ރިޕޯޓު

ޖުމްހޫރީ ޕާޓީ: މިސްރާބެއް ނެތް ގަދަ ވިއްސާރައިގައި!

ޑިމޮކްރެސީއަށް ރާއްޖެ ކުރި ދަތުރުގައި ޖުމްހޫރީ ޕާޓީއަކީ މުހިންމު ދައުރެއް އަދާކޮށްފައިވާ ޕާޓީއެކެވެ. 2008 ވަނަ އަހަރުން ފެށިގެން ބޭއްވި އެކި އިންތިޚާބުތައް އެކި ޕާޓީތަކުން ކާމިޔާބު ކުރިއިރު ޖުމްހޫރީ ޕާޓީއިން މިކަމުގައި އަދާކުރި ދައުރު ވަރަށް ވެސް ބޮޑެވެ. ހަމައެއާއެކު ޖުމްހޫރީ ޕާޓީ ފާހަގަ ކުރެވެނީ އިންތިޚާބުތަކުގައި ގޮނޑިތައް ކާމިޔާބުކުރާ މިންވަރާއި ޕާޓީގެ މެމްބަރުންގެ ޢަދަދާއި ވަރުހުރި މިންވަރަށް ބެލި ނަމަވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި ބުރަދަން ބޮޑު ޕާޓީއެއްގެ ގޮތުގައެވެ.

ފެހި ގާނޫނު އަސާސީއަށްފަހު ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު އޮތީ 2008 ވަނަ އަހަރުއެވެ. އެމްޑީޕީ އިސްވެ އޮވެ އުފެއްދި''ވަތަން އެދޭ ގޮތަށް''އިއްތިހާދު އިންތިޚާބު ކާމިޔާބުކުރިއިރު އެ ކާމިޔާބީގައި ޖުމްހޫރީ ޕާޓީއާއި އެޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ނަމަވެސް އާވެރިކަމުގެ އެންމެ ހަނީމޫން ދުވަސްވަރު އާދެ! ވެރިކަމަށް 21 ވަނައަށް ވީދުވަހު ސަރުކާރާއި ފެޔަށް ޖެހިވަޑައިގެން އެ ވެރިކަން ބަދަލު ކުރުމުގައި ވެސް ޖުމްހޫރީ ޕާޓީ ހިމެނިފައި އޮތީ އެންމެ އިސް ސަފުގައެވެ.

ހަމައެހެންމެ 2013 ގައި އުފެދުނު ޕީޕީއެމް ކޯލިޝަންގެ ވެރިކަން ގެނައުމާއި އެ ވެރިކަން އެކިފަހަރު މަތިން ބަދަލުކުރުމަށް ކުރި މަސައްކަތާއި އެންމެ ފަހުން އިންތިޚާބު މެދުވެރިކޮށް އެކަން ކާމިޔާބުކުރުމުގައި ވެސް ޖުމްހޫރީ ޕާޓީގެ ހިއްސާއަކީ ހަކަތައިގެ ނިސްބަތުން ބޮޑު އެއްޗެކެވެ.

މިއާއެކު މިހާރު އެޕާޓީގެ ވިސްނުމަކީ ސިޔާސީ ވެރީން އުފައްދާ ނިމިއްޖެކަމަށާއި ދެން އޮތީ އެމީހުންގެ ފަހަރު ކަމަށް ހެދުމުގެ ވިސްނުމެވެ. މި ވިސްނުމުގައި އެޕާޓީ ދަތުރުކުރަމުން ދަނީ ކޮން މިސްރާބަކަށް ހެއްޔެވެ؟

