ސޫދާންއާއި ސޭޝެލްސްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސް ޞާލިޙު ވަނީ ދެ ސަފީރުންނާ ވަކިވަކިން ބައްދަލުކުރައްވައިފައެވެ.
ސޫދާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޢަބްދުﷲ އުމަރު ބަޝީރު އަލްހުސައިންއާއި ރައީސް ބައްދަލުކުރައްވައި، އެ މަނިކުފާނަށް ތަހުނިޔާއާއި މަރުޚަބާ ވިދާޅުވިއެވެ.
އަދި ދެ ބޭފުޅުން ވަނީ ކުރިޔަށް އޮތްތަނުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި، ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތައްކުޑަކުރުމަށް މަސައްކަތްކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ސޫދާންގެ ސަފީރު މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވަކި ޤައުމަކަށް ބެލުމެއްނެތި ރާއްޖެއިން އޮން އެރައިވަލް ވިސާ ދެމުންދާކަން ފާހަގަކުރައްވާ ދިވެހިންނަށް ސޫދާނަށް ދަަތުރުކުރުމަށް ލުއި ފަސޭހަކަން ލިބިގެންދިއުމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވައިފައެވެ.
އަދި އެމަނިކުފާނުވަނީ މިކަމުގެ ސަބަބުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި މުޢާމަލާތްތައް އިތުރުވެ ގުޅުންބަދަހިވެގެންދާނެކަން ފާހަގަކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ބައެއް ކަންކަމުގައި އެއްބާރުލުން ދެއްވުމާ ބެހޭގޮތުންނާއި، ބައިނަލްއަޤްވާމީ ގޮތުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
އަދި ދެ ބޭފުޅުންގެ ވާހަކަ ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުގެ މަޞްލަހަތު ހިމެނޭ ދާއިރާތަކުން އެކުގައި މަސައްކަތްކޮށް ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ދެބޭފުޅުންވެސް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.
ރާއްޖެއާއި ސޫދާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 10 ޖޫން 1981 ގައެވެ.
ސޫދާންގެ އިތުރުން ސޭޝެލްސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ކްލޯޑް މޮރެލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަނީ އަރުވާފައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތައް ފަހު ސޭޝެލްސްގެ ސަފީރާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. މި ރަސްމިއްޔާތައް ފަހު ބޭއްވެވި ކުރު ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ސޭޝެލްސްގެ ސަފީރު ވަނީ ތަފާތު މައުޟޫޢުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، މަސްތުވާތަކެއްޗާ ދެކޮޅަށް އެއްބާރުލުން ދިނުމާއި، އިންސާނީ ވަގުފާރި ހުއްޓުވުމާއި، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސޭޝެލްސްގެ ސަފީރު މޮރެލް ދެއްކެވި ވާހަކަފުޅުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވި ދުވަސްވަރު ކުރެއްވި މަސައްކަތްޕުޅަށް ތަޢުރީފް ކުރެއްވިއެވެ. އަދި މޫސުމާ ގުޅުންހުރި ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރާއި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭ.އޯ.އެސް.އައި.އެސް) ގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ މުހިންމު ދައުރާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސޭޝެލްސްގެ ސަފީރު ވަނީ، 2019 ވަނަ އަހަރު ސޭޝެލްސްއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅު ފާހަގަކުރައްވާ އެކަަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ދަތުރުފުޅަކީ ވަރަށް މުހިންމު ދަތުރުފުޅެއްކަމަށާއި، އެ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ސޭޝެލްސްގެ ސަފީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ސަފީރުގެ ދައުރުގައި ދިވެހިރާއްޖެއާއި ސޭޝެލްސްގެ މެދުގައި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.