 ބިލިއަން ރުފިޔާ ވަނީ ލިބިފައިވެއެވެ. 2021 ވަނަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާއެވެ. މިއީ %41 ގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ ރިޕޯޓުން އިތުރަށް އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެ ކުންފުނީގެ އޮޕަރޭޓިންގ ޕްރޮފިޓް ތާރީޚްގައިވެސް އިތުރުނުވާ މިންވަރަށް އިތުރުވުމެވެ. އެ ގޮތުން އެ ކުންފުނިން ވަނީ 2022 ވަނަ އަހަރު އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި ފުރަތަމަ ފަހަރަށް، 1 ބިލިއަން ރުފިޔާ، ހާސިލްކޮށްފައެވެ. 2021 ވަނައަހަރު އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި ލިބިފައިވަނީ 643 މިލިއަން ރުފިޔާއެވެ.

މިއާއެކު، ޓެކްސްއަށް ކެނޑުމަށްފަހު 2022 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ރެކޯޑް ކުރެވިފައިވެއެވެ. މިއީވެސް އައު ރެކޯޑެކެވެ. 2021 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 487 މިލިއަން ރުފިޔާއެވެ. މިއީ %52 ގެ ކުރިއެރުމެކެވެ. އަދި މީގެ މައިގަނޑު ސަބަބަކީވެސް ހަމަ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާކުރެވި، ޖުމްލަ ފައިދާ އިތުރުކުރެވިފައިވުމެވެ.

އެ ކުންފުނިން ފާއިތުވި ކުއާޓަރގައި ހިންގާފައިވާ ބައެއް މުހިއްމު ހަރަކާތްތަކުގެ ތެރޭގައި އެސްޓީއޯ ގްރޫޕްގެ ހުރިހާ މުވައްޒަފުންނަށް ހާއްސަކޮށްގެން އެސްޓީއޯ ގްރުޕް ނައިޓެއް ބޭއްވުން، ރޭޑިއޯގްރަފީ ޑިޕްލޮމާ ކޯސް އިފްތިތާޙްކުރުން، މި ކޯސް ކިޔަވަމުންދާ ކުދިންނަށް ޓްރީ ޓޮޕްގައި އިންޓަރންޝިޕް އަދާކުރުމުގެ ފުރުސަތު ހޯދައިދޭ އެލް.އޯ.ޔޫއެއްގައި ޓްރީ ޓޮޕާއެކު ސޮއިކުރުން، ރޭޑިއޯގްރަފީ ކޯސް ހަދަމުންދާ ކުދިންނަށް އޮރިއެންޓޭޝަން ޕްރޮގްރާމްތައް ހިންގުން، މެންޓަލް ހެލްތު ޑޭ ފާހަގަކުރުން، ރޭޑިޔޯގްރަފީ ކިޔެވުމަށް ހޮވުނު ކުދިންނާއެކު ސްޕޮންސަރޝިޕް އެގްރީމަންޓްގައި ސޮއިކުރުން، ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ޑިސްކައުންޓް ސްކީމެއް ތަޢާރަފްކުރުން، އަދި ބައިނަލްއަގްވާމީ ހިތުގެ ދުވަސް، ރޭޑިއޯގްރަފީ ދުވަސް، އިސް ރަށްވެހިންގެ ދުވަސް އަދި ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިސީސް ޑޭ ފާހަގަ ކުރުމަށް އެކި ކަންކަން ރާވާ، ހިންގާފައިވެއެވެ.

މީގެ އިތުރުން، މި ކުއާޓަރގައި އެކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެގޮތުން ސްޓާފް އެވޯޑް ނައިޓް ބާއްވާފައިވާއިރު، މުވައްޒަފުންނަށް ހާއްސަކޮށްގެން، އުޑެމީ ލަރނިން މެނޭޖްމަންޓް ސިސްޓަމްވެސް ވަނީ ތަޢާރަފްކޮށްފައެވެ. އަދި 7 ވަނަ ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު ވާހަކަދައްކަވާފައިވާއިރު، އެސްޓީއޯއަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ހަރުދަނާ 100 ވިޔަފާރީގެ ތެރެއިން 1 ވިޔަފާރިކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ވަނީ ފާހަގަކޮށް، އެވޯޑްދީފައެވެ.

އަދި، އެސްޓީއޯއިން ވަނީ ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ފެއަރއެއްކަމަށްވާ ބިގް 5 އެގްޒިބިޝަންގައި، އެ ކުންފުނީގެ ކޮންސްޓްރަކްޝަން މޭޓީރިއަލްސް އެގްޒިބިޓްކޮށްފައެވެ. އެ ކުންފުނިން ބުނާގޮތުގައި މި އެގްޒިބިޝަންގެ ސަބަބުން، އެކުންފުންޏަށް ބައިނަލްއަޤްވާމީ ވިޔަފާރިތައް ހެދުމަށް ވަނީ މަގުފަހިވެފައެވެ.