ޕާޓީގެ އިސްސަފު ބަދަލުވުން

2018 ވަނަ އަހަރު ގެނައި ''ޖަޒީރާ ރާއްޖެ'' އުފެއްދުމުގައި ހަރަކާތްތެރިވި ޖުމްހޫރީ ޕާޓީގެ އިސް ސަފުން އެންމެ ގިނައިން ފެނުނު މޫނުތައް މިހާރު އެޕާޓީގެ ނަޒަރުން ގެއްލިއްޖެއެވެ. އާދެ! ބައެއް ބޭފުޅުން ސިފަ ކުރާ ، ޕީޕީއެމުން ޖުމްހޫރީ ޕާޓީއަށް ލެއްގި ގޮތް ނޭނގޭ ތަކެއްޗާއެކު އެޕާޓީގެ އޭރުގެ އިސްސަފު ވަނީ ގެއްލިފައެވެ. ޢަބުދުﷲ ރިޔާޒާއި ކާނަލް ނާޒިމާއި ޑރ.ޙުސައިން ރަޝީދު ކުނޫޒުން ބޭރުވިއިރު ޕާޓީގެ ރައީސް އޮނަރަބަލް ޢަލީ ވަހީދަށް ލިބުނު ޓުއަރިޒަމް މިނިސްޓަރކަމުގެ މަގާމާއެކު އޭނާ ހުންނެވީ އުސް އެންޓަނާއަކަށް އަރުއްވާ ކުނޫޒު ފެންނަ ވަރަށްވުރެ މާ އުހުގައެވެ.

މި ބަދަލުތަކާއެކު ޖުމްހޫރީ ޕާޓީގެ ހަރަކާތްތެރި މަސައްކަތުގައި އުޅުއްވާތަން ބޮޑަށް ފެންނަނީ ކުރީގެ ޕީޕީއެމް މެމްބަރުންނެވެ. އެބޭފުޅުން ދިފާޢުކުރައްވަމުން އައި ޕާޓީ ކުއްލިއަކަށް ގޯސްވެގެންދިޔަ މެމްބަރުންނެވެ.

ޕީޕީއެމްގެ އިސް ސަފުން ފެނުނު އޮނަރަބަލް އަޙުމަދު ނިހާން ޙުސައިން މަނިކާއި ޢަލީ އާރިފާއި ރިޔާޒު ރަޝީދުމެން ފަދަ ބޭފުޅުންނާއެކު ''އަންގާރައިގެ ބަދަލެއް'' އެޕާޓީން ފެންނަމުން ދިޔައެވެ. އަދި އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުން ޕާޓީއަށް ވެއްދުމުގެ މަސައްކަތްތަކެއްކޮށް ހިރަފުސް އަރާފައި އޮތް އެޕާޓީގެ މެމްބަރުންގެ ދަފުތަރު ނަންގަވާ އޭގެ ސަފުހާތައް ފުރުއްވުމުގެ ހަރުދަނާ މަސައްކަތްތަކެއް ކުރެއްވެވިއެވެ. ޕާޓީގެ ދަފުތަރު ދިހަހާހަށްވުރެ ދަށަށް ވެއްޓިފައިވަނިކޮށް މިހާރު ވަނީ އެ އަދަދު ސާދަ ހާހަށް އިތުރުކުރައްވާފައެވެ. އެ މަސައްކަތް ދައްކާލުމުގެ ހަރަކާތެއްގެ ގޮތުގައި ފެނިގެންދިޔަ ''އަަންގާރައިގެ ޖަލްސާ'' މިހާރު ގަވާއިދުން ކުރިއަށް ނުދިޔަ ނަމަވެސް އެޕާޓީން ބުނަމުން ދަނީ މިހާރު އެންމެ ހަރަކާތްތެރި ޕާޓީއަކީ އެއީ ކަމަށެވެ. އަދި ޕީޕީއެމްއާއި އެމްޑީޕީ ވެސް ޓެސްޓްކުރެވި ފެއިލް ވެއްޖެކަމަށާއި ގައުމަށް ހެޔޮ ބަދަލެއް ގެނެވޭނީ ޖުމްހޫރީ ޕާޓީއަށް ކަމަށާއި އެޕާޓީގެ ހުރިހާވެސް އަމާޒަކީ މިހާރު އެއީ ކަމަށެވެ.

އިދިކޮޅުގައިތަ؟ ނޫނީ ސަރުކާރުގައިތަ؟

ޖުމްހޫރީ ޕާޓީގެ މިހާރުގެ މައިގަނޑު ލަވަޔަކީ މަލިކު ލަވައެވެ.އެ މާ ނުނބިދެ ވާކަށް ނެތެވެ. މި މާ ދޫކޮށްލެވޭކަށް ވެސް ނެތެވެ.

