އެމްޑީޕީން ތަރައްގީ މިނަނީ ކޮންކުރީޓަކުން ނޫން: ނަޝީދު
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން ތަރައްޤީ މިނެ ވަޒަންކުރަނީ ކޮންކުރީޓަކުން ނޫން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލިހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީއަށް ތާއީދު ހޯއްދަވައިދެއްވުމަށް ގދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ވާދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީން ތަރައްޤީ މިނަނީ ކޮންކުރީޓުން ނޫން ކަމުގައެވެ. އަދި އަލަށް އުފަންވާ ދަރިފުޅު ގާތުގައި މައިންބަފައިންނަށް ވަގުތު ހޭދަކުރެވުމަކީ އެއީ ތަރައްޤީ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެކަމުގެ ސަބަބުން ރަށުގެ އިގްތިސޯދު ވެސް ފުޅާވެގެންދާނެ ކަމަށެވެ. އަދި މިއަދު އިދިކޮޅުގައި ތިބި ފަރާތްތަކަކީ ލާމަރުކަޒީ ނިޒާމުވެސް ގަބޫލުކުރާ ބައެއް ނޫން ކަމަށާއި އެމީހުންނަށް އެކަންކަން ކުރަން ނޭނގޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން [އެމްޑީޕީން] ތަރައްގީ މިނަނީ މި ތަނުގައި އަޅާ ކޮންކްރީޓަކުންނެއް ނޫން. އަލަށް ވިހާ ދަރިފުޅު ކައިރީގައި މަންމަ އާއި ބައްޕައަކަށް މަޑުކޮށްލެވުނީމަ އެއީ ތަރައްގީ، މަންމައަށް ދަރިފުޅު ކައިރީ މަޑުކޮށްލެވޭ ގޮތް ވެފައި ދަރިފުޅު ރަނގަޅު ބަރުދަނެއްގައި ބޮޑު ކުރެވުނީމަ އެއީ އަޅުގަނޑުމެން ދެކޭ ތަރައްގީ އަކީ" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެ ތަރައްގީ ހޯދައިދިނުމަށް ކޮންމެ ދުވަހެއްގެ ހެނދުނު މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ސްކޫލަށްދާ ދަރިވަރުންނަށް ސައި ދެމުން އަންނަ ކަމަށާއި އެ ކަންކަން ކޮންކްރީޓުން ފެންނަން ނެތް ނަމަވެސް ހަގީގީ ތަރައްގީ އަކީ އެއީ އަދި އެމްޑީޕީން ގެންނަން ބޭނުންވާ ބަދަލަކީ ވެސް އެއީ ކަމަށެވެ.
ރަނގަޅަށް ސައި ނުބޮއި ސްކޫލަށް ދިޔުމުން ކުދިން އަނބުރައިގެނެގެން ވެއްޓި، ރަނގަޅަށް ނުކިޔެވި ސްކޫލުން ފެއިލްވުން ފަދަ ކަންކަން ދިމާވަމުންދާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.