މިކަންކަމުގެ އިތުރުން، ފާއިތުވި ކުއާޓަރގައި އެސްޓީއޯގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، ބޮޑެތި އިނާމްތަކާ ޑިސްކައުންޓްތަކާއެކު، ގިނަ މާކެޓިންގ ޕްރޮމޯޝަންތަކެއްވެސް ހިންގާފައިވެއެވެ.

ސީއެސްއާރ އަދި ސްޕޮންސަރގެ ދަށުން އެސްޓީއޯއަކީ އަބަދުވެސް ގިނަ އެހީތެރިކަމެއް، ފޯރުކޮށްދެމުން އަންނަ، މުޖްތަމަޢުއަށް މުހިއްމު ބައިވެރިއެކެވެ. އެސްޓީއޯގެ ސީއެސްއާރ އަދި ސްޕޮންސަރ ބެހިފައިވަނީ މައިގަނޑު 4 ބަޔަކަށެވެ. އެގޮތުން، ކުޅިވަރާ، ޒުވާނުން އަދި މުނިފޫހިފިލުވުމުގެ ބައިން، އެސްޓީއޯއިން ވަނީ ކުޑަހުސެން އެކަޑަމީ، މިސްޓަރ މޯލްޑިވްސް ބޮޑީ ބިލްޑިންގ މުބާރާތް، ދިވެހި ވޮލީބޯލް ވެޓެރަންސްއިން ހިންގި ބީޗް ވޮލީ މުބާރާތް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން އިންތިޒާމްކޮށް، މިނިވަން މުއައްސަސާތަކަށް ހާއްސަކޮށްގެން ހިންގި މިނިވަން ކަޕްވެސް ސްޕޮންސަރކޮށްފައެވެ. މީގެ އިތުރުންވެސް ކައުންސިލްތަކާއި ސްކޫލްތަކާއި އެހެނިހެން އެސޯސިއޭޝަންތަކުން ބާއްވާފައިވާ ބައެއް ކުޅިވަރުގެ ހަރަކާތްތައްވެސް ސްޕޮންސަރ ކޮށްފައިވެއެވެ.

ތަޢުލީމާއި ސްކިލް ޑިވަލޮޕްމަންޓްގެ ދަށުން، އެ ކުންފުނިން ވަނީ މުފްތީ މެންކުގެ ދަރުހުގެ އިންތިޒާމްތަކަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއަށް ސްޕޮންސަރއެއް ދީފައެވެ. މީގެ އިތުރުން، މޯލްޑިވްސް ނެޝެނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީން ބޭއްވި 45 ވަަނަ ކޮންވެންޝަންވެސް ސްޕޮންސަރކޮށްފައެވެ. މިއާއެކު، ސްކޫލްތަކާއި ކައުންސިލްތަކުން ބާއްވާފައިވާ އެކި އެކި ޤުރުއާން މުބާރަތްތަކާއި މަދަހަ މުބާރާތާއި ތިމާވެށި ހިމާޔަތްކުރުމަށް ބާއްވާ އެކި ސަމިޓްތައް ސްޕޮންސަރ ކޮށްފައެވެ.

މުޖުތަމަޢު ބިނާކުރުމުގެ ދަށުން، އެސްޓީއޯއިން ވަނީ ސްކޫލްތަކާއި، ހެލްތު ސެންޓަރތައް އަދި ކައުންސިލްތަކާއި، މިސްކިތްތަކާއި އެފަދަ އެހެންވެސް ފަރާތްތަކަށްކުލަ، ކޮންސްޓްރަކްޝަން ސާމާނު، ކޮމްޕިއުޓަރ، ޓީވީ، އޭސީ އަދި ފަރުނީޗަރ ފަދަތަކެތި ފޯރުކޮށްދީފައެވެ.

އަދި ސިއްހަތާއި ދުޅަހެޔޮކަން، މި ބައިގެ ދަށުން، އެސްޓީއޯއިން ވަނީ އެކި މެޑިކަލް އިކުއިޕްމަންޓް ހެލްތު ސެންޓަރތަކަށް ހަދިޔާކޮށްފައެވެ. އަދި ބްލައިންޑް އެންޑްވިޝުއަލީ އިމްޕެއަރޑް ސޮސައިޓީއިން އއ.އަތޮޅުގައި ހަރަކާތެއް ހިންގުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެ ކުންފުނިން ބުނާގޮތުގައި އެ ކުންފުނީގެ އަމާޒަކީ ހަމައެކަނި ވިޔަފާރިތައް އިތުރުކުރުން ނޫންކަމަށާއި ޖުމްލަކޮށް، ފުދިގެންވާ މުޖުތަމަޢުއެއް އުފެއްދުމަށް އެހީތެރިވެދިނުމެވެ. އަދި މިގޮތުން ކުންފުނީގެ އަމާޒަކީ 2023 ވަނަ އަހަރު ސީއެސްއާރްގެ ހިދުމަތް އިތުރު ދާއިރާތަކަށް ފުޅާކުރެވިގެންދިއުމެވެ.

