ޚަބަރު

ބިރުވެރިކަން އުފައްދަނީ ކަމަށް ބުނެ ވައިރަހާ ގުޅޭ ގޮތުން ޝިޔާމް ދެއްކެވި ވާހަކަ ހުއްޓުވައިފި

ކޮރޯނާ ވައިރަހާ ގުޅޭގޮތުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަނީ ކަމަށް ބުނެ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވާހަކަ ދައްކަވަމުން ދަނިކޮށް އޭނާގެ ވާހަކަ ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު މެދުކަނޑުއްވައިފިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ޝިޔާމުގެ ވިދާޅުވެފައިވަނީ މިސަރުކާރުން ކަންކަން އޮޅުވައިނުލާނެ ކަމުގައި ޤަބޫލުކުރަން ވަރަށް ދަތި ކަމުގައެވެ. އެގޮތުން ބާޣީ ލުޠުފީ ބޭރުގެ ސަފާރާއެއްގައި ފޮރުވައިގެން ގެންގުޅުނީވެސް އޮޅުވާލައިގެން ކަމަށާއިބެޑް ޝީޓެއްގެ ސަބަބުން ކުޑަކުއްޖަކު ގެއްލުނު ކަމުގައި ބުނެ އެކަމުގައިވެސް އޮޅުވާލި ކަމުގައި ޝިޔާމު ތުހުމަތުކުރެއްވިއެވެ.

ޝިޔާމު ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަސް ރާއްޖޭގައި އުޅެދާނެ ކަމަށް ބެލެވި ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި ރައްޔިތުންގެ މަންދޫބުންގެ ހައިސިއްޔަތުން އެކަންބޮޑުވަންތައް ފާޅުކުރަންޖެހިވަޑައިގަންނަވާ ކަމަށެވެ.

ޝީޔާމްގެ މި ވާހަކައާ ގުޅިގެން އިނގުރައިދޫ ދާއިރާ މެންބަރު ޙަސަން އަޙްމަދު ނިޒާމީ ނުކުތާއެއް ނަންގަވައި ޝިޔާމު ރައްޔިތުންނަށް އޮޅުވައިލައްވަނީ ކަމުގައި ވިދާޅުވިއެވެ.

އެކަމާ ގުޅިހެން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ކޮރޯނާ ވައިރަސް މިހާރު އުޅުމަކީވެސް ވަރަށް އެކަށީގެންވާ ކަމެއް ކަމުގައެވެ. ނަމަވެސް އެކަމާ މާބޮޑަށް ކަންބޮޑުވެވަޑައިގަންނަވަން ނުޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެބައްޔަށް ބޭސްކުރެވި ފަރުވާކުރެވެމުންދާނެ ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.

ދެން ޝިޔާމަށް ލިބިވަޑައިގަތް ފުރުޞަތުގައި އޭނާ ވިދާޅުވީ ދުނިޔޭގެ އެކި ޤައުމުތަކުގައި މިބައްޔާ ގުޅިގެން އަސާސީ ކާބޯތަކެތި ގަތުމަށް އަވަސްވެގަތް މަންޒަރު ފެންނަ ކަމުގައެވެ. އަދި ރާއްޖެއިންވެސް އެމަންޒަރު މިހާރު ފެންނަން ފަށައިފި ކަމުގައި ޝިޔާމު ވިދާޅުވިއެވެ. އަދި އޭގެ އިތުރަށް އެސްޓީއޯ މެނޭޖިން ޑިރެކްޓަރު މަޤާމު ދިފާޢުކުރެއްވުމަށް ކާޑު ހަމަކަމުގައި ވިދާޅުވިނަމަވެސް ތަކެތި ހުރި މިންވަރު އެނގޭނީ ގުދަން ބަލަހައްޓާ މީހާއަށް ގުޅައިގެން ބެލުމުން ކަމުގައި ޝިޔާމު ވިދާޅުވިއެވެ. އަދި ބޭސް ފިހާރަތަކުގައި ބޭސްގުޅައެއްވެސް މިހާރު ނެތްކަން އެނގިވަޑައިގަންނަވާ ކަމުގައި ޝިޔާމު ވިދާޅުވިއެވެ.

އެހިސާބުން ރައީސް ނަޝީދު ތަދައްޚުލުވެވަޑައިގެން ވިދާޅުވެފައިވަނީ އެގޮތަށް ވާހަކަދައްކަވަން ފުރުޞަތު ދެއްވެވެން ނެތް ކަމުގައެވެ. އަދި ރާއްޖޭގެ އެއްވެސް މީހަކު ކާއެއްޗެއް ގަންނަން އެއްވެސް ތާކަށް ދުވެ އުޅެނިކޮށް ދެކެވަޑައިނުގަންނަވާ ކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި މިއަދު މަޖިލިހަށް ވަޑައިގަތީ ބާޒާރު މަތިން ހިންގަވާފައި ކަމުގައާއި އެކަކުވެސް ކާއެއްޗެހި ގަންނަން ނުދުވާ ކަމުގައި ނަޝީދު ވިދާޅުވިއެެވެ. އެވާހަކަފުޅާ ގުޅިގެން ޝިޔާމު ވިދާޅުވީ އޭނާގެ އަނބިކަބަލުންގެ ރަހުމަތްތެރިން ކާބޯތަކެތި ގަނެ ހަމަކުރާ ކަމުގައި އަނބިކަބަލުން މަޢުލޫމާތު ދެއްވި ކަމުގައެވެ. ރައީސް ނަޝީދު ވިދާޅުވީ ޝިޔާމުގެ އަނބިކަބަލުން ކުރެންވެސް އައްސަވާނެ ކަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!