އެ ޕާޓީގެ ނުހަނު ބޮޑު ހިއްސާއާއެކު ގެނައި ވެރިކަން އެބޭފުޅުންނަކަށް މިހާރު ކަމަކު ނުދެއެވެ. އެބޭފުޅުންގެ ބަހުން ނަމަ ޖުޑިޝަރީ އިޞްލާޙް ކުރުމުގެ ނަމުގައި ގެނައި ވެރިކަމުން އެކަން ކުރާ ތަނެއް ނުފެނެއެވެ. އިސްލާމްދީނަށް ފުރައްސާރަކުރުން އިންތިހާއަށް ބޮޑެވެ. މިހުރިހާ ކަމަކާހުރެ ވެރިކަން ގޯސްވާއިރު ހެޔޮވަރު އަދަދަކަށް ކެބިނެޓްގަޔާއި ސިޔާސީ މަގާމުތަކުގައި ޖުމްހޫރީ ޕާޓީގެ މެމްބަރުން ތިއްބަވައިގެން އުފާ ހޯއްދަވަނީ އެވެ. ކޮރޯނާ ވައިރަހުގެ ބިރުވެރިކަމުގެ ވާހަކަ ދައްކަވާއިރު ހެލްތު މިނިސްޓަރަކަށް ހުންނެވީ އެޕާޓީގެ މެމްބަރެކެވެ. އިންޓަނެޓްގެ އަގުހެޔޮ ނުވާ ވާހަކަ ދައްކަވާއިރު އެ މިނިސްޓްރީ ހިންގަވަނީ އެޕާޓީގެ މެމްބަރެކެވެ. މިއާއެކު ސަރުކާރު ކަމުނުދާއިރު ވެސް ''ކޯލިޝަންގައި ބައިތިއްބައިފިނަމަ'' ވަރަށް އުފާވާނެ ކަމަށް ވެސް ވިދާޅުވެއެވެ.

ޖުމްހޫރީ ޕާޓީގެ މިގޮތް ނޭނގޭ ސުޓޭންޑާއެކު އެޕާޓީން މިހާރު ''އިސްލާމް ދީނާއި ގައުމުގެ ދިފާއު''ގައި ނިކުންނަވަނީ އެވެ. ނުވަތަ ސަރުކާރުގައި ތިބެ ، ސަރުކާރު ފިއްތަނީއެވެ. ސަރުކާރުގެ ކޯލިޝަނުން އަމިއްލައަށް ނުނިކުމެ ، ބޭރުކޮށްލާ ފަދަ ފިޔަވަޅަކަށް އެދި އެވެ. އެހެންނާ ކޮންމެ ވެސް ''ބަދަލެއް'' ނުލިބި ލަސްވެގެންނެވެ.

ހަގީގަތަކީ ކޮބާ؟

ޖުމްހޫރީ ޕާޓީއިން ''ރިއަލިޓީ''ވަރަށް ސާފުކޮށް ފެނެއެވެ. ''އިސްލާމް ދީނާއި ގައުމުގެ ދިފާއު ގައި'' ޖަލްސާއަށް މީހުން ނެރޭނެކަމީ ޝައްކެތް އޮތް ކަމެއް ވެސް ނޫނެވެ. ޖަލްސާއަށް މީހުން އިތުރުކުރުމާއެކު ބޯމަތީގައި އޮތީ އިންތިޚާބު ކަމަށްވާތީ ސަރުކާރު ކަމު ނުދާނެ ކަން ވެސް ޔަގީނެވެ. ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވެސް ސަރުކާރުގައި ތިބެ ، ސަރުކާރު ގޯސްވި ބީދައިންނެވެ.

ނަމަވެސް ހަގީގަތަކީ ކޯލިޝަންގައި ދެމި ތިބުމީ ޖުމްހޫރީ ޕާޓީވެސް އަދި އެޕާޓީގެ އެންމެ ނުފޫޒުގަދަ ކަމަނާ ވެސް އެދިވަޑައިގަންނަވާ ގޮތެވެ. އެމްޑީޕީއާއި ޕީޕީއެމް ނޫން ގޮތެއް ހޯދުން އެއީ އަދި އެހެން ވާހަކައެކެވެ. އެ ވާހަކައަކީ ''ވެރިޔާ''ގެ ނަމުން ''ރައީސް''ގެ ނަމަށް މުޚާތަބު ބަދަލުކޮށްލި ވާހަކަވެސް މެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!