ފާއިތުވި އަހަރު އެސްޓީއޯގެ ހިއްސާ ވަނީ އެންމެ މަތިން 1450ރ. އަދި އެންމެ ދަށުން580ރ. ގައި ޓްރޭޑްކުރެވިފައެވެ. 2022 ވަނަ އަހަރު ޖުމްލަ 491 ހިއްސާ މުއާމަލާތުކުރެވިފައިވާއިރު އެސްޓީއޯގެ މާކެޓް ކެޕިޓަލައިޒޭޝަން އުޅެނީ 1499 މިލިއަން ރުފިޔާގައެވެ. އަދި އެ ކުންފުނީގެ ހިއްސާއަކަށް ޖެހުނު ފައިދާ ވަނީ 2022 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރގައި 149ރ އިން 4 ވަނަ ކުއާޓަރގައި 239ރ. އަށް އިތުރުވެފައެވެ.

2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި އެ ކުންފުނީގެ ބޯޑުން މުހިއްމު ކަންތައްތަކެއް ނިންމާފައިވެއެވެ. އޭގެ ތެރޭގައި ތިލަފުށިން ޕޯޓެއް ގަތުން، ހުޅުމާލޭގައި ކެޝިއަރލެސް ސްޓޯރއެއް ހެދުން، އެސްޓީއޯ ހެޑް އޮފީސް އެކްސްޓެންޑް ކުރުމަށް ނިންމުން، އެކުންފުނީގެ މެޑިކަލް ޑިޕާރޓްމަންޓަށް ޖެނެރަލް މެނޭޖަރަކު ޢައްޔަންކުރުން، 2023 ވަނައަހަރުގެ ހިސާބުތަކާއި ސްޓްރެޓީޖިކް ކޭޕީއައިތައް ފާސްކުރުން، ރާއްޖޭގައި ލޮނު އުފެއްދުމާ ބެހޭގޮތުން ބޯޑަށް ހުށަހެޅުނު ދިރާސާއާއި ގުޅިގެން އިތުރު ދިރާސާތައް ހެދުމަށް ނިންމުން، ކާޑެއްދޫ އަދި ކައްދޫ އެއާޕޯޓްގެ ޖެޓް ފިއުލް ފެސިލިޓީ އަޕްގްރޭޑް ކުރުމަށް ނިންމުން، އަދި ކުންފުނީގެ ވިޝަން، މިޝަން އަދި ވެލިއުސް އަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމުން ހިމެނެވެ.

މީގެ އިތުރުން، އެ ކުންފުނީގެ ބޯޑުންވަނީ ބޯޑުގެ ކޯޕަރޭޓް ގަވަރނަންސް ކޮމިޓީގެ މެންޑޭޓަށް ސަސްޓޭނަބިލިޓީ ކަންކަން އިތުރުކޮށް، އެ ކޮމިޓީގެނަން ގަވަރނަންސް އެންޑް ސަސްޓޭނަބިލިޓީ ކޮމިޓީއަށް ބަދަލުކޮށްފައެވެ. މިއީރާއްޖޭގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުގައި މިފަދަ ކޮމިޓީއެއް އުފެއްދި ފުރަތަމަ ފަހަރެވެ.

ފާއިތުވި ކުއާޓަރ އަދި އަހަރަކީވެސް އެސްޓީއޯއަށް ފާގަތި ދުވަސްތަކެކެވެ. މިދުވަސްތަކުގައި އެސްޓީއޯއިންވަނީ މުހިއްމު ރެކޯޑްތަކެއްވެސް ހަދާފައެވެ. 4 ވަނަ ކުއާޓަރނިމުނުއިރު، އެ ކުންފުނީގައި 2245 މުވައްޒަފުން އެބަ ތިއްބެވެ. އަދި 2021 ވަނަ އަހަރު ނިމުނުއިރު ކުންފުނީގައި ތިބީ 2057 މުވައްޒަފުންނެވެ. މި އަހަރުގެ ތެރޭގައި އެކުންފުނިން އެކިދާއިރާތަކުން 188 ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީފައިވެއެވެ2022ވަނަ އަހަރުގެ ނިޔަލަށް އެސްޓީއޯއިން ވަނީ 1000 އަށްވުރެ ގިނަ މުވައްޒަފުން އެކި ދާއިރާތަކުން ތަމްރީން ކުރެވިފައެވެ. އަދި ކުންފުނީގެ މި ކުރިއެރުމާއި، އިތުރު ވިޔަފާރިތަކާއި ޓެކްނޮލޮޖީ ތައާރަފް ކުރުމުގެ އަމާޒާއެކު، އައު ފުރުސަތުތަކެއް ކުރިއަށް އޮތްތާ ހުޅުވިގެންދާނެ ކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!