ވައިރަހާ ގުޅިގެން ސަރުކާރުން ދޮގެއް ނުހަދާނެ: އީވާ
ކޮރޯނާ ވައިރަހާއި ގުޅިގެން ސަރުކާރުން ދޮގުހަދާނެކަމަށް ރައްޔިތުން ގަބޫލުކޮށްގެން ނުވާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެ ކާޑަށް ޖެހިދާނެތީ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ކޮރޯނާ ވައިރަހުގެ މައްސަލައިގައި ސަރުކާރުން އިސްވެ ދޮގު ހަދާނެ ކަމަށް ހީނުކުރެއްވުމަށާއި މި ސަރުކާރަކުން މިވަރުގެ ބައްޔަކާ މެދު ދޮގު މައުލޫމާތު ދޭން ނޫޅޭނެ ކަމަށެވެ.
"އަޅުގަނޑު ވަރަށް ޔަގީންކަމާއި އެކު މި ދަންނަވަނީ މީހަކަށް ބަލި، ދިވެހި ރާއްޖޭގައި ކޮރޯނާވައިރަސް ޖެހިއްޖެއޭ ކިޔައިގެން ވާހަކަ ފެތުރެމުން ދިޔަސް، ރައްޔިތުންނަށް ޔަގީންކަން އަޅުގަނޑު އަރުވަނީ ސަރުކާރަކުން ދޮގެއް ނަހަދާނެކަން" އީވާ ވިދާޅުވިއެވެ.
ސަރުކާރުން މިކަމުގައި ދޮގު ނުހަދާނެކަން ފާހަގަކުރައްވަމުން އީވާ ވަނީ ކަރަންޓީން ކުރާ މީހުންގެ މައުލޫމާތާއި މި ބައްޔަށް މީހަކު ޓެސްޓް ކޮށްފިނަމަ އެކަމުގެ ނަތީޖާވެސް ބަރާބަރަށް ސަރުކާރުން ހާމަކުރަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.
މީގެއިތުރުން އީވާ ވަނީ މިކަމުގައި ކުރެވެން އޮތް އެންމެ ރަނގަޅު ކަމަކީ ތެދު މައުލޫމާތު އޮޅުންފިލުވާލައިގެން ތިބުން ކަމަށާއި އަދި ވައިރަހުގެ ސަބަބުން ރާއްޖެ ކާޑަށް ނުޖެހޭނެކަމުގެ ޔަގީންކަން ކަމާބެހޭ ފަރާތްތަކުން ދީފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.
"އެސްޓީއޯގެ އެމްޑީ މައުލޫމާތު އެބަ ދެއްވާ، ތިން ހަތަރު މަހުގެ ކާޑުގެ ސްޓޮކް އެބަހުއްޓޭ. އަދި އިތުރު ހަތަރު ފަސް މަހުގެ ސްޓޮކް މިހާރުވެސް އެބަ އާދެއޭ. އަދި ކޮންމެ ރަށަކަށް ޑިސްޓްރިބިއުޝަން އެޖެންޓެއް ވެސް ގާއިމުކޮށްފައޭ ވާނީ، ޑިސްޓްރިބިއުޝަން ޗެނަލްތައް ވެސް ގާއިމުވެފައޭ ވަނީ" އީވާ ވިދާޅުވިއެވެ.
ވައިރަހާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި ބިރު އަށަގަންނަވަން މަސައްކަތްކޮށްގެން ނުވާނެ ކަމަށާއި އަދި ދޮގު ހަދައިގެން ނެތް ރައްކާތެރިކަމެއް އޮތް ކަމަކަށް ދައްކަން އުޅެގެންވެސް ނުވާނެ ކަމަށް އީވާ ވިދާޅުވިއެވެ.